ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ލިބޭނީ 453 ހައްޖު ކޯޓާ ކަމަށް ސައުދީ އަރަބިއްޔާގެ ބައެއް މަސްދަރުތަކުން ބުނެފިއެވެ.

ސައޫދީން މި އަހަރު ފުރުސަތު ދޭނީ އެއް މިލިއަން ހައްޖުވެރިންނަށް ކަމަށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 85 ޕަސެންޓް ހާއްސަކޮށްފައިވަނީ ބޭރު ގައުމުތަކަށެވެ.

މި އަހަރު ހައްޖު މޫސުމުގައި ގައުމުތަކަށް ކޯޓާ ދޭ އަދަދު މިހާރު ހާމަކޮށްފައިވާ އިރު، ރާއްޖެ އަށް ލިބެނީ 453 ފުރުސަތެވެ. މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖެއަށް އެންމެ މަދުން ކޯޓާ ލިބޭ ފަހަރެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާއިލް އަފްރާހް "ވަން" އަށް މިއަދު ވިދާޅުވީ ހައްޖު ކޯޓާއާ ގުޅޭ ގޮތުން ނުރަސްމީކޮށް ވާހަކަތަކެއް ދެކެވުނު ނަމަވެސް ރާއްޖެއަށް މިއަހަރު ދޫކުރަނީ ކިތަށް ކޯޓާ ކަމެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި އިސްލާމިކް މިނިސްޓްރީއަށް އަންގާފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ރަސްމީކޮށް އަދި ނާންގާ. އެންގީމަ އަޅުގަނޑުމެން ހިއްސާކުރާނަން އިތުރު މައުލޫމާތުތަކާއެކު." އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އާންމުކޮށް ކޮންމެ އަހަރަކުވެސް 1،000 ހައްޖު ކޯޓާ ލިބެ އެވެ. އަދި ބައެއް އަހަރުތަކުގައި އިތުރަށް 1،000 ކޯޓާވެސް ދީފައިވެއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން އެވްރެޖުކޮށް އަހަރަކު ދެ މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީން ފުރުސަތު ދެ އެވެ.

ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް ސައުދީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އުވާލައި، ފަހުން އެ ގައުމުން ކުރި އިއުލާނުގައި ބުނެފައިވަނީ މިއަހަރު ހައްޖުވުމުގެ ފުރުސަތު ދެވޭނީ 65 އަހަރުން ދަށުގެ މީހުންނަށް ކަމަށާއި އެ މީހުންނަކީ އެގައުމުން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ހައްޖަށް ދާ ކޮންމެ މީހެއްގެ އަތުގައި 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮތުމާއި ފުރިހަމަ ސިއްހަތެއްގައި ހުރި މީހަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ.