"އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން ކުރިމިނަލް ކޯޓުން ނެރެފައިވާ "ގެގް އޯޑަރު" ބާތިލްކުރުމަށް ކޯޓުގައި އެދުމަށް ބާ ކައުންސިލުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ގޮވާލައިފިއެވެ.

ބާ ކައުންސިލްގެ ރައީސް ހުސެން ސިރާޖު ސޮއިކުރައްވައި ޕީޖީ އައްބާސް ޝަރީފަށް ފޮނުއްވި ސިޓީގައިވަނީ، މިދިޔަ އާދިއްތަ ދުވަހު ކުރިމިނަލް ކޯޓުން ނެރުނު އެ އަމުރަކީ ޕީޖީގެ އެދުމަކަށް ނެރެފައިވާ އަމުރަކަށްވާތީ، އެ ނިންމުން މުރާޖައާކުރަން ޕީޖީގެ ފަރާތުން އިސްވެ ހުށަހަޅަންޖެހޭ ކަމަށެވެ. ނޫސްވެރިއެއްގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި ނިންމި ނިންމުންވެސް އަލުން މުރާޖައާކޮށްދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

ބާ ކައުންސިލުން ފާހަގަކުރި ގޮތުގައި، މި މައްސަލާގައި ޕީޖީގެ ބާރު ބޭނުންކޮށްފައިވާ ގޮތުން ޕީޖީގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ މުހިއްމު ތަނބަކަށްވާއިރު، އެފަދަ އަމުރުތަކުގެ ސަބަބުން އެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް އެ ކައުންސިލުން ދެކެއެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ބާ ކައުންސިލުން ފާހަގަކުރީ، ޖަލު ހުކުމް އިއްވުނު "އަދަދު" ނޫހުގެ ދެ ނޫސްވެރިންނަށް ގާނޫނީ ވަކީލަކު ހޯދުމަށް އެކަށީގެންވާ ވަގުތު ދީފައިނުވުމެވެ. މިއީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާއާއި 53 ވަނަ މާއްދާއާ ހިލާފު ކަމެއްކަމަށް ބާ ކައުންސިލުން ބުންޏެވެ.

."ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަކީ އަސާސީ ހައްގަކަށްވާއިރު، އެންމެ ނުރައްކާތެރި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށްވެސް ނުހިފޭ މިންވަރަށް މި މައްސަލާގައި އެ ހައްގު ހިފަހައްޓާފައިވާ ކަމަށް" ބާ ކައުންސިލްގެ ސިޓީގައި ބުންޏެވެ.

އަދި ސިއްރު އަޑުއެހުމެއްގައި އެފަދަ ނިންމުމެއް ނިންމުމަކީ ޝަރުއީ ނިޒާމަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއްކަމަށް ވެސް ބުންޏެވެ.

މި މައްސަލަ ފެށުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓްރީއަކާ ގުޅިގެންނެވެ. އެކަމާ ގުޅޭ ހަބަރުތައް ފެތުރުން މަނާކޮށްފައިވަނިކޮށް، އެ އަމުރާ ހިލާފުވި ކަމަށް ބުނެ ދެ ނޫސްވެރިއަކަށް ވަނީ ޖަލު ހުކުމް އިއްވާފައެވެ.

އަދި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް ދަނީ ޖިނާއީ ދައުވާ އުފުލައި ޝަރީއަތް ހިންގަމުންނެވެ.