ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ކުރިން ހުރި ސާބިއާގެ ޑޭވޯ ބާބާއަށް މުސާރަ ނުދީ އޮތް މައްސަލައިގައި، ފީފާއިން އެފްއޭއެމްއަށް އެންގި އެންގުމުގައި ވާގޮތަށް ފައިސާ ދައްކައިފިއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް "ވަން" އަށް މިއަދު ވިދާޅުވީ އަންހެން ޓީމުގެ ކޯޗަކަށް ކުރިން ހުރި ބާބާއަށް ދޭން ޖެހޭ ހަ ލައްކައެއްހާ ރުފިޔާ އެފްއޭއެމުން ދައްކާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ދަރަނިތައްވެސް އަދާކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
"ބާބާއަށް ދޭން ޖެހޭ ފައިސާ އެއްކޮށް ދައްކައިފިން. އެއީ ގާތްގަނޑަކަށް ހަ ލައްކައެއްހާ ރުފިޔާ. އިތުރު ކޯޗުންނަށް ދޭން ޖެހޭ ފައިސާގެ ކަންކަމުގައި މިހާރު މިދަނީ ގާނޫނީ މަރުހަލާތައް ނިންމުމަށް މަސައްކަތް ކުރަމުން. އެ މަރުހަލާތައް ނިމުމާއެކު ފައިސާ ދެއްކުމުގެ ކަންކަން ކުރެވޭނެ،" ޖަވާޒް ވިދާޅުވިއެވެ.
ބާބާ، ރާއްޖޭގެ އަންހެން ޓީމާ ހަވާލުވީ މިއަހަރު ޖެނުއަރީ މަހުގައެވެ. އެއް އަހަރުގެ މުއްދަތަށް އަންހެން ޓީމާ ބާބާ ހަވާލުވި ނަމަވެސް، ހަތަރު މަސް ތެރޭގައި އެފްއޭއެމުން އޭނާ ފޮނުވާލިއެވެ. ބެލެވޭ ގޮތުގައި އޭރުވެސް އެފްއޭއެމަށް ވަނީ ފައިސާގެ މައްސަލަތައް ކުރިމަތިވެފައެވެ. ބާބާ، ފީފާގެ ޑިސްޕިއުޓް ރެސޮލިއުޝަން ޗެމްބަރަށް މައްސަލަ ހުށަހެޅީ އެއްބަސްވުން ނުނިމެނީސް އޭނާ ފޮނުވާލުމުން، އެކަމުގެ ބަދަލުގެ ގޮތުގައި 1.16 މިިލިއަން ރުފިޔާ ހޯދުމަށެވެ.
ފީފާގެ ޗެމްބަރުން މިދިޔަ އޮގަސްޓް މަހު އެ މައްސަލަ ބަލައި، ނިންމިއެވެ. ޗެމްބަރުން އެފްއޭއެމްއަށް އެންގީ ބާބާއަށް 45 ދުވަހުގެ ތެރޭގައި 39،919.34 ޑޮލަރު (615،556 ރުފިޔާ) ދެއްކުމަށެވެ.
މިދިޔަ ދެއަހަރެއްހާ ދުވަސްތެރޭގައި އިތުރު ކޯޗުންތަކެއްގެ މުސާރައިގެ މައްސަލަތައް އެފްއޭއެމްއާ ދެކޮޅަށް ކާމިޔާބު ކޮށްފައިވެއެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަމުގައި މިދިޔަ އަހަރު ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިތުރުން އޭނާގެ އެސިސްޓެންޓް ރެނޭ ހިޑިންކްވެސް ވަނީ ފީފާއިން މައްސަލަ ކާމިޔާބުކޮށްފައެވެ. އެކޯޗުންނަށް ބަދަލުގެ ގޮތުގައި އެފްއޭއެމަށް ބޮޑެތި އަދަދުތަކެއް ދޭން ޖެހެއެވެ. ރެނޭއަށް އެކަނިވެސް 187،375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ފީފާގެ ޓްރައިބިއުނަލުން އެފްއޭއެމަށް ވަނީ އަންގައިފައެވެ.
އޭގެ އިތުރުން އެންމެފަހުން ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި ހުރި ސިމާއޯ ކޮސްޓާ ވެސް ދަމުން ބުނެފައިވަނީ މުސާރަ ނުދީ އޮތް ކަމަށެވެ. އޭނާވެސް މިހާރު ވަނީ ފީފާއަށް މައްސަލަ ވައްދާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ހަމައެއާއެކު ގައުމީ ޓީމުގެ ތަރުޖަމާނަކަށް ހުރި އެމިލިއޯ މިގްނޮލީއަށްވެސް ދޭން ޖެހޭ ފައިސާ ނުދީވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކޯޗުންގެ މުސާރައިގެ އިތުރުންވެސް އެފްއޭއެމަށް ވަނީ ފައިސާގެ ދަތިތަކާ ދިމާވެފައެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ތިން އަހަރުގެ ކަރަންޓު ބިލުތަކަށްވާ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލާފައިވާ އިރު، އޭޑީކޭ ކޮމްޕެނީއަށް 150000 އަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ދާދިފަހުން ސިވިލް ކޯޓުންވެސް ވަނީ އެފްއޭއެމްގެ މައްޗަށް ހުކުމް ކޮށްފައެވެ.
އޭގެ އިތުރުން ގައުމީ ސީނިއާ ޓީމު ކުޅުންތެރިންނަށް ސާފު ޗެމްޕިއަންޝިޕަށް ފަހު ދޭން ބުނި ބޯނަސް ފައިސާ އެއް އަހަރު ވީއިރުވެސް ދީފައެއް ނުވެއެވެ. ސާފް ޗެމްޕިއަންޝިޕަށް ފަހު ޓީމަށް ހަދިޔާކުރި ފައިސާ ދީފައިވަނީ އަމިއްލަ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު މޫސާ (އުއްޗު) އެވެ. އުއްޗު އެ ފައިސާ ދީފައިވަނީ އޭނާގެ ރިސޯޓު، ކުރެއްދޫ އައިލެންޑް ރިސޯޓާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗަކަށްފަހުއެވެ. އޭނާ ދީފައި ވަނީ ޖުމުލަ 1.2 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އުއްޗު އަމިއްލައަށް ހަދިޔާކުރީ 500،000 ރުފިޔާއެވެ.
އެ ފައިސާ ދޭނެ ކަމަށް މިދިޔަ މަހުގެ ތެރޭގައި ބުނި ނަމަވެސް އަދިވެސް ދީފައެއް ނުވެއެވެ. އެކަމުގައި ބައެއް ކުޅުންތެރިން ދަނީ ޝަކުވާވެސް ކުރަމުންނެވެ.
އޭގެ އިތުރުންވެސް އެކިއެކި ކުންފުނިތަކަށް އެފްއޭއެމްއިން ފައިސާ ދައްކަން ޖެހޭ މައްސަލަތައް ކޯޓުގައިވެސް އެބައޮތެވެ. އެގޮތުން އެންމެފަހުން ފެންމަތިވި މައްސަލައަކީ އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ 45 މިލިއަން ރުފިޔާ ނުދައްކާ އޮތް މައްސަލައެކެވެ. އެ މައްސަލައިގައި އެފްއޭއެމްއިން ވަނީ ސެޓަލްމެންޓް އެއްބަސްވުމެއްގައި ސޮއިކޮށް، ހުޅުމާލޭއިން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާ ނުލައި 25 އަހަރަށް ދިނުމަށް އެއްބަސްވެފައެވެ.
މުހައްމަދު ވަހީދު އެދުނު ގޮތަށް އެފްއޭއެމުން އެއްބަސްވެފައިވާތީ ސިވިލް ކޯޓުން ހުކުމްކުރީ ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް 13 މިލިއަން ރުފިޔާގެ ދަރަނީގެ ބަދަލުގައި ހުޅުމާލޭއިން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާ ނުލައި 25 އަހަރަށް އެޕޯލާ ކުންފުންޏަށް ދިނުމަށެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރް "ވަން" އަށް މިރޭ ވިދާޅުވީ، ޓްރޭނިން ފެސިލިޓީއެއް އެޅުމަށް އެފްއޭއެމްއަށް ދޫކޮށްފައިވާ ބިމުން އެޕޯލޯ ކުންފުންޏަށް 5،000 އަކަފުޓޫގެ ބިމެއް އެފްއޭއެމުން ދީފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް