ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް އުވާލައިފިއެވެ.
ކޫޕްމަންގެ ކޮންޓްރެކްޓް އުވާލަން އެފްއޭއެމުން ނިންމީ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް ފަހު ގައުމީ ޓީމުގެ ކޯޗާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދެކެވިގެން ދެ ފަރާތް އެއްބަސްވެގެންނެވެ.
ޕީއެސްއެމްގެ "އެކްސްކްލޫސިވް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކޯޗާއެކު ވެފައިވާ އެއްބަސްވުން އުވާލުމުގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށާއި، މިހާތަނަށް ކޯޗުގެ ކޮންޓްރެކްޓް އުވާލި ވާހަކަ މީޑިއާއާ ހިއްސާ ނުކޮށް އޮތް ސަބަބަކީ މި ދުވަސްވަރަކީ ތަންކޮޅެއް ފޯރީގައި ރާއްޖޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ސާފް ޗެމްޕިއަންޝިޕްގެ ވާހަކަ ދައްކަމުން އަންނަ ވަގުތެއް ކަމަށްވާތީ ކަމަށެވެ.
"އަޅުގަނޑުމެން މި ނިމުނު ކޮލިފައިން ކަންތައްތަކަށް ބެލުމަށް ފަހު ބައެއް ކަހަލަ ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރުމާ އެކީ ދެން ކޯޗާ އެކު ބޭއްވުނު ބައްދަލުވުމުގައި އެއްބަސް ނުވެވުނު ކަންތައްތައް ހުރުމާ އެކީ ކޮންޓްރެކްޓް ޓާމިނޭޓް ކޮށްފައިވާނީ (އުވާލާފައިވާނީ)،" ބައްސާމް ވިދާޅުވި އެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ ކޫޕްމަން ހަވާލުވީ މިދިޔަ އަހަރު ޖެނުއަރީ މަހުއެވެ. ކޫޕްމަން އަށް ރަސްމީ މެޗެއް ނުލިބެނީސް މިއަހަރުގެ ކުރީކޮޅުގައި ވަނީ އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް ދީފަ އެވެ. އެކަމަކު، މިދިޔަ ޖޫން މަހު ކުރިއަށް ދިޔަ ކޮލިފައިން މެޗުތަކަށް ފަހު އެފްއޭއެމާ އެކު ކޫޕްމަން ބޭއްވި ބައްދަލުމުވުމުގައި ދެ ފަރާތުގެ މެދުގައި ދެބަސްވުންތަކެއް ހުރުމުން ނިންމީ ކޮންޓްރެކްޓް އުވާލުމަށެވެ.
ގައުމީ ކޯޗަކަަށް ކޫޕްމަން ގެނައީ އެންމެ ފަހުން އެ މަގާމުގައި ހުރި ޕީޓާ ސެގާޓް ވަކިކޮށްފަ އެވެ. ސެގާޓް ވަކިކުރީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު އެވެ.
ކޫޕްމަން އަކީ މިދިޔަ ހައެއްކަ އަހަރު ތެރޭ ގައުމީ ޓީމުގެ ކޯޗުކަން ގެއްލުނު ބިދޭސީ ފަސް ވަނަ ކޯޗެވެ. ކޫޕްމަން އާއި ސެގާޓްގެ އިތުރުން ދެން ގައުމީ ޓީމަށް އެ މުއްދަތުގެ ތެރޭގައި އިރުޝާދުދިނީ ވެލީޒާ ޕޮޕޯފް، ރިކީ ހާބަޓް އަދި ޑަރެން ސްޓެވާޓް އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު