ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ހަމީދާއި، ރައޫފު ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް

އިބްރާހިމް ޒަކީ

ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އާއި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އާއި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލައަކީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހަށް ފޮނުވި މައްސަލައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކޮށްދިނުމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީ، މަޖިލީހަށް އިއްވެވީ، އަމީން އާއްމު ފާތިމަތު ނިއުޝާ އެވެ. އެ ސިޓީ މަޖިލީހަށް އިއްވެވުމުން އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވީކަމަށް މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވިއެވެ.

އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމާމެދު މަޖިލީހުން ގޮތެއް ނިންމާނީ އެ މައްސަލަ ކޮމިޓީން ދިރާސާ ކޮށް، އެކަމާބެހޭ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވީ، ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް، ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށާއި، އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް، އެ ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ބުނެއެވެ.

އެ ކަމާގުޅިގެން ޖޭއެސްސީން ބުނެފައި ވަނީ ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއް ކަމަށެވެ. އަދި ފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސުމުގެ އުސޫލެއް މަޖިލީހުން ކަނޑައަޅާފައި ނެތް ކަމަށާއި ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ، މާލީ ހާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުން ކަމަށެވެ.

ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު ރައޫފް އަދި ފަނޑިޔާރު ހަމީދު ހަވާލުވުމަކީ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

ދެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު މިދިޔަ އާދިއްތަ ދުވަހު ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާދެއްވި ވަކި ސަބަބެއް ޖޭއެސްސީން ނުބުނެއެވެ.

ސަމީރު އިސްތިއުފާ ހުށަހެޅުއްވިރު، އޭނާ ހުންނެވީ އުމްރާއަށް ވަޑައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސަމީރަކީވެސް ފްލެޓް މައްސަލައިގައި ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ އެ ތިން ފަނޑިޔާރުންނަށް ތުހުމަތުކޮށްފައެވެ.

ފަނޑިޔާރު ރައޫފް ވަނީ މީގެ ކުރިން ޖޭއެސްސީ މެންބަރުކަންވެސް ކުރައްވައިފައެވެ. އަދި ޖޭއެސްސީން އުފައްދާފައިވާ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ހައިކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރަކީވެސް ރައޫފެވެ.