ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމަށްޓަކައި ބާކައުންސިލުން ބާއްވާ، ބާ އިމްތިހާނު ފަރުމާކޮށް ތަރައްގީ ކުރުމަށް 6.1 މިލިޔަން ރުފިޔާ ހަރަދު ކުރަންޖެހޭ ސަބަބެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.
ބާ އިމްތިހާނު މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވާއިރު އިމްތިހާނު އޮންނާނެ ސީދާ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ބާކައުންސިލުން މީގެ ކުރިން ބުނެފައި ވަނީ، ބާ އިމްތިހާނު ހެދުމަށް ބައިވެރިވާ ކޮންމެ މީހަކަށް، 20،000 ރުފިޔާ ހަރަދުވާ ކަމަށެވެ. ނަމަވެސް މި އަހަރު ބާއްވާ ބާ އިމްތިހާނަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އިންތިހާނުކަމަށްވާތީ، އިމްތިހާނުގެ ދެބައިކުޅަ އެއްބައިގެ ހަަރަދު ކައުންސިލުން ހިފަން ނިންމައި، އިމްތިހާނުގައި ބައިވެރިވާ ކޮންމެ ފަރާތެއްގެ އަތުން 10،000 ރުފިޔާ ނަގަން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އިމްތިހާނު ހަދަން ދައްކަންޖެހޭ ފީގެ ބޮޑުކަމުން، ގިނަ ފަރާތްތަކުން ވަނީ ކަނބޮޑުވުން ފާޅު ކޮށްފައެވެ. އަދި އެމައްސަލަ ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށްވެސް ހުށަހަޅައިފައެވެ.
ބާ އިމްތިހާނު ފަރުމާކޮށް ތަރައްގީ ކުރުމަށް 6.1 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް، ބާކައުންސިލުން ޖުޑީޝަރީ ކޮމިޓީއަށް ވަނީ މައުލޫމާތު ދީފައެވެ. އޭގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި ދެ މިލިޔަނެއްހާ ރުފިހާ، ކެޕިޓަލް ހަރަދަށް ހަތަރުލައްކައަށްވުރެން ގިނަ ރުފިޔާ ހަރަދުވާނެ ކަމަށްވެސް ވަނީ މައުލޫމާތު ދީފައެވެ.
މިކަމާބެހޭގޮތުން އިއްޔެ ބޭއްވި ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން، އެ ކޮމިޓީގެ ނާއިބު މުގައްރިރު، އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، ބާ އިމްތިހާނު ފަރުމާކޮށް، ތަރައްގީ ކުރުމަށް، ބާ ކައުންސިލުން ކަނޑައަޅާފައި ވަނީ އިނގިރޭސި ވިލާތުގެ ޗެކްލާން ކަމަށެވެ.
ބާ އިމްތިހާނުގެ ބޭނުމަކީ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުން ކަމަށާއި، ރާއްޖޭގެ ހުރިހާ ގާނޫނުތަކެއް ދިވެހި ބަހުން ހުއްޓައި އިނގިރޭސި ވިލާތުގެ ބަޔަކާ ހަވާލުކޮށްގެން އެކަމަށް 6.1 މިލިޔަން ރުފިޔާ ހަރަދު ކުރަނީ ކޮންކަމަށްތޯ ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދައުލަތުގެ އިދާރާއަކުން ފަރާތަކަށް އެހާގިގަ ފައިސާ ދޭއިރު، އެ މަަސައްކަތަށް އެ ފަރާތް ހޮވި ގޮތެއް އޮޅުންފިލުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އިނގިރޭސި ވިލާތުގެ ބަޔަކާ އެ މަސައްކަތް ހަވާލު ކުރަން ނިންމާފައި ވަނީ، ބާ އެގްޒާމެއް ތައްޔާރު ކޮށްލެވޭ ވަރުގެ މޮޅެތި މީހުންނާއި، އެ ފެންވަރުގެ މުއައްސަސާތައް ރާއްޖޭގައި ނެތިގެންތޯ ކޮމިޓީން އޮޅުންފިލުވަން ހުށަހަޅާ ކަމަށްވެސް މެންބަރު މޫސާ ސިރާޖު ވިދާޅުވިއެވެ.
މޫސާ ސިރާޖުގެ އެ ހުށަހެޅުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވަނީ ތާއީދު ކުރައްވައިފައެވެ.
ބާ ކައުންސިލް
ބާ ކައުންސިލް
ބާ ކައުންސިލް
ބާ ކައުންސިލް