ޚަބަރު

އެސްޓީއޯއާ ހަވާލުކުރި ހުރިހާ އެމްބިއުލާންސެއް ގެނެސްފި

މުހައްމަދު އިޝާން

އަތޮޅުތެރެއަށް ގެންނަން ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓޯ)އާ ހަވާލުކުރި 96 އެމްބިއުލާސް ރާއްޖެ ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އެމްބިއުލާސްތައް ހެލްތް މިނިސްޓްރީއާ ހަވާލުކުރީ މިއަދު ހަވީރު އެސްޓީއޯ ހެޑް އޮފީހުގެ ބޭރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެސްޓީއޯގެ ފަރާތުން އެމްބިއުލާންސްތައް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން އެމްބިއުލާސްތަކާ ހަވާލުވެވަޑައިގަތީ މިނިސްޓަރު އަހުމަދު ނަސީމުއެވެ.

އެ އެމްބިއުލާސްތައް ރާއްޖެ ގެނެއުމަށް ހެލްތު މިނިސްޓްރީން އެސްޓީއޯ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

އެސްޓީއޯ ހެޑް އޮފީހުގެ ބޭރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ، އެމްބިއުލާންސްތަކަށް ވާ ފައިސާ ދެއްކުމަށް އެސްޓީއޯ އިން ތިން އަހަރުގެ މުއްދަތެއް ވެސް ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން އަދި ބާކީ އެއް އަހަރު އެބައޮތް ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީމް ވަނީ އެސްޓީއޯގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

"އަސްލު މިއީ ވަރަށް ބުރަބޮޑު މަސައްކަތެއް. އެކަންތައްތައް އަޅުގަނޑުމެންނަށް އެސްޓީއޯއިން ކޮށްދީފައިވަނީ ސީއެސްއާރްގެ ދަށުން، މި އެމްބިއުލާސްތައް މި ހިސާބަށް ގެނެސްފައި، ދޫކޮށްލަނީކީ ނޫން. އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވައި ބޭނުންނުވާ ބާ އެމްބިއުލާސްތައް އަޅުގަނޑުމެންނަށް ގެނެސްދީ މިކަހަލަ މަސައްކަތެއް އެސްޓީއޯއިން އަޅުގަނޑުމެންނާއެކު ކުރަނީ،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ ދަށުން މި އަހަރު ސިއްހީ ދާއިރާއަށް "އާދަޔާ ހިލާފަށް" ފޯކަސް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސިއްހީ ދާއިރާއަށް ހާއްސަ ކޮށްގެން ރާވާފައިވާ ސްޓްރެޓެޖީތައް މި އަހަރު ނިމުމުގެ ކުރިން ނިންމައި ހަރުދަނާކަމާ އެކު ހިދުމަތް ދެވޭނެ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އާ ހޮސްޕިޓަލުތަކެއް ހަދާނެ ކަމަށާއި އެ ކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

"މަސައްކަތް ފުރިހަމަ ވެގެންދާއިރު ރައްޔިތުންނަށް އެނގޭނެ ޑޮކްޓަރު ރަށަށް ވަޑައިގަންނަ ދުވަސް. މާލެއިން ރަށްރަށް ގޮސް ބަލިތަކަށް ފަރުވާކޮށްދެވޭނެ ނިޒާމު ގާއިމްކުރެވިގެންދާނެ،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ، ހުރިހާ ރަށަކަށް އެމްބިއުލާސް ފޮނުވާފައިވީ ނަމަވެސް ބައެއް ރަށްރަށުގެ އެމްބިއުލާންސްތަކުގައި މައްސަލަ ޖެހިފައިވާ ކަމަށެވެ. އެމްބިއުލާސްތަކުގައި މައްސަލަ ޖެހެނީ ޕާކުކުރާނެ ގަރާޖެއް ނެތުމުން ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.