އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ، މާވިންގެ ދިވެހި ލޯބިވެރިޔާ، ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު، ފުރަތަމަ ފަހަރަށް މިއަދު ކޯޓުގައި ވާހަކަ ދައްކައިފިއެވެ.
މި މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.
ނަމަވެސް މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ ދައުވާ ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. ކުރިމިނަލް ކޯޓުގައި މިއަދު އޮތް ލަމްހާގެ ބަންދު މުރާޖައާ ކުރުމުގެ މަޖިލީހުގައި ލަމްހާ ވަނީ ފުރަތަމަ ފަހަރަށް ކޯޓުގައި ވާހަކަ ދައްކައިފައެވެ.
ވާހަކަދެއްކުމަށް ގާޒީ ދެއްވި ފުރުސަތުގައި، ލަމްހާ މުޅިންވެސް ދެއްކީ އޭނާގެ ބަލި ހާލުގެ ވާހަކައެވެ.
އޭނާ ބުނީ، ޖަލުގައި ބަންދުކުރިއިރު ވެސް އޭނާ އަކީ "ޑިސްކް ޑީޖެނެރޭޓިވް ޑިޒީސް"އަށް ޑައިގްނޯޒްކޮށްފައިވާ މީހެއް ކަމަށެވެ. ނަމަވެސް ކުރިން އޭނާއަކީ ގަވާއިދުން ކަސްރަތުކޮށް ވަރަށް ބަލައިގެން އުޅުނު މީހެއްކަމަށާއި، އެފަދަ އިންތިޒާމެއް، ޖަލުގައި ހަމަޖެހިފައި ނެތުމުން ވަރަށް ބޮޑަށް ދޫވާކަމަށެވެ.
އޭގެ އިތުރުން ޖަލު ގޮޅީގެ ފާހާނާ ތެރެއަށް ވެއްޓި، އުނަގަނޑަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި، ދެ ބަދައެއްގެ ދެމެދުގައި ހުރި ޑިސްކެއްގައި ވަރަށް ބޮޑަށް ރެނދުލާފައިވާ ކަމަށް، އެމްއާރްއައިން ދައްކާފައިވާ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެ ޑިސްކު ފަޅައިގެން ނުގޮސް ހުރުމުގެ ސަބަބުން ވަރަށް ރިއްސާ ކަމަށް ވެސް ބުންޏެވެ.
ޖަލުގައި ހުރިހާ ކަމެއް ކުރަން ޖެހެނީ ފެން ބާލިދީ އުފުލައިގެން ކަމަށާއި، އެހީތެރިވާނެ މީހަކު ނެތުމުން ވަރަށް އުނދަގޫ ކަމަށްވެސް ބުންޏެވެ. އަދި އޭނާ ފަހަތަށް ބިޑި އަޅުވާތީ ވެސް އުނދަގޫވާ ކަމަށެވެ.
ދިފާއީ ވަކީލު ޝާއިރު ވެސް ވިދާޅުވީ، ބަރު އެއްޗެހި ނުއުފުލަން ލަމްހާއަށް ޑޮކްޓަރު އިރުޝާދު ދިން ނަމަވެސް ޖަލުގައި ލަމްހާ ފެންވަރައި ތާހިރުވާން ޖެހެނީ ފެން ބާލިދީ އުފުލައިގެން ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ބުނީ، ލަމްހާގެ ބަލި ހާލަތު އަންގައިދޭ ޑޮކްޓަރުގެ ލިޔުންތައް ދިފާއުން ފޮނުވީ ރޭ ވަރަށް ދަންވެފައި ވަނިކޮށް ކަމަށެވެ. ދައުލަތުގެ ވަކީލު އަހްމަދު ނައުފަލް ވިދާޅުވީ އެހެންކަމުން، އެކަމާ މެދު އެއްޗެއް ބުނެވޭނީ ލިޔުންތައް ބެލުމަށް ފަހު ކަމަށެވެ.
ޖަލުގައި ބަރު އެއްޗެހި ނުއުފުލައި އަރާމު ކުރެވޭނެ އިންތިޒާމް ހަމަޖެއްސޭނެތޯ ޝަރީއަތުން ސުވާލުކުރުމުން ދައުލަތުން ބުނީ އެކަމަށް ޖަވާބެއް ދެވޭނީ ކަރެކްޝަންސްގެ ބަހެއް ލިބިގެން ކަމަށެވެ.
އެހެންކަމުން، ލަމްހާގެ ބަންދު މުރާޖައާކުރުމާ މެދު މިއަދު ވަކި ގޮތެއް ނުނިންމައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު