ސްޕެނިޝް ލަލީގާ

އަނެއްކާވެސް ބާސާ އަމިއްލަ ދަނޑުގައި ބަލި، ރެއާލްއަށް ޕޮއިންޓަކުން ތަށި ޔަގީން ކުރެވޭނެ

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރަޔޯ ވެލެކާނޯ ކައިރީވެސް ބާސެލޯނާއިން ބަލިވެއްޖެއެވެ.

ބާސާއިން އެންމެފަހުން އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ. މިއީ އެ ކްލަބުގެ ތާރީހުގައިވެސް އެއް ސީޒަނެއްގައި ޖެހިޖެހިގެން ހޯމް ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. ޔޫރޮޕާ ލީގު މެޗުގައި ބާސާއިން ފްރެންކްފާޓް އަތުން އަމިއްލަ ދަނޑުގައި ބަލިވި އިރު، އޭގެ ފަހުން ލީގުގައި ކުޅުނު ހޯމް ދެމެޗުވެސް މިވަނީ ބަލިވެފައެވެ. އެއީ ރޭގެ މެޗުގައި 1-0 އިން ވަލެކާނޯ އަތުން ބަލިވި މެޗުގެ އިތުރުން ކާޑިޒް ކައިރީ ބަލިވި މެޗެވެ.

މިވަގުތު ލަލީގާ ތާވަލުގެ ދެވަނައިގައި 33 މެޗުން 63 ޕޮއިންޓާއެކު އޮތް ބާސާ ރޭގެ މެޗުން ބަލިވުމާއެކު ރެއާލް މެޑްރިޑަށް ވަނީ ތަށްޓާ ވަރަށް ގާތަށް ޖެހިލެވިފައެވެ. 33 މެޗުން 78 ޕޮއިންޓާއެކު ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތް ރެއާލްއަށް ލީގުގައި ބާކީ ފަސް މެޗު އޮތް އިރު، ތަށި ޔަގީން ކުރުމަށް އެ ފަސް މެޗުން ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ.

މެޑްރިޑުން މިހާރު މިސްރާބު ހިފާފައި ވަނީ އެ ކްލަބުގެ ތާރީހުގައި 35 ވަނަ ލީގު ތަށި ކާމިޔާބު ކުރުމަށެވެ.

ބާސާއިން މި ސީޒަންގައި ވެލެކާނޯ ކައިރީ ދެފަހަރަށް ބަލިވެފައިވާ އިރު، ރޭގެ މެޗުގައި ބަލިވީ އަލްވާރޯ ގާސިއާ ޖެހި ގޯލުންނެވެ.