އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.
އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލަކީ، މިމަހުގެ 11 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 29 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ގާނޫނަކީ ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައާއި، އެނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޒަރީއާއިން މުއާމަލާތުކުރުމާއި، ޓްރަސްޓްގެ ހިދުމަތްތަކުގެ ބޭނުންކުރުން ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި، އިލެކްޓްރޯނިކް މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކޮށް، އިލެކްޓްރޯނިކް ޒަރީއާއިން މުއާމަލާތުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި ޓްރަސްޓްގެ ހިދުމަތްތަކުގެ ބޭނުންކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ހިދުމަތްތައް ހިމެނޭގޮތަށް، ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމާއި، އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަން ގާނޫނީގޮތުން ކަށަވަރުކޮށްދިމާއި، އިލެކްޓްރޯނިކް މުއާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމާއި، އެކަންކަމަށް ގާނޫނީގޮތުން ހުރި ހުރަސްތައް ނައްތާލުން އަދި އިތުބާރު ހިފޭ ޓްރަސްޓްގެ ހިދުމަތްތައް މެދުވެރިކޮށް އިލެކްޓްރޯނިކް ޒަރީއާއިން މުއާމަލާތުކުރުން ކުރިއަރުވައި، އެފަދަ މުއާމަލާތުކުރުމުގައި އާންމުންގެ އިތުބާރު ގާއިމުކުރުން ހިމެނެއެވެ.
ރައީސް ސޯލިހު އެ ގާނޫނު ތަސްދީގުކުރެއްވުމާއި ގުޅިގެން މިއަދު ވަނީ އެ ގާނޫނު ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައެވެ.
އެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 10 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު