ލުއި ޚަބަރު

އިސްކޮޅުގެ ރިކޯޑް އެމެރިކާގެ އާއިލާއަކަށް

އިސްކޮޅުން ދިގުވުމަކީ އާދަޔާ ޚިލާފުކަމެއް ނޫނެވެ. އެއީ ވަރަށް އާއްމު ކަމެކެވެ. އެހެންނަމަވެސް ދުނިޔޭގެ ރިކޯޑު ފޮތަށް އަރާވަރުގެ އިސްކޮޅެއް ލިބުން އާއްމެއް ނޫނެވެ. އެހިސާބަށް ދެވެނީ މަދު ބަޔަކަށެވެ. އާދަޔާ ޚިލާފު ދިގު އިސްކޮޅެއް ލިބިގެންނެވެ.

އިސްކޮޅާއި ގުޅިފައިވާ ވަރަށް ގިނަ ރިކޯޑު ހުރެއެވެ. އެންމެ ދިގު މީހާއެވެ. އެންމެ ދިގު އަންހެނާއެވެ. އެންމެ ދިގު ފިރިހެނާއެވެ. އެންމެ ދިގު ޒުވާނާއެވެ. މިކަހަލަ ރިކޯޑުތައް ލިބެނީ ވަކިވަކި ފަރުދުންނަށެވެ. މުޅި އާއިލާއަށް ލިބޭ ރިކޯޑުތައްވެސް ހުރެއެވެ. އޭގެތެރެއިން އެއް ރިކޯޑަކީ އިސްކޮޅުން އެންމެ ދިގު މީހުން ހިމެނޭ އާއިލާކަމަށް ވުމުގެ ރިކޯޑެވެ. އާއިލާގެ ހުރިހާ މެންބަރުން ހިމަނައިގެން އެވަރެޖް އިސްކޮޅު އެންމެ ދިގު އާއިލާ ކަމަށް ވުމުގެ ރިކޯޑެވެ.

އެންމެ ދިގު އާއިލާކަމަށް ވުމުގެ ރިކޯޑު މިހާރު އޮތީ އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ އާއިލާއަކަށެވެ. ޖުމްލަ ފަސް މީހުންގެ މައްޗަށް އެކުލެވިގެންވާ ޓްރެޕް އާއިލާގެ އެވްރެޖް އިސްކޮޅަކީ ހަފޫޓު އަށް އިންޗިއެވެ. މިއެންމެންގެ އިސްކޮޅުވެސް ދާދި އެއްވަރެވެ. މި އާއިލާގެ އާދަޔާ ޚިލާފު ސިފަޔަކީ އެންމެންވެސް އެހައި ދިގުވުމެވެ.

ޓްރެޕް އާއިލާގެ ހުރިހާ މެންބަރުންގެ އިސްކޮޅު އެއްކޮށްލީމާ އޮލިމްޕިކް ސައިޒުގެ ޓެނިސްކޯޓެއްގެ ދިގުމިނާ އެއްވަރެވެ. މި އާއިލާގައި ހިމެނެނީ ސްކޮޓް، ކްރިސީ، ސަވަންނާ، މޮލީ އަދި އެޑަމްއެވެ. މިއީ ދެމަފިރިޔަކާއި އެމީހުންގެ ތިން ދަރީންނެވެ. މި ތިން ދަރީންވެސް ވަނީ އެމީހުންގެ ދިގު އިސްކޮޅުގެ ފައިދާ ނަގައި ޕްރޮފެޝަނަލް ލެވެލްގައި ބާސްކެޓްބޯޅަ ކުޅެފައެވެ.