ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަމުގައި މިދިޔަ އަހަރު ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަން، ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދެކޮޅަށް ފީފާއަށް މައްސަލަ ހުށަހަޅައިފިއެވެ.
ކޫޕްމަން ހުށަހަޅާފައިވާ މައްސަލައަކީ އޭނާއާއެކު އެފްއޭއެމުން ހެދި އެއްބަސްވުން ގަވާއިދާ ހިލާފަށް އުވާލި ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. އެފްއޭއެމުން ކޫޕްމަންގެ ކޮންޓްރެކްޓް އުވާލީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. ކޮންޓްރެކްޓް އުވާލީ ދެ ފަރާތް އެއްބަސްވެގެން ކަމަށް އޭރު އެފްއޭއެމުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އޭރުވެސް ކޫޕްމަން ބުނެފައިވަނީ އެއްބަސްވުން އުވާލީ ގަވާއިދާ ހިލާފަށް ކަމަށެވެ.
ކޫޕްމަންއާއެކު ރާއްޖޭގެ އެސިސްޓެންޓް ކޯޗަކަށް އޭރު މަސައްކަތް ކުރި ރެނޭ ހިޑިންކްވެސް ވަނީ އޭނާގެ އެއްބަސްވުން އުވާލި މައްސަލަ ފީފާއަށް ހުށަހަޅައި ކާމިޔާބުވެސް ކޮށްފައެވެ. ރެނޭއަށް 187،375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ފީފާގެ ޓްރައިބިއުނަލުން އެފްއޭއެމްއަށް ވަނީ އަންގައިފައެވެ. މައްސަލަ ނިންމައި ފީފާއިން އެފްއޭއެމްއަށް އެކަން އެންގީ މިމަހުގެ ކުރީކޮޅުގައެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ 2020 ވަނަ އަހަރު ޖެނުއަރީ މަހު ހަވާލުވި ކޫޕްމަންއަށް ދިމާވީ ކޮވިޑް 19ގެ ހާލަތެވެ. ކޮވިޑް 19ގެ ސަބަބުން ރަސްމީ މެޗެއް ނުލިބެނީސް ފުރަތަމަ ހެދި އެއްބަސްވުން ހަމަވުމުން، އެފްއޭއެމުން ވަނީ އޭނާއަށް އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް ދީފައެވެ. ކޫޕްމަންގެ ކޯޗުކަމުގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނީ ތިން މެޗެވެ.
އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ސެންޓްރަލައިޒްކޮށް ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ތިން މެޗުގައެވެ. ސެންޓްރަަލައިޒްކޮށް ދުބާއީގައި ކުރިއަށް ދިޔަ ކޮލިފައިން މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ސީރިއާއާ ވާދަކޮށް ރާއްޖެ ބަލިވީ 4-0 އިންނެވެ. އަދި ޗައިނާ އަތުން 5-0 އިން ރާއްޖެ ބަލިވި އިރު، ފަހު މެޗުގައި ވަނީ ފިލިޕީންސާ 1-1 އިން އެއްވަރުވެފައެވެ.
ކޫޕްމަން ވަނީ ފީފާއަަށް މައްސަލަ ހުށަހެޅީ އިންސާފުން ބޭރުން ކަންކޮށްފައިވާތީ އޭގެ ބަދަލު ހޯދުމުގެ ގޮތުން ކަމަށް ބުނެފައެވެ.
"ލިބުނު ގެއްލުމުގެ މާލީ ބަދަލު ހޯދަން ފީފާގައި މައްސަލަ ކުރިއަށް މިގެންދަނީ. މީގެ ބޭނުންވަނީ ބޭނުން ގޮތަކަށް ކޮންޓްރެކްޓަކާ ހިލާފަށް ކަންތައް ނުކުރެވޭނެކަން ބުނެދޭން. އަހަރެން ހިތާމަ ކުރަން ރާއްޖެއާ އެކު އަހަރެން ޓާގެޓް ކުރި ކަންތައްތަކާ ހަމައަށް ވާސިލުނުވެވެނީސް މަގާމު ދޫކޮށްލަން ޖެހުނީމަ،" ކޫޕްމަން ބުންޏެވެ.
މާޓިން ކޫޕްމަން
މާޓިން ކޫޕްމަން
މާޓިން ކޫޕްމަން