ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގެންނަ އިސްލާހުން ރައްޔިތުންގެ އިންތިހާބީ އެއްވެސް ހައްގަކަށް އުނިކަމެއް ނާންނާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭގޮތުން ބާ ކައުންސިލުން އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އޭޖީ އުޝާމް ވިދާޅުވީ ދިވެހިރާއްޖޭގައި ބަލައިގެންފައި އޮންނަނީ މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމެއް ކަމަށާއި އެ ނިޒާމުގެ ތެރެއިން ވެސް އެންމެ މުހިންމު މާއްދާއަކީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ ކަމަށެވެ.
ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނަނީ، ބާރުތައް ފެށިގެން މި އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި، އަދި ރައްޔިތުންގެ ކިބައިން ބާރުތައް ލިބިގަންނަ ދުސްތޫރީ އެންމެ އަސާސީ ސިފައަކީ ރައްޔިތުންނަށް ލިބިދީފައި އޮންނަ އިންތިހާބުތަކުގައި ވޯޓުދިނުމުގެ ހައްގު ކަމަށް އުޝާމް ވިދާޅުވިއެވެ.
"ރައްޔިތުން އިންތިހާބުތަކުގައި ވޯޓުލައިގެން ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކުރުމުގެ ހައްގު، ރައްޔިތުން ވޯޓުލައިގެން ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރުމުގެ ހައްގު. މިއީ އެންމެ ބޭސިކް އެއް އަސާސަކީ ގާނޫނުއަސާސީގައި ކަނޑައެޅިފައި މިއޮތް. މި އިސްލާހުގެ ސަބަބުން މިކަމަށް އެއްވެސް ބަދަލެއް އާދޭތޯ، އެއްވެސް ބަދަލެއް ނާދޭ،" އޭޖީ ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވި ކަމުގައިވީ ނަމަވެސް، ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކުރުމުގެ ފުރުސަތުގެ އިތުރުން ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާނެ މީހުން ހޮވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. އަދި ހަމައެކަނި ތަފާތަކީ ކުރީގައި ހައެއްކަ މަސް ދުވަހުގެ ތެރޭގައި މި ބާއްވާ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް އޭޖީ ވިދާޅުވިއެވެ.
"އެހެންވީމާ މި ބަދަލުގެ ސަބަބުން ދުސްތޫރީ އޮނިގަނޑަށް ބަދަލެއް އަންނަ ކަމަކަށް އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަން. މި ބަދަލަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ރާއްޖޭގައި ޒަމާނުއްސުރެ އަމަލުކުރަމުން އައި އިންތިހާބީ އޮނިގަނޑަށް އަންނަ ބަދަލެއް. ކުރީގައި ވަކިން ބާއްވަމުންދިޔަ ދެ އިންތިހާބު އެއް ދުވަހެއްގައި އެކުއެކީގައި ބާއްވައިގެން އިންތިހާބީ އޮނިގަނޑަށް އަންނަ ބަދަލެއް،" އޭޖީ ވިދާޅުވިއެވެ.
އެ އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލެއް އަންނާނެ ފަދަ އިސްލާހެއް ނޫން ކަމަށް އުޝާމްގެ އިތުރުން، ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ އާއިޝަތު އާޒިމާ ޝަކޫރާއި ދިޔާނާ ސައީދު އަދި ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނައިބު ރައީސް ޝާހީން ހަމީދު ވެސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރާއްޖޭގެ ފުރަތަމަ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ އަސާސީ އޮނިގަނޑަށް ބަދަލެއް އަންނާނެ ފަދަ އިސްލާހެއްތޯ ނުވަތަ ނޫންތޯ ސީދާ ދެންނެވޭނީ އިތުރަށް ދިރާސާކުރެއްވުމަށްފަހު ކަމަށެވެ.
އޭގެ އިތުރުން ގާނޫނީ ދިރާސާތައް ކުރައްވައި، ގާނޫނީ ލިޔުންތައް ލިޔުއްވާ ޑރ. ޝަމްސުލް ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބުކުރެވޭ ގޮތަށް ބަދަލެއް ގެނެވޭ ނަމަ، އެއީ އޭގެ ސަބަބުން ބާރުތައް ވަކިކުރުމުގެ ނިޒާމަށް ވެސް އޭގެން އަސަރު ފޯރާނެ ކަމަށާއި އެހެންވެއްޖެ ކަމަށްވަންޏާ، ގާނޫނުއަސާސީގެ އޮނިގަނޑަށް ބަލައިލީމާ އެއީ ބާރުތައް ވަކިކުރުމުގެ ނިޒާމަށް ލޮޅުން އަރާ ކަމެއް ކަމަށެވެ.
އެ ސަބަބުތަކާ ހުރެ އެއީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަ ކަމެއް ކަމަށާއި އެހެން ނޫން ނަމަ، 265 ވަނަ މާއްދާގެ ދަށުން ރައްޔިތުން ކުރެ އެ ސުވާލު ނުކޮށް، ރައްޔިތުންގެ މަޖިލީހުން ބޭނުންވީމަ ބަދަލު ގެނެވޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
ރައްޔިތުން ގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ ގެ ބާރުގެ ތެރޭގައި ގާނޫނު އަސާސީ ގައި އޮތްބާރެއްނޫން ވީމާ ނުޖެހޭ ތި ދެ އިންޚަބު އެއްދުވަހަކު ބާއްވަން
ދިރާސާ - 3 މަސް ކުރިން