އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީއާއި ލިވަޕޫލްވެސް މޮޅުވެއްޖެއެވެ.

ލީގުގެ މެޗުތައް ނިމުމަކާ ގާތް ވެފައިވާ އިރު، ތަށީގެ ރޭހުގައި ގަދަކޮށް އޮތީ ލިވަޕޫލާއި މެންޗެސްޓާ ސިޓީއެވެ. އެޓީމުގެ މެދުގައި އެންމެ ޕޮއިންޓެއްގެ ފަރަގު އޮތް އިރު، ދެޓީމަށްވެސް ދެން ބާކީ އޮތީ ފަސް މެޗެވެ. ސިޓީން މިހަފުތާ ކުޅުނު މެޗުގައި ވޮޓްފޯޑު ކައިރީ ބޮޑު މޮޅެއް ހޯދާފައިވާ އިރު، ސިޓީގެ ފުލުގައި ލިވަޕޫލް ވިއްދީ ރޭ ކުޅުނު މާސީ ސައިޑް ޑާބީގައި އެވަޓަން ކައިރީ 2-0 އިން މޮޅުވެގެންނެވެ.

މިހާތަނަށް ކުޅުނު 33 މެޗުން ސިޓީއަށް 80 ޕޮއިންޓް ލިބިފައިވާ އިރު، އެ އަދަދަށް މެޗު ކުޅެ ލިވަޕޫލަށް ލިބިފައި ވަނީ 79 ޕޮއިންޓެވެ. ތާވަލުގެ ތިންވަނައިގައި ޗެލްސީ ހަމަޖެހިލީ ރޭ ވެސްޓް ހަމްއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ހަނި ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

ރޭގެ މެޗުން ބަލިވެ އެވަޓަން ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައެވެ. 32 މެޗުން އެންމެ 29 ޕޮއިންޓް ލިބިފައި އޮތް އެވަޓަން މިވަގުތު އޮތީ 17 ވަނައިގައެވެ.

ޗެލްސީން ރޭގެ މެޗަށް ނުކުތީ އެޓީމުން މިދިޔަ ހަފުތާ ތެރޭގައި އާސެނަލް އަތުން ވި ބަލި ހަނދާން ނައްތައިލާށެވެ. ރަނގަޅަށް ފަށައިގެން ގިނަ ޕާސްތައް ޖެހީ ޗެލްސީން ނަމަވެސް އެޓީމަށް ކުރިމަތިވި އެންމެ ބޮޑު އުނދަގުލަކީ ގޯލެއް ޖެހުމެވެ. ދެވަނަ ހާފުގައި އެންގޯލޯ ކާންޓޭއާއި ޓްރެވޯ ޗަލޯބާ ޖެހި ބޯޅަތައް ވެސްޓްހަމްގެ ލޫކަސް ފަބިއާންސްކީ މަތަކުރި އިރު، މެޗުގެ ފަހު ކޮޅުގައި ލިބުނު ޕެނަލްޓީވެސް ޖޯޖީނިއޯ ވަނީ ނާކާމިޔާބު ކޮށްލައިފައެވެ.

ޗެލްސީއަށް ލިބުނު ޕެނަލްޓީއަކީ ވެސްޓްހަމް އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ކްރެއިގް ޑޯސަން ރޮމެލޫ ލުކާކޫއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެވެ. އެ ފައުލަށް ރެފްރީ ވަނީ ޑޯސަންއަށް ރަތް ކާޑުވެސް ދައްކައިފައެވެ. ޗެލްސީން ގޯލަކަށް ކުރި މަސައްކަތް ކާމިޔާބުވީ 90 ވަނަ މިނެޓުގައެވެ. އެއީ އަރިމަތިން މާކަސް އެލޯންސޯ ނަގައިދިން ބޯޅައަކުން އެމެރިކާ ގައުމީ ޓީމުގެ ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލެކެވެ.

ލިވަޕޫލުން ކުޅުނު މާސީ ސައިޑް ޑާބީގައި އެޓީމަށް އެވަޓަންގެ ފަރާތުން އުނދަގޫތަކެއް ކުރިމަތި ކުރުވިއެވެ. ހާއްސަކޮށް އެވަޓަންއިން އޯގަނައިޒްކޮށް މެޗުގައި ޑިފެންޑް ކޮށްފައިވާ އިރު، ލިވަޕޫލުން ލީޑު ނެގީ ދެވަނަ ހާފުގައެވެ. މެޗުގެ 62 ވަނަ މިނެޓުގައި ލިވަޕޫލަށް މުހިއްމު ގޯލު ޖަހައިދިނީ އެންޑީ ރޮބާޓްސަންއެވެ.

އެ ގޯލާއެކުވެސް އެވަޓަންއިން ހިތްވަރު ދެރަނުކޮށް ވަރުގަދައަށް ކުޅެމުން ދިޔަ އިރު، ތިން ޕޮއިންޓް ޔަގީންކުރަން ލިވަޕޫލުން ދިޔައީ ގޯލަކަށް ފުރުސަތު ހޯދަމުންނެވެ. އެ ފުރުސަތުގައި އެޓީމަށް ނަތީޖާ ފުޅާކޮށްދިނީ ޑީވޮކް އޮރީގީއެވެ. އޮރީގީ ގޯލު ޖެހީ 85 ވަނަ މިނެޓުގައެވެ.