އައްޑޫ ސިޓީގެ އެމްޑީޕީ ރައީސްގެ އާއިލާ މީހަކަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށް އެދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ ސަރުކާރުގެ ކުންފުންޏެއްގެ އިސްވެރިއަކަށް، ފޮނުއްވި މެސެޖްތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
އެ މެސެޖު އާންމުވެފައި މިވަނީ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގައި ސަރުކާރުގެ ވެރީންގެ އަރިހުގައި އެދިގެން އެއްވެސް މީހަކަށް ވަޒީފާއެއް ހޯދައިދޭން އޭނާ މަސައްކަތް ކޮށްފައިނުވާނެ ކަމަށް އިމްތިޔާޒް ވިދާޅުވެފައި ވަނިކޮށެވެ.
ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާ ގުޅުވައި އިމްތިޔާޒު ވިދާޅުވެފައިވަނީ، ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ފައްޔާޒު، ސަރުކާރު ކުންފުނިތަކުގެ ފަރާތްތަކަށް ބިރު ދައްކައި އިންތިހާބާ ދިމާކޮށް ކުންފުނިތަކުން މީހުނަށް ވަޒީފާދެމުންދާ ކަމަށެވެ.
ސަރުކާރުގެ ކުންފުންޏެއްގެ ވެރިއަކަށް ކޮށްފައިވާ މެސެޖުގައި އިމްތިޔާޒު އެދިފައިވަނީ އަންހެނަކަށް ވަޒީފާއެއް ހަމަޖައްސައި ދިނުމަށެވެ. އިމްތިޔާޒު އެދުނު ގޮތަށް ވަޒީފާ ހަމަޖެހުމުން އޭނާ ވަނީ އެ ކުންފުނީގެ ޗެއާމަނަށް ޝުކުރު އަދާކުރައްވައިފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ މެސެޖުތަކަކީ ސައްހަ މެސެޖުތަކެއްކަން "ވަން" އަށް އިތުބާރުހުރި ފަރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ފަރާތުން ވިދާޅުވީ، އެ މެސެޖްތައް މިހާރު ލީކުވެފައިވަނީ ފައްޔާޒު، މީހުންނަށް ވަޒީފާ ދެމުންދާކަމުގެ ތުހުމަތު އިމްތިޔާޒު ކުރެއްވުމުން ކަމަށް ބެލެވޭ ކަމަށެވެ.
އެ މެސެޖުތަކާ ގުޅިގެން އިމްތިޔާޒުގެ ބަހެއް ހޯދުމަށް ފޯނަށް ގުޅައި މެސެޖް ކުރުމުންވެސް ޖަވާބުދެއްވައިފައެއްނުވެއެވެ. އަދި އިމްތިޔާޒްގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދަށް ގުޅުމުންވެސް ފޯނަށް ޖަވާބުދެއްވައިފައެއް ނުވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު މެއި 16 ގައި ބާއްވާއިރު އެމްޑީޕީ ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ.
ޗެއާޕާސަންގެ އިންތިހާބަށް ނަޝީދުގެ ތާއިދާއެކު އިމްތިޔާޒު ވާދަކުރައްވާއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާދަކުރައްވަނީ ރައީސް ސޯލިހުގެ ތާއިދާއެކުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު