ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް މަރުހަބާ ކިޔަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗު މިރޭ އޮންނަ އިރު، ދެވަނަ މެޗުގެ ފުރަތަމަ ލެގު މާދަމާ ރޭ އޮންނާނެއެވެ. ވާދަކުރަނީ އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެއިންގެ ލަލީގާއެވެ. އިނގިރޭސިންނާއި ސްޕެއިން ފުޓުބޯޅައިގެ ހަނގުރާމެއެކެވެ. ޔޫރަޕްގެ ފުޓުބޯޅައަށް ވާދަވެރި ބޮޑު ރެއެކެވެ. ދުނިޔޭގެ އެންމެ ޝަރަފުވެރި ކްލަބު ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަކީ އާދައިގެ މެޗުތަކަކަށް ނުވާނެއެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗަކީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީން ހޯމްގައި، ޔޫރަޕްގެ "ކިންގް" އިންނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ. ދެން އޮތް ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މާދަމާ ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި ނުކުންނާނީ ވިލަރެއާލްއާ ދެކޮޅަށެވެ.
އިނގިރޭސި ފުޓުބޯޅައިން ޔޫރަޕުގައި ރަސްކަން ކުރަމުންދާކަމީ މިހާރު ސިއްރެއް ނޫނެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލުގައިވެސް އިނގިރޭސި ދެ ކްލަބު ކަމަށްވާ ޗެލްސީއާއި މެންޗެސްޓާ ސިޓީ ވާދަކޮށްފައިވާ އިރު، އެފަހަރު ތަށި ހޯދީ ޗެލްސީންނެވެ.
ފައިސާއަށް ބަރޯސާ ވެފައިވާ ފުޓުބޯޅައިގެ ޒަމާނެއްގައި އިނގިރޭސި ކްލަބުތަކަށް ތަފާތު ދެއްކެނީ ފައިސާގެ ތަނަވަސްކަމުން ކަމަށް ބެލެވިދާނެއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ލީގު އިނގިރޭސި ޕްރިމިއާ ލީގަކީ އެންމެ ހިނގާ ލީގަށްވުމުން އެ ލީގުގެ ކްލަބުތަކުގެ ތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އިނގިރޭސި ކްލަބުތައް ޔޫރަޕުގައި ޑޮމިނޭޓް ކުރަމުންދާ އިރު، މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުވެސް މުޅިން އިނގިރޭސި ޓީމުތަކުގެ ފައިނަލަކަށް ވުން އެކަށީގެންނެވެ. އެހެންނަމަވެސް އެގޮތަށް އެކަން ނިންމަން އަދި އަވަހެވެ.
އިނގިރޭސި ކްލަބުތައް ޗެމްޕިއަންސް ލީގުގައި ވިދުން ގަދަވީ ޒަމާންތަކަކަށް ފަހުއެވެ. 2013 ވަނަ އަހަރުން 2017 ވަނަ އަހަރާ ހަމައަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް އިނގިރޭސި ޓީމަކަށް ދެވިފައެއް ނުވެއެވެ. އެހެން ނަމަވެސް އެންމެފަހުން ކުޅުނު ތިން ފައިނަލުގެ ތެރެއިން ދެ ފައިނަލަކީ މުޅިން އިނގިރޭސި ޓީމުތަކުން ވާދަކުރި ފައިނަލުތަކެވެ.
ދެން އޮތީ އަދަދުތަކަށް ބަލައިލުމެކެވެ. މިހާތަނަށް އިނގިރޭސި ހަތަރު ޓީމަކުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މީގެ ކުރިން ކުޅެފައިވަނީ ހަތަރު ފަހަރަކުއެވެ. އިނގިރޭސި ޓީމުތައް މިހާރު ވަރުގަދަކޮށް ޔޫރަޕުގައި ކުޅެމުން ދިޔަ ނަމަވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެންމެ ގިނަ ފަހަރަށް ކްލަބުތައް ތަމްސީލުވެފައިވާ ގައުމަކީ އަދިވެސް ސްޕެއިނެވެ. ސްޕެއިންގެ ކްލަބުތަކުން 59 ފައިނަލެއްގައި ތަމްސީލުވެފައިވެއެވެ. އިނގިރޭސި ކްލަބުތަކަށް ދެވިފައިވަނީ 46 ފައިނަލަކަށެވެ. އިޓަލީގެ ކްލަބުތަކުން 35 ފައިނަލެއްގައި ތަމްސީލުވެފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ތާރީހަށް ބަލާއިރު ކުރީގައި އުޅެނީ ސްޕެއިނެވެ. ނަމަވެސް މިވަގުތު ޔޫރަޕް ފުޓުބޯޅައިގެ އޮއިވަރަށް ބަލާއިރު ކުރީގައި އޮތީ އިނގިރޭސިންނެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގު ދަތުރަކީ އުނައި އެމެރީއާއި ވިލަރެއާލްއަށް ހާއްސަ ދަތުރެކެވެ. "ޔެލޯ ސަބްމެރިންސް"ގެ ނަމުން މަޝްހޫރުވެފައިވާ ވިލަރެއާލްއަކީ އާބާދީގެ ގޮތުން ކުޑަ ސަރަހައްދަކަށް ނިސްބަތްވާ ޓީމެއް ނަމަވެސް، އެ ކްލަބަކީ ސްޕެއިންގެ ނަން ހިނގާ، ހަރުދަނާ ކްލަބަކަށް ވެއްޖެއެވެ. ހާއްސަކޮށް ކްލަބުގެ މުސާރަތަކާއި ހަރަދުތަކަށް ބަލާއިރު، ވިލަރެއާލްއަކީ މިހާރު ލަލީގާގެ ބޮޑު ޓީމެކެވެ.
"ވިލަރެއާލްއަކީ 50،000 މީހުން ނިސްބަތްވާ އަވަށެއްގެ ޓީމެއް ނަމަވެސް އެ ކްލަބުގެ މުސާރަތަކަކީ ލަލީގާގައި ހަތަރު ވަނައަކަށް އެންމެ ބޮޑު މުސާރަތައް. އެހެންވީމަ ސަޕްރައިޒެއް ނޫން ވިލަރެއާލްގެ ކާމިޔާބީއަކީ. ނަސީބަކުން ނޫން ވިލަރެއާލް ސެމީއަށް ދިޔައީ. އެހެންވީމަ ލިވަޕޫލް ކައިރީ ފުރުސަތެއް އޮންނާނެ،" ޔޫރަޕްގެ ތަޖުރިބާކާރު ގުއިލެމް ބްލާގު ބުނެފައިވެއެވެ.
އުނައި އެމެރީއަކީ "ކަޕް ކިންގް" ގެ ނަމުން މަޝްހޫރު ކޯޗެކެވެ. ވިލަރެއާލްއިން މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށް، ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ ތަށްޓެއް ހޯދި އިރު، އެ ތަށްޓަކީ އެމެރީގެ ކޯޗިން ކެރިއަރުގައި ހޯދި ޔޫރޮޕާ ލީގުގެ ހަތަރުވަނަ ތަށްޓެވެ. މީގެ ކުރިން އޭނާ ޔޫރޮޕާ ލީގު ތިން ފަހަރަށް ހޯދީ ސެވިއްޔާއާ އެކުގައެވެ.
އާސެނަލާއި ޕީއެސްޖީއާ އެކުވެސް ޔޫރަޕްގައި ފެއިލްވި ކޯޗު އެމެރީ އޭނާގެ ނަސީބު އަނބުރާލީ ބަޔާން މިއުނިކާއި ޔުވެންޓަސް ފަދަ ވަރުގަދަ ނަންތައް ބަލިކުރި ވިލަރެއާލްއެއް އުފައްދައިގެންނެވެ. އެއީ މިވަގުތު، ވިލަރެއާލްއިން ޔޫރަޕްގައި ކުރަމުންދާ ހުވަފެނީ ދަތުރަށް އެންމެ އެކަށޭނެ ކޯޗުކަންވެސް ޔަގީނެވެ.
ދެން އޮތީ ވިލަރެއާލްގެ ޗެލެންޖަށް ބަލައިލުމެވެ. ސެމީ ފައިނަލުގައި ވިލަރެއާލްއާ ދެކޮޅަށް ނުކުންނަން އޮތީ ގަދަފަދަ ލިވަޕޫލެވެ. މިވަގުތު މުޅި ޔޫރަޕްގައިވެސް އޮތް އެންމެ ފޯމު ރަނގަޅު ޓީމެވެ. އިނގިރޭސި އެފްއޭ ކަޕްގައި އޮތީ ފައިނަލުގައެވެ. އިނގިރޭސި ޕްރިމިއާ ލީގަށްވެސް ދަނީ ވާދަކުރަމުންނެވެ. ލީގު ކަޕް ކާމިޔާބުކޮށްފިއެވެ. ޗެމްޕިއަންސް ލީގަށް އޮތީ ފެންބޮވައިގެންފައެވެ. އުންމީދުތައް އޮތީ މިހާތަނަށް އިނގިރޭސި އެއްވެސް ކްލަބަކަށް ހާސިލުވެފައި ނުވާ "ހަތަރު ތަށި ހޯދުމުގެ ރެކޯޑު" ހާސިލު ކުރުމަށެވެ. އެއީ ވިލަރެއާލްއަށް މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަށް ވާނެއެވެ.
ކާލޯ އެންސެލޯޓީއަކީ ޔޫރަޕްގެ ތަށި ތިންފަހަރު ހޯދާފައިވާ ކޯޗެކެވެ. އެއީ އޭސީ މިލާނާއެކު ދެ ތަށި އަދި ރެއާލް މެޑްރިޑާއެކު ދެ ތަށްޓެވެ. އެއީ ރެއާލުން ވަރުގަދަ ސިޓީއާ ދެކޮޅަށް ނުކުންނަ އިރު، އެޓީމަށް އޮތް އެންމެ ބޮޑު ހިތްވަރުވެސް މެއެވެ.
ބަލައިލަން މުހިއްމު ވާހަކައެއް އެބައޮތެވެ. 2015 ވަނަ އަހަރުން 2018 ވަނަ އަހަރާ ހަމައަށް ރެއާލުން ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ހޯދީ ޒައިނުއްދީން ޒިދާންގެ ކޯޗުކަމުގެ ދަށުގައެވެ. އެއްބަސްވެވެން އޮތީ އެއީ އެހެން ޓީމަކަށް އަތްވެސް ޖައްސާލެވޭ ވަރަށްވުރެ ވަރުގަދަ ރެއާލް މެޑްރިޑެއް ކަމެވެ. އޭރު ރެއާލްގެ ސްކޮޑުގައި ތިބީ މުޅިން "ޕީކް" ގައި ތިބި ތަރިންތަކެކެވެ.
އެ ރެއާލް މިއަދު ބަދަލުވެއްޖެއެވެ. މިހާރު އޮތީ އެންމެ ޕީކު ރެއާލްއެއް ނޫން ނަމަވެސް ނަތީޖާ ނެރެން އެނގޭ ރެއާލްއެއް ކަމަށް ބުނެވިދާނެއެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކަކާއެކު ރެއާލްއަށް ނަތީޖާ ނެރެވޭކަން އެނގެނީ މިވަގުތުވެސް 15 ޕޮއިންޓާއެކު ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތީމައެވެ. ލީގު ޔަގީންކުރަން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
ޗެލްސީއާއި ޕީއެސްޖީވެސް ކަޓުވާލައި ރެއާލް ސެމީއަށް ދިޔައީ މުހިއްމު ދަނޑިވަޅުތަކުގައި ތަރިންގެ ތަފާތުންނޭ ބުނެވިދާނެއެވެ. މެޗުގެ ކޮންޓްރޯލް ރެއާލް އަތުގައި ނޯންނަ ވަގުތުގައިވެސް ލޫކާ މޮޑްރިޗްގެ ޖާދުވީ ޕާހެއް ފެނިދާނެއެވެ. ކަރިމް ބެންޒެމާ ޗެލްސީއާއި ޕީއެސްޖީ ކޮޅަށްވެސް ހެޓްރިކް ހެދި އިރު، އެއީ ޓީމުގެ ތަރިއެވެ. ރެއާލްގެ ޓީމު އެކުގައި އެއް ލެވެލްއަށް ކުޅުމަށްވުރެ ބޮޑަށް، ތަރިންގެ މައްޗަށް ބަރޯސާވެ ނަތީޖާ ނެރޭ ސިސްޓަމަކަށް އެންސެލޯޓީ ވަނީ ކުޅުން ފިޓްކޮށްފައެވެ. އެއީ މިހާރުގެ ހާލަތަށް ބަލައި މުހިއްމު ފިލޯސަފީއެއް ކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ.
"މާ ބޮޑަށް ޖާދުވީ ރޭރޭގެ ވާހަކަ ޗެމްޕިއަންސް ލީގުގައި ދައްކަން ޖެހުމާއި، އާދަޔާހިލާފަށް މެޗުތައް އަނބުރާލަން ޖެހޭ ކަމަށް އަބަދު ކިޔަން ޖެހެނީ ގޭމް ޕްލޭން މަސައްކަތް ނުކުރީމަ،" ރެއާލްއަށް އަމާޒުކޮށް ބްލާގު ބުނެފައިވެއެވެ.
ބްލާގުގެ އެ ވާހަކަތައް އެންސެލޯޓީ ދެކޮޅެވެ. އެންސެލޯޓީގެ ނަޒަރުގައި ރެއާލުން އާދަޔާހިލާފު ނަތީޖާތައް ނެރެނީ ކޮލިޓީ ރަނގަޅު ކުޅުންތެރިން ތިބުމުންނެވެ. ރެއާލްއަށް މިރޭގެ މެޗަކީ 31 ވަނަ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް މެޗެވެ. މީގެ ކުރިން ކުޅުނު މެޗުތަކުން 16 މޮޅު ޗެމްޕިއަންސް ލީގު ސެމީގައި ރެއާލް ހޯދާފައިވެއެވެ.
ރެއާލްއާ ދެކޮޅަށް ނުކުންނާނީ ޗެމްޕިއަންސް ލީގު ބާސެލޯނާއާއެކު ކާމިޔާބުކުރި ކޯޗު ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއެވެ. ޓެކްޓިކަލް ހަނގުރާމައަކަށް މެޗުވާނެ ކަމަށް ބެލެވެއެވެ. ދެ ކޯޗުންނަކީވެސް އާދަޔާހިލާފަށް ވިސްނުން ތޫނު ދެ ކޯޗުންކަން އަދުގެ ފުޓުބޯޅަ ބަލައި، އެންމެން ގަބޫލުކުރާނެއެވެ. ގިނަ ބައެއްގެ ނަޒަރުގައި މެޗުން ވާނެ ގޮތަކާއި މެދު ވިސްނަން ނޭނގެނީ ކޯޗުން ކުޅޭނެ "ކުޅިއެއް" ނޭނގޭތީއެވެ.
ކުޅުންތެރިންގެ ފެންވަރަށް ބަލައި، ދޫ ދޭނެ އެއްވެސް ޓީމެއް ނެތެވެ. ތަރިންގެ ދެޓީމެވެ. ހާއްސަކޮށް ސިޓީއަކީ މިދިޔަ ފަސް ވަރަކަށް އަހަރުގައި ޔޫރަޕް ޑޮމިނޭޓް ކުރަމުން އަންނަ ގަދަ ބާރެކެވެ. މިދިޔަ އަހަރުގެ ފައިނަލް ހަނދާން ނައްތާލަން ތަށި ނޫން ގޮތެއް ނެތެވެ. ޑުބާއީގެ ވެރިން ސިޓީ ގަތް ހިސާބުން މިއަދާ ހަމައަށްވެސް ހާސިލު ނުވެ އޮތް ހަމައެކަނި އުންމީދަކީ ޔޫރަޕްގެ ރަސްކަމެވެ. އެ އުންމީދަށް ނިމުން ގެންނަން މިރޭގެ ސެމީ ފައިނަލް ފުރަތަމަ ލެގު ވަރަށް މުހިއްމެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު