ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއު ރޭޑިއަންޓްގެ "ސްޕޯޓިން ސަކްސެސާ" އެއް ކަމަށް އޭއެފްސީން ނިންމި ނިންމުމުގެ ލިޔުންތައް މިއަދު އެފްއޭއެމުން އެ ކްލަބާ ހަވާލުކޮށްފިއެވެ.

ރޭޑިއަންޓްގެ މައްސަލައާ ގުޅޭ ލިޔުންތައް އެފްއޭއެމުން މިއަދު ހިއްސާ ކޮށްފައިވަނީ އޭއެފްސީން އެކަމަށް ހުއްދަ ދިނުމާ އެކުގައެވެ. އެ ލިޔުންތަކުގައި އޭއެފްސީއާއި އެފްއޭއެމްއާ ދެމެދު ކުރެވުނު މުއާމަލާތްތަކުގެ ތާރީހު އެނގެން އޮތެވެ. އަދި އޭއެފްސީން ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ "ސްޕޯޓިން ސަކްސެއާ" އެއް ކަމަށް ކަނޑައަޅާފައިވާ ސިޓީވެސް އޮތެވެ.

ރޭޑިއަންޓްގެ މައްސަލައިގައި ފިޔަވަޅު އެޅީ އޭއެފްސީން އެންގުމުން ކަމަށާއި، އެ މައްސަލަ އިސްވެ ބެލީވެސް އޭއެފްސީން ކަމަށް އެފްއޭއެމުން ކުރިން ބުނެފައިވާ އިރު، އެ މައްސަލަ އޭއެފްސީން ފުރަތަމަ ބެލީ ކީއްވެތޯ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ސުވާލު އުފައްދައިފައެވެ. މައްސަލައިގައި އެފްއޭއެމުން ބުނީ އަލަށް ރަޖިސްޓްރީވެ ހިންގަން ފަށާފައިވާ ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ދަރަނިވެރިވެގެން ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓުގެ "ސްޕޯޓިން ސަކްސެސާ" އެއްގެ ގޮތުގައި ބެލެވޭތީ ކްލަބު ލައިސަންސިން ނުދޭން އޭއެފްސީން އެންގި ކަމަށެވެ.

ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. ބިދޭސީ އަދި ދޭސީ ކުޅުންތެރިންނާއި ކޯޗުންނަށްވެސް ބޮޑެތި އަދަދުތަކުން ނުދީ އޮތް މުސާރަތަކުގެ މައްސަލައިގައި ނިއު ރޭޑިއަންޓް ފުރަތަމަ ސަސްޕެންޑް ކުރީ އެފްއޭއެމުންނެވެ. އޭގެ ފަހުން ބިދޭސީ ކޯޗުންނާއި ކުޅުންތެރިން މައްސަލަތައް ބަލައި، ފަހުން ފީފާއިންވެސް ވަނީ ނިއު ރޭޑިއަންޓް ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައެވެ.

އެފްއޭއެމުން އެ މައްސަލައަށް ހާއްސަކޮށް ބުދަ ދުވަހު، ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި ބޭއްވި ޕްރެސްގައި އޭއެފްސީއާއި އެފްއޭއެމްއާ ދެމެދު ހިނގައިދިޔަ މުއާމަލާތްތަކުގެ ޓައިމްލައިނެއް ހިއްސާ ކޮށްފައިވެއެވެ. އެގޮތުން ރޭޑިއަންޓް ސްޕޯޓްސް ކްލަބު، ސްޕޯޓްސް ކޮމިޝަނަރު ރަޖިސްޓްރީ ކޮށްދީފައިވަނީ 10 މާޗުގައެވެ. އެހިސާބުން ފެށިގެން އެ ކްލަބުގެ ރަސްމީ ފޭސްބުކް ޕޭޖެއް ހަދައި މައުލޫމާތުތައް ހިއްސާކުރަން ފެށިއެވެ. އެ ޕޭޖުގައި ޕޯސްޓް ކުރަމުންދިއުމާއެކު 15 މާޗުގައި އޭއެފްސީން "ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މައުލޫމާތު" ހޯދަން އެފްއޭއެމްއަށް އެދުނު ކަމަށް ބުދަ ދުވަހުގެ ޕްރެސްގައި އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ އޭގެ އެއް ދުވަސް ފަހުން ރޭޑިއަންޓްގެ ފައުންޑަރު މުހައްމަދު ވާސިފްއާ ބައްދަލުކުރެވިފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި ރޭޑިއަންޓައިގެން ކުރިއަށް ދިއުމުގައި ސަމާލުވާންވީ ބައެއް ކަންކަމާއި، އޭއެފްސީން އެންގި އެންގުންތަކާއެކު ކްލަބުގެ ފައުންޑަރު ވާސިފަށް ވެސް ކިޔައިދީފައިވާނެ ކަމަށެވެ.

އެފްއޭއެމުން ރޭޑިއަންޓާ ހިއްސާ ކުރި ލިޔުންތަކުގައި އޭއެފްސީގެ ކްލަބު ލައިސަންސިން ޑިޕާޓްމަންޓްގެ ހެޑް މެގަޓް ކާމިލް، އެފްއޭއެމްގެ އެސިސްޓެންޓް ޖެނެރަލް ސެކްރެޓަރީ އަހުމަދު ޝިބާއު (ޝިބާ)އަށް މެއިލްކޮށް، ރޭޑިއަންޓްގެ މުއައްސިސުންނާއި ބޯޑުގެ އެހެނިހެން މައުލޫމާތުތައްވެސް ހޯދަން އެދިފައިވެއެވެ.

ބުދަ ދުވަހުގެ ޕްރެސްގައި ޖަވާ ވިދާޅުވީ ރޭޑިއަންޓުން އެފްއޭއެމްއާ އެފިލިއޭޓްވާން އެދުނީ 28 މާޗުގައި ކަމަށާއި، އެހިސާބުން އޭއެފްސީން އެދުނު ގޮތަށް އެފްއޭއެމުން ސްޕޯޓްސް ކޮމިޝަނަރު މެދުވެރިކޮށް ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބޯޑުގެ މައުލޫމާތުތަކާއި ޑޮކިއުމެންޓޭޝަންގެ މައުލޫމާތު އޭއެފްސީއަށް ހިއްސާ ކުރި ކަމަށެވެ. އެ މައުލޫމާތުތަކަށް ބެލުމަށްފަހު އޭއެފްސީން އެންގީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާއަށް ކަމަށް ފީފާގެ މިންގަނޑުތަކަށް ބަލައި، ކަނޑައަޅާ ކަމަށެވެ.

އޭއެފްސީގެ ސިޓީގައި ބުނެފައި ވަނީ ލޯގޯއާއި، ނަމުގެ އިތުރުން ކްލަބުގެ ކުލަ އަދި ބޯޑު މެމްބަރުންގެ މައުލޫމާތަށްވެސް ބަލައި، އެ ކްލަބަކީ ނިއު ރޭޑިއަންޓްގެ "ސްޕޯޓިން ސަކްސެސާ" އެއް ކަން ޔަގީންވާ ކަމަށެވެ. އެ ނިންމުން އޭއެފްސީން ނިންމާފައި ވަނީ ފީފާގެ ރެގިއުލޭޝަން ސްޓެޓަސްގެ އާޓިކަލް 25 ގެ "ސްޓެޓަސް އެންޑް ޓްރާންސްފާ އޮފް ޕްލޭޔާސް 2022 ވަނަ އަހަރުގެ އެޑިޝަން"ގެ ދަށުން އޮންނަ ހާއްސަ ބައެއް ކަމަށްވާ "ސްޕޯޓިން ސަކްސެސާސް" އާ ބެހޭ ބަޔަށް ރިއާޔަތްކޮށެވެ.

ފީފާއިން "ސްޕޯޓިން ސަކްސެސާ" ކަނޑައެޅުމަށް ބަލަނީ ހާއްސަ ވަކި ކްރައިޓީރިއާތަކެއްގެ ތެރެއިންނެވެ. "ސްޕޯޓިން ސަކްސެސާ" އެއްގެ ގޮތުގައި މައްސަލަ ބަލާނީވެސް ދަރިނިވެރިވެ، ނޫންނަމަ އެފަދަ އެހެން ކަމެއްގެވެސް ތެރެއިން ސަސްޕެންޑް ކޮށްފައިވާ ކްލަބުތަކަށް ރިއާޔަތް ކޮށްގެންނެވެ. އާންމު ހާލަތެއްގައި މިހާރު ހުރި ކްލަބުތަކުގެ ނަމާއި ލޯގޯ ވައްތަރުވި ނަމަވެސް އެ މައްސަލަތައް ފީފާއިން ނުބަލާނެއެވެ. "ސްޕޯޓިން ސަކްސެސާ" އެއްތޯ ފީފާއިން ބަލާނީ ސަސްޕެންޑް ކޮށްފައިވާ ކްލަބަކާއި އެއްވެސް ގޮތަކުން ގުޅޭ ކްލަބެއް އުފަދިގެން އަންނަ ނަމަ އެކަންޏެވެ. އެފަދަ މައްސަލަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފީފާއިން ބަލާފައިވެއެވެ.