ގަޒިއްޔާއެއް ބާތިލުކުރުމުގައި އަދުލު އިންސާފު ގާއިމުކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތަކަށް އަމަލުކޮށްފައިވާތީ ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީއާމެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ ފިޔަވަޅު އަޅައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސިވިލް ކޯޓުގެ ގަޒިއްޔާއިން ބަލާ މައްސަލައަކަށް މީހަކު ހާޒިރުވުމަށްޓަކައި އޭނާއަށް އަމުރު ލިބުނު އިރު، މެޖިސްޓްރޭޓް ކޯޓަކުން ބަލާ މައްސަލައާ ގުޅިގެން ހަމަ އެ މީހާއަށް، އެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިފައިވާތީ، ފަހުގެ ތާރީހަކަށް ސިވިލް ކޯޓުގެ މައްސަލަ ހަމަޖައްސައިދިނުން އެދި އެ ކޯޓަށް ހުށަހަޅާފައިވަނިކޮށް ސިވިލް ކޯޓުގެ ގަޒިއްޔާ އިސްގާޒީ އަބްދުﷲ އަލީ ބާތިލުކުރި ކަމަށެވެ.
އެ އަމަލަކީ އަދުލު އިންސާފު ގާއިމުކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ އަދި ފަނޑިޔާރުގޭގެ ވާޖިބު އަދާކުރުމުގައި ތައައްސަބެއް އޮތްކަން ފެންނާން އޮތް އަދި ފަނޑިޔާރުގޭގެ އަދުލުވެރިކަމާމެދު ސުވާލު އުފެދިދާ ގޮތުގެ މަތިން ކޮށްފައިވާ އަމަލެއްކަން އަބްދުﷲ އަލީގެ ބަހުންނާއި ލިޔެކިޔުންތަކުން މައްސަލަ ތަހުގީގަށް ސާބިތުވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
ޖޭއެސްސީން ބުނީ، އިސްގާޒީ އަބްދުﷲ އަލީގެ އެ އަމަލަކީ، ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނާ ހިލާފު އަމަލެއްކަމަށްވާތީ ނަސޭހަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރަން އިސްގާޒީ އަބްދުﷲ އަލީއަށް އަންގާފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު