މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރާ އާމިނަތު ޝީޒާގެ ކެމްޕޭން ޖަހަގަ ހުޅުވައިފިއެވެ.

ވިލިމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޝީޒާގެ ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވީ އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމެވެ. އެ ޖަގަހަ ހުންނަނީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރީ، މަސްޖިދުލް ބިއްރި ކުރިމަތީގައެވެ.

ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝީޒާ ވިދާޅުވީ، ވިލިމާލޭ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރަކަށް މީގެ ކުރިން ހުންނެވި އާމިނަތު އީނާޝް ވިލިމާލެއަށް ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށެވެ.

ޝީޒާ ވަނީ ވިލިމާލޭ ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު ދެއްވީތީ އެމްއެންޕީއަށް ޝުކުރު އަދާކުރުމަށްފަހު، އޭނާއާ ބެހޭގޮތުން ތައާރަފެއް ދެއްވައިފައެވެ.

"އިޖުތިމާއީ މަސައްކަތްތަކުގައި އަޅުގަނޑު ގާތްގަޑަކަށް އުޅޭތާ މިހާރު ދިހަ ވަރަކަށް އަހަރު ވެދާނެ، އަމިއްލަ ގޮތުން މިއުޅެނީ. އެގޮތުން ވީލަސް އެންޖީއޯ އާއި ވިލިމާލެ ޔޫތު ސެންޓަރުގައި އަދި ސްކޫލަށް މިހާރު ކޮށްދެމުންދާ މަސައްކަތްވެސް ފާހަގަކޮށްލަން. އަޅުގަނޑު ކައިރީ ކޮންމެ ފަރާތަކުން އެދިލެއްވިޔަސް ސޯޝަލް ވޯކްސް، އަޅުގަނޑު އުފަލާއެކު އަޅުގަނޑަށް ވީވަރަކުން ކޮށްދެން މިހާރުވެސް. ސްކޫލުންވެސް ގޮވާލާ ކޮންމެ ފަހަރަކު އަޅުގަނޑު އެހީތެރިވަން. ވީލަސް ޖަމިއްޔާއިން ކުރާ ހުރިހާ މަސައްކަތެއްގެ އިސް ސަފުގައި އަޅުގަނޑު ހަރަކާތްތެރިވަން،" ޝީޒާ ވިދާޅުވިއެވެ.

ޝީޒާ އިތުރަށް ވިދާޅުވީ އިޖުތިމާއީ ގޮތުން އެ ހުރިހާ މަސައްކަތެއް ކުރީ އަމިއްލަ ގޮތުންކަމަށްވުމުން އެންމެ ފުޅާކޮށް އެކަންތައް ކުރެވިފައިނުވާ ކަމަށާއި، އެހެންކަމުން ދެން ބޭނުންވަނީ އެމްއެންޕީން ދިން ފުރުސަތުގެ ބޭނުން ހިފައި އެ ހިދުމަތްތައް އިތުރަށް ފުޅާކުރަން ކަމަށެވެ.

ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްގެ ވާހަކައިގައި ވެސް ވިލިމާލެއަށް ޝީޒާ ކޮށްދީފައިވާ އިޖުތިމާއީ ހިދުމަތްތައް ފާހަގަކުރައްވާފައިވެއެވެ.

ވިލިމާލެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ތާވަލުކޮށްފަިއވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ގޮނޑިއަށް ވާދަކުރަނީ އެމްއެންޕީގެ އިތުރުން ޕީޕީއެމްއެވެ. އެމްޑީޕީން ވެސް އިންތިހާބުގައި ވާދަކުރުމަށް މަސައްކަތްކުރި ނަމަވެސް، ކުރިމަތިލުމުގެ ވަގުތު ހަމަވުމުގެ ކުރިން ފޯމު ހުށަހެޅިފައެއް ނުވެއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އާމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.