ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ދިވެހި ސިފައިންގެ ތާރީޚު އަލުން ދިރާސާކޮށްލަން ފެނެއެވެ.

އިމާދު ލަތީފު

ދިވެހިރާއްޖޭގެ ހަމަ ކޮންމެ މުއައްސަސާއަކަށްވެސް ތާރީޚެއް ލިބިގެންވެއެވެ. އެކަމާދޭތެރޭ ޝައްކުކޮށް ޖަދަލުކުރާކަށް ފުރުސަތެެއް ނެތެވެ. އެހެންނަމަވެސް ބައެއް މުއައްސަސާތަކުން އެތަނެއްގެ ތާރީޚު ފަށަނީ އެންމެ ހެޔޮކޮށްތޯ ސުވާލު އުފެދޭ ބައެއް މުއައްސަސާތައް އެބަހުއްޓެވެ. މިތަނުން އެއް މުއައްސަސާއަކީ ދިވެހި ސިފައިންނެވެ. ދިވެހި ސަލާމަތީ ބާރެވެ. މި މުއައްސަސާ ނުވަތަ މި ޚިދުމަތް ފެށުނު ވަކި ތާރީޚެއް ބަޔާންވެ އެނގޭކަށް ނެތެވެ. ޔަގީންވާ ކަމަކީ ދިވެހިރާއްޖޭގައި ވަކިވެރިކަމެއް ކުރާން ފެށުމާއި ސަލާމަތީ ޚިދުމަތުގެ ފެށުމާއި ގުޅިފައިވާނޭ ކަމެވެ. ވަކިވެރިކަމެއް ކުރާ ތަނެއްގައި އެވެރިކަމާއި އެވެރިކަމުގެ ބޮޑުން ހިމާޔަތްކުރާނޭ ފައުޖެއް އޮންނާނެއެވެ. އެފަދަ ޚިދުމަތެއް ނެތި ވެރިކަމެއް ނުކުރެވޭނެއެވެ. ވެރިކަމެއްގެ ސިފަވެސް ނުގެނެވޭނެއެވެ.

ދިވެހިރާއްޖޭގެ ތާރީޚުގެ އެނގެންއޮތްބައި ނުވަތަ ލިޔެވި ބަޔާންވެފައި އޮތްބައި ހާވައި ދިރާސާކުރީމާ ހަނގުބޭކަލުންނޭ ކިޔުނު ފައުޖެއް އޮންނަކަން މޭރުންވާނެއެވެ. މިއީ ވަކި ރަސްކަލެއްގެ ޒަމާނަށް ޚާއްސަވެފައި އޮތް ކަމެއް ނޫނެވެ. ކޮންމެ ރަސްކަލެއްގެ ޒަމާނުގައިވެސް ވެރިކަމާއި ދައުލަތް ހިމާޔަތްކުރަން ލަޝްކަރެއް އޮވެއެވެ. އެ ލަޝްކަރަށް ކިޔަނީ ހަނގުބޭކަލުންނެވެ. ކުރީޒަމާނުގައި އެއީ ރަސްގެފާނުގެ ލަޝްކަރެވެ. އެ ލަޝްކަރުގެ މީހުންނަށް މުސާރަ ނުވަތަ އުޖޫރަދެވޭ ހަމަޔާއި އުސޫލު އެކި ރަސްކަލުންގެ ޒަމާނުގައި ތަފާތެވެ. އެހެންނަމަވެސް އެންމެ އެވޭލާ ޒަމާނުން ފެށިގެންވެސް މި ލަޝްކަރު އޮވެއެވެ. ދިވެހިރާއްޖެއާ ތޮޅެން އަންނަ ބޭރުމީހުންގެ ކިބައިން ދިވެހިރާއްޖެއާއި ދިވެހި ރަސްކަން ދިފާއުކުރަނީ އެބައިމީހުންނެވެ.

ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި އެތަކެއްފަހަރުމަތިން މިރާއްޖެ ހިފައި ދިވެހިން އަޅުވެތިކުރަން ބޭރުމީހުން މަސައްކަތްކޮށްފައިވެއެވެ. އޭގެތެރެއިން ދެތިން ފަހަރަކު ބޭރުގެ ދުޝްމިނުންނަށް ކުރިލިބިފައިވިޔަސް ގިނަފަހަރު ނަސްރާއި ނަސީބު ލިބިފައިވަނީ ދިވެހީންނަށެވެ. ދިވެހީންގެ ތެރޭގައި ހެވިކަމާއި ހަނގުރާމައިގެ އެކި އުކުޅުތަކަށް ޚާއްސަ އެދުރުން އުޅުނެވެ. އެކަމަށް ތާރީޚުން އަލިކަން ލިބެއެވެ. ބައެއް ރަސްރަސްކަލުން ދިވެހިރާއްޖޭގެ ދިފާއީ ބާރު ވަރުގަދަކޮށް ޒަމާނީ ކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއްވެސް ކުރެއްވިއެވެ. މާލެ ވަށައިގެން ދިފާއީ ބޮޑުފާރެއް ރޭނުމާއި މާލޭގެ އެކި ތަންތަނުގައި ބޮޑެތި ބުރުޒުތައް ހަދައި ބަޑި ބެހެއްޓުން ފަދަ މަސައްކަތްތަކެވެ. ކަޅުތުއްކަލާޔާއި އިސްކަންދަރު އެއްވަނަޔާއި ދިޔަމިގިލީ ބޮޑުބަންޑާރައިންނާއި ޣިޔާސުއްދީނު ފަދަ ރަސްރަސްކަލުންނެވެ.

ސިފައިންގެ ޚިދުމަތެކޭ ނުކިޔަސް، ގައުމީ ދިފާއީ ބާރޭ ނުކިޔަސް، އަދި ކޯސްޓްގާޑޭ ފުލުހުންނޭ ނުކިޔަސް ކުރިން ދެންނެވި ރަސްރަސްކަލުން ދިވެހިރާއްޖޭގެ ދިފާއާއި ގުޅުންހުރި ކަންކަން ރާއްވަވައި ހަރުދަނާ ކުރައްވަމުން ގެންދެވީ އެކަމަށް ކުރީއްސުރެ ކަނޑައެޅިފައި އޮތް އުސޫލާއި ހަމައިގެ ތެރެއިންނެވެ. ގައުމީ ދިފާއަށް ޒިންމާވާނޭ ލަޝްކަރެއް އޮވެގެންނެވެ. އެކި ޒަމާނުގައި އެކި ކަންކަމަށް ބަދަލު އަންނަމުންދިޔަ އުސޫލުން މިކަމަށްވެސް ބަދަލުތަކެއް ނާދެޔެކޭ ނޫނެވެ. ބަދަލުތައް އައެވެ. ލަޝްކަރީންގެ އެކި ބޭނުންތަކަށް އެކި ރަށްރަށްވެސް ޚާއްސަ ކުރެވުނެވެ. އަދި ކަލާސީންވެސް ދިޔަމިގިލީ ބޮޑުބަންޑާރައިންގެ ދައުރުގައި ވުޖޫދު ކުރެވުނެވެ. މިކަންކަން ދިވެހި ސިފައިންގެ ޚިދުމަތުގެ ފެށުން ކަމުގައިނުވެ މާފަހަކުން ރަސްކަން ކުރެއްވި ރަސްކަލަކާ ގުޅުވައިލުމަކީ އިންސާފަކަށްވާނޭ ބާވައެވެ؟

ނޫނެކެވެ. ނުވާނެއެވެ. އެހެންނަމަވެސް ހިތާމަޔަކީ ތާރީޚު އޮޅުވާލެވި ވަކި ޚާންދާނެއްގެ ބަޔަކު ނޫނީ ކަމަކަށްވާ ކަހަލަ ކަމެއް ކޮށްފައިނުވާކަން ދެއްކުމުގެ އާދަ އަދިވެސް ދެމިގެން އަންނަ އައުމެވެ. ރަސްމީ ތައުލީމުވިޔަސް، ސިފައިންގެ ޚިދުމަތް ފެށުން ކަމަށްވިޔަސް އަދި އެހެން ކަމަކަށްވިޔަސް އެކަމެއް ހުރަވީ ޚާންދާނުގެ ކޮންމެވެސް ރަސްކަލަކަށް އެބަ ނިސްބަތްކުރެވެއެވެ. އެގޮތުން ދިވެހި ސިފައިންގެ ޚިދުމަތްވެސް ނިސްބަތް ކުރެވެނީ ހުރަވީ ރަސްކަލެއް ކަމަށްވާ ސުލްތާން އިބްރާހިމް ނޫރައްދީނަށެވެ. ތާރީޚު ލިޔާ މީހުން ލިޔެއެވެ. ރަސްމީކޮށް ދިވެހި ސިފައިންގެ ޚިދުމަތް ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެކާވީސްވަނަ ދުވަހުއެވެ. އެހެންކަމަށް ވަންޏާ ދިވެހިރާއްޖެ ދިފާއުކުރުމުގެ ޚިދުމަތަށް މިވީ އެންމެ 130 އަހަރުތާއެވެ.

ލިޔާ މީހުން ލިޔެފައި ވަނިކޮށް ފެނެއެވެ. ބުނާ މީހުން ބުނަނިކޮށް އަޑުއިވެއެވެ. ދިވެހި ސިފައިން އުފެދުނީ ސުލްތާން އިބްރާހީމް ނޫރައްދީނުގެ ރަސްކަމުގެ ދުވަސްވަރު، މާލޭގެ ޝާޚީ ޚާންދާން ނުވަތަ ހުރަވީންގެ ތެރެއިން ޒުވާނުން ކޮޅެއް ހެވިކަމުގެ ހުނަރުތައް ދަސްކުރެއްވުމަށްޓަކައި އާގަނޑުވަރަށް ވަޑައިގެން އުޅުއްވި އުޅުއްވުމުގެ ތެރޭގައެވެ. އެބައުޓާނަކާއި ލެފްޓާނަކާއި ރައިޓާނަކާއި މިހެންގޮސް މިޒަމާނުގެ މިލިޓަރީ ޕެރޭޑްތަކުގައި އެގޮވާ ގޮވެލިފަތި ދަސްކޮށް އެގޮތަށް ހަރަކާތްތައް ބައްޓަންކުރާން އުޅުމުގެ ތެރެއިންނެވެ. ކޮންމެއަކަސް އެއީ ގައުމީ ދިފާއީ ބާރުގެ ފެށުން ކަމަށްވަންޏާ އުތީމު ބޮޑުތަކުރުފާނުމެން، ދޮންބަންޑާރައިންނާއި ކަޅުތުއްކަލާޔާއި ދިޔަމިގިލީ ބޮޑުބަންޑާރައިން ފަދަ ގައުމީ ބަތަލުން އެކުރެއްވި ގައުމީ މަތިވެރި މަސައްކަތްޕުޅުތައް މިއަދުގެ ދިވެހީން ބަލައިނުގަންނަނީތާއެވެ.