ޚަބަރު

ހުޅުމާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ވެމްކޯއަށް

އަލީ ޔާމިން

ހުޅުމާލޭގެ އާންމު ސަރަހައްދުތައް ކުނިކަހައި ސާފުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފިއެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

ތިން އަހަރު ދުވަހުގެ މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ އާންމު ސަރަހައްދުތައް ސާފުކޮށް، ހުޅުމާލެއިން ނެގޭ ކުނީގެ ބާވަތްތައް ވަކިކުރެވި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލެގައި ތަރައްގީކޮށް އާންމުކޮށް ހުޅުވާލާފައިވާ ހުރިހާ މަގުތަކާއި މަގާ އިންވެގެންވާ ޕޭމަންޓާއި ގަސް އިންދާފައިވާ ސަރަހައްދުތަކާއި ޕާކުތަކާއި އަދި ބީޗު ސަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ.

މިގޮތުން ވެމްކޯއިން ކުނިކަހައި ސާފުކުރުމުގައި ނެގުމަށް ހަމަޖެހިފައިވަނީ އާންމުކޮށް "ލީޓަ" ކޮށްފައި ހުންނަ ކުނީގެ ބާވަތްތަކެވެ. މި ބާވަތުގެ ކުނީގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކް ފުޅި، ދަޅު، ކޮތަޅު، ކަރުދާސް، ފަތްކުނި، ޕެކޭޖިން އަދި މިފަދަ އެހެނިހެން ބާވަތްތަކެވެ.

ވެމްކޯއިން ބުނީ، ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތައް ރަޖިސްޓަރީ ނުކޮށް ތިބި ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ހޯދުމަށް ރަޖިސްޓާކުރުން އެދޭ ކަމަށެވެ.