ކްރައިމް ސީނުން އަތުލި މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކޮށްފައި ނެތުމުން މަސްތުވާތަކެތި ޓްރެފިކްކުރިކަމުގެ ކުށުގެ ދައުވާކުރި ފަސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޗެއިން އޮފް ކަސްޓަޑީ ރިޕޯޓަކީ ކްރައިމް ސީނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ތަކެތީގެ މައުލޫމާތު ހިމެނޭ ފޯމެކެވެ. އެ ފޯމުގައި ކްރައިމް ސީނުން ނެގި އެއްޗާއި، އެ އެއްޗެއް ހުރި ގޮތާއި ނެގި ވަގުތު ބަޔާންކުރާނެއެވެ. ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވާނަމަ ކްރައިމް ސީނުން ނަގާ ތަކެތި ފުލުހުންގެ ފޮރެންސިކް ޑައިރެކްޓޮރޭޓުން ބަލައެއް ނުގަންނާނެއެވެ. އަދި އެއީ ހެއްކެއްގެ ގޮތުގައި ވެސް ޝަރީއަތުން ބަލައި ނުގަންނާނެއެވެ. ޗެއިން އޮފް ކަސްޓަޑީ ފޯމު ފުރަން ޖެހެނީ ކްރައިމް ސީން އޮފިސަރުންނެވެ.
ދެހާސް ސާތަރަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު 17:40 ހާއިރު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ވަނީ މއ. ފޯޗިއުންއަށް ވަދެފައެވެ. ފުލުހުން އެގޭގެ ކޮޓަރިއަކަށް ވަންއިރު ހާމަކަން ބޮޑު ގޮތެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުއްޓައި ފެނުނެވެ. އެތަކެތީގެ ބަރުދަނުގައި 18.5661 ގްރާމް ހުއްޓެވެ.
އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިންކަމަށްވުމުން އެ ކޮޓަރިން ހައްޔަރުކުރި ފަސް މީހުން ކަމަށްވާ، ސ. ހުޅުދޫ، ސީވޭވް، އަލީ ނަހްދާނާއި ރ. މަޑުއްވަރި، ލުނބޯމާގެ، މުހައްމަދު ސަމާއީލާއި ކ.މާލެ، ބްރައިޓްސްޓާ، މުހައްމަދު އިމްއާން ޝަމީލާއި ރ. މަޑުއްވަރި، ނޫވިލާގެ، ހުސެއިން ރިމާހް އަދި ސ. މަރަދޫ، ސަނީވޭ، އަބްދުﷲ ޝާތިރުގެ މައްޗަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފައެވެ.
އެ ގެއިން ހައްޔަރުކުރި އިތުރު މީހެއް ކަމަށްވާ ސ. ހިތަދޫ، ހިތިގަސްދޮށުގެ، އަބްދުﷲ އަޒްހީން ކުށަށް އިއުތިރާފުވުމުން އޭނާއަށް ވަނީ ހުކުމްކޮށްފައެވެ.
ދައުވާއަށް ފަސް މީހުން އިންކާރުކުރުމުން ދައުލަތުން ވަނީ އެމީހުންނާ ދެކޮޅަށް ހެކި ހުށަހަޅައިފައެވެ. އެގޮތުން ފުލުހުން ތައްޔާރުކޮށްފައިވާ ތިން ޗެއިން އޮފް ކަސްޓަޑީ ވެސް ހިމެނެއެވެ. ޗެއިން އޮފް ކަސްޓަޑީގައި ހުރި ތަކެތި ތަހުލީލުކޮށްފައިވަނީ ފުލުހުންގެ ސިވިލް އޮފިސަރެއް ކަމަށްވާ ފާތިމަތު ޝިމްޒާ ހަސަނާއި، އާމިނަތު ޝާމާއެވެ. ޗެއިން އޮފް ކަސްޓަޑީ ރިޕޯޓުން އެތަކެތި ތަހުލީލުކުރަން ހަވާލުކުރީ ކާކުކަން އެނގިފައިނެތުމުން އޭގެ ސައްހަކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަމާއި އަދި ގެއިން މަސްތުވާތަކެތި ފެނުނުކަމަށް ޝައްކުކުރުމުގެ ފުރުސަތު އޮތުމުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ފަސް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައިފައެވެ. ހުކުމުގައި އިތުރަށް ބުނީ ސައްހަ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓެއް ނެތުމުން ކްރައިމް ސީނުން ފެނުނީ ޑައިމޯފިން ކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ.
މި މައްސަލަ ބެއްލެވީ ގާޒީ އިސްމާއީލް ޝަފީއުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު