ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަމް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާނެ ފަނޑިޔާރަކު ހޮވުމަށް ބޭއްވި އިންތިހާބު ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ކާމިޔާބުކުރައްވައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިންތިހާބު ކުރާ ފަނޑިޔާރެއްގެ ގޮތުގައި ފަނޑިޔާރު ނިޔާޒް އިންތިހާބު ކުރީ ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު އަލީ ސަމީރު މިމަހުގެ 17 ވަނަ ދުވަހު ފަނޑިޔާރުކަމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާނެ ފަނޑިޔާރަކު ހޮވަން ބޭއްވި އިންތިހާބު ވާދަކުރި ފަނޑިޔާރުންގެ ނަންތައް ހާމައެއް ނުކުރެއެވެ.

ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް މިރޭ ވިދާޅުވީ، ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް، ފަނޑިޔާރު ނިޔާޒް މިރޭ އިންތިހާބުކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ފަނޑިޔާރު ނިޔާޒް ވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވައިފައެވެ. އަދި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް އޭނާ ވަނީ ކުރައްވައިފައެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ވޯޓުން ނިޔާޒް އިންތިހާބު ކުރިނަމަވެސް ޖޭއެސްސީގެ މެމްބަރަކަށް އޭނާ ވާނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރެއްވުމުންނެވެ.