ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވިއްޖެ ނަމަ، ނަތީޖާ ރަނގަޅުވާނެ ކަމަށް ގާނޫނުއަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނައިބު ރައީސް ޝާހީން ހަމީދު ވިދާޅުވެއްޖެއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭގޮތުން ބާ ކައުންސިލުން އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޝާހީން ވިދާޅުވީ ވެރިކަން ކުރާ ފަރާތާއި ގާނޫނު ހަދާ ފަރާތް އެއް އިރެއްގައި ބަދަލުވެގެންދާ އިރު، ކޮންޓިނިއުޓީ ގެއްލިގެން ހިނގައިދާނެ ކަމަށާއި ނަމަވެސް އެ ކޮންޓިނިއުޓީ ދެމެހެއްޓުމަށްޓަކައި ބައިބަޔަށް ބަހާލައިގެންނެއް ނުވަތަ ދެ ފަހަރަކަށް ބާއްވައިގެންނެއް ގެންދާގޮތަކަށް ގާނޫނުއަސާސީތަކުގައި ވެސް ރޭވިފައި ނުވާ ކަމަށެވެ.

އެހެން ގައުމުތަކުގައި އެގޮތަށް އޮތް ކަމަށްވިޔަސް، ދެ ފަހަރެއްގެ މަތިން އިންތިހާބު ބޭއްވުމަކީ ދުސްތޫރީ ނިޒާމުގެ ތެރޭގައި އެއް އިރެއްގައި ވެސް އޮތް ކަމެއް ނޫން ކަމަށާއި އެހެންވީމާ އެ ކޮންޓިނިއުޓީ ގެއްލިގެންދިޔަ ކަމުގައިވިޔަސް، އޭގެ ރިސްކުތަކާއި ނުވަތަ އެއަށް ރަނގަޅު ގޮތްތަކެއް ވެސް އައުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަގޮތުގައި އެއްފަހަރާ ބޭއްވުނީމާ އޭގެ ނަތީޖާ ރަނގަޅުވެގެންދާނެ ކަމަށް ފެންނަނީ. އެއީ ތަފާތު ކަންތައްތަކެއް އޭގެ ތެރޭގައި ނުވަތަ ބާރުތަކެއް ބޭނުންކުރުމާއި މި ކަންތައްތައް މަދުވެގެންދާނެ. އެއީ ދެން ހޮވޭނީ ކޮން ބޭފުޅެއް ކަމެއް ނޭނގޭ، ރިޔާސީ އިންތިހާބުގައި ވިޔަސް އަދި މަޖިލީހުގެ އިންތިހާބުގައި ވެސް. އެހެންވީމާ އެކަން އެއީ ވޯޓުލާ ފަރާތްތަކަށް ވެސް، ވޯޓަށް އެދޭ ފަރާތްތަކަށް ވެސް، މި ހުރިހާ ގޮތްގޮތަކުން އެނގިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ޝާހީން ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ރުހުން ލިބިއްޖެ ނަަމަ، ފުދޭވަރަކަށް އިތުރު ރައްޔިތުންގެ ބައިވެރިވުމެއް އަންނާނެ ކަމަށް ދިރާސާތަކުން ފެންނަން އޮތް ކަމަށެވެ. އެހެންކަމަށްވާ ނަމަ، އެ އިންތިހާބުކުރެވިގެން އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުވެގެން އަންނާނީ ގިނަ ރައްޔިތުންގެ ބައިވެރިވުން އޮވެގެން ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމަ އެހެން ދެންނެވި ކަމުގައިވިޔަސް، އިންތިހާބަކަށް ވޯޓުލުމުގައި ރައްޔިތުން ބައިވެރިވާ އިރުވެސް ރައްޔިތުން ވޯޓުދިނުމުގެ އުސޫލުތަކުގެ ތެރެއިން ބައެއް ފަހަރަށް ބާތިލުވާ ވޯޓުތަކާއި ކަންތައްތައް ވެސް ހުރޭ. އެހެންވީމާ މިކަހަލަ ކޮމްޕްލިކޭޓަޑަޑް ކަމަކަށް އަތުވެދާނެތީ އެ ފުރަތަަމަ ހިންގާ ފަހަރު އުނދަގޫތަކެއް އައިސްދާނެ. އެހެންނަމަވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އޭގެ ނުރަނގަޅު މާގިނަ ކަންތައްތަކެއް އަތުވެދާނެ ކަމަކަށް،" އޭނާ ވިދާޅުވިއެވެ.