އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އިންތިހާބަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވާނެކަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއުލާންކުރައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް ނަޝީދު ކުރިމަތިލައްވާނެކަން އީވާ އިއުލާންކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕޭން ހަރަކާތެއްގައި ރޭ ވާހަކަދައްކަވަމުންނެވެ. އީވާ ވިދާޅުވީ 2023ގައި ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެ އިންތިހާބަށް ރައީސް ނަޝީދު ކުރިމަތިލައްވާނެ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން އީވާ ފާހަގަކުރެއްވި ނަމަވެސް ބަލިވެއްޖެ ނަމަ، ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަށް ތާއީދުކުރައްވާނެކަން ހާމަކުރައްވައިފައެއް ނުވެއެވެ.
"2023ގައި އަޅުގަނޑުމެން ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް. 2023ގައި އަޅުގަނޑުމެން އެންމެންވެސް ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް. 2023ގެ އިންތިހާބަށް އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ. 2023ގެ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތިލައްވާނެ،" ރައީސް ނަޝީދުގެ ދެބޭންގެދެދަރި، އީވާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވެސް ވަނީ އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އޭރު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނު ބަލިވެއްޖެނަމަ، އެމްޑީޕީން އިންތިހާބަށް ނުކުންނަ ކެންޑިޑޭޓަކަށް އެމަނިކުފާނު ތާއީދުކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީން ނެރޭ ކެންޑިޑޭޓަކަށް އެމަނިކުފާނު ތާއީދު ނުކުރާނެ ދުވަހެއް އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައިގެން ބަލިވެވަޑައިނުގަންނަވާނެ ކަމަށާއި އިންތިހާބުތަކުގައި ވާދަކުރައްވަނީ ގަދަވުމަށް ކަމަށެވެ. އަދި ޕްރައިމަރީއަކާ ނުލައި ރައީސް ސޯލިހަށް ޓިކެޓް ލިބޭނެ ގޮތެއް ނެތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާ އިރު, ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެމްޑީޕީގެ ތެރޭގައި ވެސް ސަރުކާރުގެ ކަންކަމާއި ރައީސް ސޯލިހަށް ވެސް ނަޝީދު ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ކެމްޕޭނުގެ ތެރެއިންނާއި ރައްޔިތުންގެ މަޖިލިސް އަދި އެމްޑީޕީގެ ތެރެއިން ވެސް ބޮޑުވެފައިވާ އިރު، އިންތިއާ ދެކޮޅަށް ނުކުންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ނިސްބަތްވެވަޑައިގަންނަވަނީ ރައީސް ސޯލިހުގެ ފެކްޝަނަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އިންތި ނިސްބަތްވަނީ ރައީސް ނަޝީދުގެ ފެކްޝަނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު