ޗެލްސީގެ ޖަރުމަނު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އެ ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ނޫސްތަކުން ޔަގީން ކޮށްދީފިއެވެ.
ރުޑިގާ ޗެލްސީ ދޫކޮށްލަން ނިންމާފައި ވަނީ މި ސީޒަން ނިމުމަށް ފަހުގައެވެ. ޗެލްސީއާއެކު އެއްބަސްވުން އާކުރުމަށް މިހާތަނަށް ކުރަމުން ދިޔަ މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެ މަޝްވަރާތައް ހުއްޓުމަށް ދިމާވި އެންމެ ބޮޑު ހުރަހަކީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް އަޅަން ނިންމި ފިޔަވަޅުތަކުގެ ސަބަބުންނެވެ. ޗެލްސީ ވިއްކާލައި، އެހެން ވެރިޔަކާ ހަވާލުކުރަންދެން އެއްބަސްވުމުގެ ވާހަކަތައް މަޑުޖައްސާލަން ޖެހުމުގެ ސަބަބުން ރުޑިގާ ނިންމީ ކްލަބު ދޫކޮށްލާށެވެ.
ޗެލްސީއަށް އިހުތިރާމް ކުރުމުގެ ގޮތުން ރުޑިގާ ބޭނުންވަނީ ސަޕޯޓަރުންނަށް އަލްވަދާއު ކިޔައި ރީތި ގޮތުގައި ކްލަބު ދޫކޮށްލާށެވެ. ހާއްސަކޮށް ރުޑިގާ ޗެލްސީ ދޫކޮށްލަން ބޭނުން ވަނީ ކްލަބާ މެދު ހިތްހަމަ ނުޖެހިގެން ނޫން ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ބުނެފައެވެ.
މިދިޔަ ދެ އަހަރު ތެރޭގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ރުޑިގާއަކީ ޗެލްސީއަށް އެންމެ މުހިއްމު ޑިފެންޑަރެވެ. އޭނާ ނެތްތަން ފޫބައްދަން ޗެލްސީއަށް އުނދަގޫތަކާ ދިމާވާނެއެވެ. ހާއްސަކޮށް ޗެލްސީގެ ޑިފެންޑަރު އަންދްރޭއާސް ކްރިސްޓިއަންސަން ބާސެލޯނާއަށް ދާން މިހާރު އެއްބަސްވެފައި ވުމުން ކޮންމެހެންވެސް ޗެލްސީއަށް އިތުރު ޑިފެންޑަރެއް ގެންނަން ވަނީ މަޖުބޫރުވެފައެވެ.
ރުޑިގާގެ ކުރިމަގާ މެދު އޭނާ އަދި ވަކި އެއްޗެއް ބުނެފައި ނުވާ އިރު، ކުރިއަށް އޮތް ހަފުތާ ތެރޭގައި ދެން ދާނެ ކްލަބެއް އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ރުޑިގާގެ ސޮއި ހޯދަން އެންމެ ބުރަކޮށް މަސައްކަތް ކުރަމުން އަންނަނީ ރެއާލް މެޑްރިޑެވެ. މިދިޔަ އަހަރުގެ ޓްރާންސްފާ ސީޒަންގައިވެސް ރެއާލްއިން ރުޑިގާ ހޯދަން މަސައްކަތް ކުރަމުން އަންނަ އިރު، ރެއާލްއިން އަންނަނީ މަޝްވަރާތައް ކުރަމުން ކަމަށް އިތުބާރު ނޫސްވެރިން ބުނެފައިވެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް