އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ، މާވިންއަށް ކުރާ ދައުވާއަށް އޭނާ މިއަދު އިންކާރު ކޮށްފިއެވެ.
މޭރީގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިންގެ އިތުރުން، މާވިންގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ވެސް ވަނީ ހައްޔަރުކޮށް ދައުވާ އުފުލައިފައެވެ.
މި މައްސަލައިގައި މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.
މި ދެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.
އެގޮތުން މިއަދު ކުރިމިނަލް ކޯޓުގައި އޮތީ، މާވިންއަށް ކުރާ ދައުވާގެ އަޑުއެހުމެކެވެ. މިއަދު ކުރިއަށްދިޔައީ މާވިންގެ މައްޗަށް ކުރާ ދައުވާ އިއްވުމާއި ޖަވާބުދާރީވުމަށް ފުރުސަތު ދިނުމެވެ.
ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރަނީ، ހުސްވި 2021 ވަނަ އަހަރުގެ އޮކްޓުބަރު މަހުގެ 19 ވަނަ ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި، އޭނާގެ އަންހެނުން، ފިލިޕީންސްގެ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ ބޮލާއި ކަރަށް ހަމަލާ ދިނުމުގެ އިތުރުން، ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.
ދައުލަތުގެ ވަކީލު ދައުވާ އިއްވުމުން، ޖަވާބުދާރީވާން މާވިން އަށް ދިން ފުރުސަތުގައި، އޭނާގެ ދިފާއީ ވަކީލު އިސްމާއީލް މުހައްމަދު ވިދާޅުވީ، މޭރީގެ ބޮލަށާއި، ކަރަށް މާވިން ހަމަލާދިން ކަމަށާއި، އެއަށްފަހު ނޭވާ ހާސްކޮށްލައިގެން އޭނާ މަރައިލިކަމަށް ދައުލަތުން ބުނާއިރު، މޭރީގެ ބޮލަށް ހަމަލާ ދިނީ ކިހިނެއްތޯ އާއި، ކޮން އެއްޗެއް ބޭނުންކޮށް، ކޮން ގޮތަކަށްތޯ ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މޭރީގެ ބޮލަށާއި ކަރަށް ހަމަލާ ދީފައިވާކަން އޮޓޮޕްސީ ރިޕޯޓުން އެނގޭ ކަމަށެވެ. އަދި އެ ދުވަހު އެތަނުގައި ހުރީ ހަމައެކަނި މާވިން ކަމަށް ތަހުގީގުގައި މާވިން ބުނެފައިވާ ކަމަށާއި، އޭނާގެ ފޯނުގެ ސާޗް ހިސްޓްރީން، މީހަކު މަރާލާނެގޮތް ސާޗް ކޮށްފައިވާކަން އެނގެން އޮތުމުން، އެކަން ސާބިތުވާ ކަމަށެވެ.
ނަމަވެސް ދިފާއުން ބުނީ، ދައުވާގައި ހިމެނޭ ހުރިހާ ކަމަކަށް އިންކާރު ކުރާ ކަމަށެވެ. އަދި ގަސްތުގައިވެސް، ގަސްތާ ނުލައިވެސް، އެއްވެސް އިރެއްގައި، އެއްވެސް ބާވަތެއްގެ ޖިސްމާނީ އަނިޔާއެއް މޭރީއަށް ދީފައިނުވާ ކަމަށްވެސް މާވިންގެ ފަރާތުން ދިފާއި ވަކީލު ވިދާޅުވިއެވެ.
ދައުލަތުން ބުނީ، މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުން ކަމަށެވެ. ނަމަވެސް، ދައުވާއަށް މާވިން އިއުތިރާފު ވެއްޖެނަމަ، އެއްދަރަޖައަކަށް ދަށްކޮށް، އެ ކުށުގެ އަސާސީ އަދަބެއްގެ ގޮތުން ހަތް އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ. ނަމަވެސް މޭރީ ހުރީ، އިސްލާމީ ދައުލަތެއްގެ ބެލުމުގެ ދަށުގައި ކަމުން، މޭރީގެ އާއިލާއިން އެދިއްޖެ ހާލަތެއްގައި މާވިންގެ ކިބައިން ގިސާސް ހިފިދާނެކަމަށްވެސް ދައުލަތުން ބުންޏެވެ.
މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން، ކްރިމިނަލް ކޯޓގެ ގާޒީ، ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ، މި މައްސަލައިގައި ދެން އޮންނާނީ ހެކި ހުށަހެޅުން ކަމަށާއި، އެކަމަށްޓަކައި އަންނަ މެއި މަހުގެ 10 ވަނަ ދުވަހު އަޑުއެހުމެއް ބާއްވަވާނެ ކަމަށެެވެ.
ޚަބަރު
ޚަބަރު
ޚަބަރު