ޚަބަރު

ޗައިނާއިން ބޭނުންވަނީ ގަދަބާރު އަދި ރާއްޖެއިން ޑިމޮކްރަސީ ނައްތާލަން: ރައީސް ނަޝީދު

ޗައިނާއިން ބޭނުންވަނީ ގަދަބާރު ކަމަށާއި އެގައުމުން ބޭނުންވަނީ ރާއްޖެއިން ޑިމޮކްރަސީ ނައްތާލަން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ޗައިނާއަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފިއެވެ.

ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެއްވި ލެކްޗާއެއްގައި އެމަނިކުފާނު ވިދާޅުވީ, ރާއްޖެއިން ބޭނުންވަނީ އިންޑިއާއާއެކު ގާތް ގުޅުމެއް ކަމަށެވެ. އަދި ދެގައުމަށް ފައިދާކުރާނެ ގުޅުމެއް ހޯދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. ރާއްޖެއިން އަބަދުވެސް އިސްކަން ދޭނީ އިންޑިއާއަށް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ, ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކުގެ ގޮތުގައި ޗައިނާ ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި ބާރުތަކެއް ދިން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ކަމަށެވެ.

"ޗައިނާއިން ބޭނުންވަނީ ގަދަބާރު އަދި ރާއްޖެއިން ޑިމޮކްރަސީ ނައްތާލަން. އެގައުމުން ބޭނުންވީ ޑިކްޓޭޓާޝިޕެއް ގާއިމުކޮށް, އެމީހުން ބޭނުންވާ ކަމެއް ކުރަން. ރާއްޖޭގެ ބޭރުގެ ދަރަނީގެ 70 ޕަސެންޓް ދައްކަންޖެހެނީ ޗައިނާއަށް. މިއީ ރާއްޖޭގެ މައްޗަށް އިގުތިސާދީ ގޮތުން އަދި ސިޔާސީ ގޮތުން ޗައިނާއަށް ބާރު ލިބޭނެ ކަމެއް," ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ބިންތައް ޗައިނާއަށް ލިބޭ ގޮތަށް ރައީސް ޔާމީންގެ ސަރުކާރުން ހަދާފައިވާ ގަވާއިދުތަކާއި ގާނޫނުތައް އެމްޑީޕީގެ މި ސަރުކާރުން އުވާލާފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ, ޗައިނާއަށް ބޮޑު ދަރަންޏެއް ދައްކަންޖެހިފައި އޮތުމުން, އެގައުމުން ރާއްޖެއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޗައިނާއަށް ކުރިމަތިވެފައި އޮތް ކާރިސާއަކީ ދަރަނި ދަންތުރައިގެ މިސާލެއް ކަމަށް ވިދާޅުވިއެވެ.

"ޗައިނާއިން ރާއްޖޭގެ ބިންތަކަށް ވެރިވުމަށް ހަދާފައިވާ ހުރިހާ ގާނޫނެއް މިހާރު ވަނީ އުވާލާފައި. ނަމަވެސް އޭގެ ސަބަބުން އެއްވެސް ކަމެއް ބަދަލެއް ނުވޭ. ޗައިނާ ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި ޕްރޮޖެކްޓުތަކެއް ދީފަ އެބަހުރި. އެއީ އިންތިހާއަށް އަގުބޮޑު ޕްރޮޖެކްޓުތަކެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި, ޗައިނާއިން ވަނީ ބިޒްނަސް ޕްލޭން ފެއިލްކޮށް, ދަރަނި ދަންތުރައަކަށް ރާއްޖެ ވައްޓާލުމަށް ޕްރޮޖެކްޓުތަކުގެ އަގުބޮޑުކޮށްފައި," ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ, ރައީސް ޔާމީންގެ ސަރުކާރުން ޓޫރިސްޓް ރިސޯޓް ހެދުމަށް ޗައިނާގެ ކުންފުނިތަކަށް އެތައް ސަތޭކަ ރަށެއް ދިން ނަމަވެސް, އެއްވެސް ރަށެއް ހެދިފައި ނުވާ ކަމަށެވެ.