ޚަބަރު

ކެނދިކުޅުދޫ ގެއަކުން 180،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

ރިފާ ހަލީލު

ނ. ކެނދިކުޅުދޫ ގެއަކުން 180،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން އިއްޔެ ބުނީ ކެނދިކުޅުދޫ ގެއަކުން ވައްކަންކޮށް، 180،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް މި މަހު 16 ވަނަ ދުވަހު ފުލުހުންނަށް މައްސަލައެއް ހުށަހެޅި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެ ފައިސާ ހޯދުމަށް، މަނަދޫ ޕޮލިހާއި ލަންދޫ ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަ ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، ވައްކަމުގެ ތުހުމަތުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 150،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާއިރު އެ ފައިސާ ހޯދާފައިވަނީ ކެނދިކުޅުދޫ ވަލުތެރޭގައި ފޮރުވާފައިހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ފައިސާތައް ހޯދުމަށް ހިންގި އޮޕަރޭޝަނުގައި ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވައްކަމުގެ މި މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.