ރޭޑިއަންޓްގެ މައްސަލައިގައި ފިޔަވަޅު އެޅީ އޭއެފްސީން އެންގުމުން ކަމަށާއި، އެ މައްސަލަ އިސްވެ ބެލީވެސް އޭއެފްސީން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އަލަށް ރަޖިސްޓްރީވެ ހިންގަން ފަށާފައިވާ ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ދަރަނިވެރިވެގެން ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓުގެ "ސްޕޯޓިން ސަކްސެސާ" އެއްގެ ގޮތުގައި ބެލެވޭތީ ކްލަބު ލައިސަންސިން ނުދޭން އިއްޔެ އެންގުމާއެކު، އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެފްއޭއެމަށް ބަހުގެ ހަމަލާތައް އަމާޒުކޮށްފައެވެ.

ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. ބިދޭސީ އަދި ދޭސީ ކުޅުންތެރިންނާއި ކޯޗުންނަށްވެސް ބޮޑެތި އަދަދުތަކުން ނުދީ އޮތް މުސާރަތަކުގެ މައްސަލައިގައި ނިއު ރޭޑިއަންޓް ފުރަތަމަ ސަސްޕެންޑް ކުރީ އެފްއޭއެމުންނެވެ. އޭގެ ފަހުން ބިދޭސީ ކޯޗުންނާއި ކުޅުންތެރިން މައްސަލަތައް ބަލައި، ފަހުން ފީފާއިންވެސް ވަނީ ނިއު ރޭޑިއަންޓް ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައެވެ.

އެ ކްލަބަކީ ހުދާއި ނޫ ކުލަ ރަމްޒުކޮށްދޭ ސަޕޯޓަރުން ގިނަ ކްލަބަކަށްވީ އިރު، ކްލަބުގެ ރޫހު އަލުން ގެންނަން ދާދިފަހުން ވަނީ ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ނަމުގައި އާ ކްލަބެއް އެކުލަވާލައި، ތިންވަނަ ޑިވިޝަންގައި ވާދަކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތުގެ ތެރޭގައި ކުރިން ނިއު ރޭޑިއަންޓުގައި މަސައްކަތްކުރި ބައެއް ފަރާތްތައްވެސް ހިމެނެއެވެ.

ރޭޑިއަންޓުގެ ކޯޗަކަށް ސޮބާހް މުހައްމަދު (ސޮބާ) ހަމަޖައްސައި ގިނަ އަދަދެއްގެ ކުޅުންތެރިން ކްލަބަށް ގެންގޮސް މިހާރު ވަނީ ސްކޮޑުވެސް އެކުލަވައިލައިފައެވެ. އެ ހިސާބަށް ކްލަބުގެ ކަންކަން ގެންދިޔަ ނަމަވެސް އެފްއޭއެމްގެ އެސޯސިއޭޓް މެންބަރަކަށްވުމަށް ކްލަބުން ކުރަމުން އަންނަ މަސައްކަތަށް މިހާރު ވަނީ ހުރަސް އެޅިފައެވެ. އެއީ އޭއެފްސީން ރޭޑިއަންޓްގެ ކްލަބު ލައިސަންސިން މަޑު ޖައްސާލަން އެފްއޭއެމްގައި އެދުމުންނެވެ.

އެކަމާ ގުޅިގެން އިތުރު ތަފްސީލުތައް ދިނުމަށް މިއަދު އެފްއޭއެމުން ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި ބޭއްވި ޕްރެސްގައި ބައިވެރިވެފައި ވަނީ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ގެ އިތުރުން ލީގަލް ހެޑް މުހައްމަދު ޖައުޝަން ޝަރީފް އަދި އެސިސްޓެންޓް ޖެނެރަލް ސެކްރެޓަރީ އަހުމަދު ޝިބާއު (ޝިބާ) އެވެ.

އެފްއޭއެމުން މިއަދު ވަނީ ރޭޑިއަންޓްގެ މައްސަލައިގެ ޓައިމްލައިނެއް ނޫސްވެރިންނާ ހިއްސާކޮށްފައެވެ. އެގޮތުން ރޭޑިއަންޓް ސްޕޯޓްސް ކްލަބު، ސްޕޯޓްސް ކޮމިޝަނަރު ރަޖިސްޓްރީ ކޮށްދީފައިވަނީ 10 މާޗުގައެވެ. އެހިސާބުން ފެށިގެން އެ ކްލަބުގެ ރަސްމީ ފޭސްބުކް ޕޭޖެއް ހަދައި މައުލޫމާތުތައް ހިއްސާކުރަން ފެށިއެވެ. އެ ޕޭޖުގައި ޕޯސްޓް ކުރަމުންދިއުމާއެކު 15 މާޗުގައި އޭއެފްސީން "ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މައުލޫމާތު" ހޯދަން އެފްއޭއެމްއަށް އެދުނު ކަމަށް މިއަދުގެ ޕްރެސްގައި ޖަވާ ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ އޭގެ އެއް ދުވަސް ފަހުން ރޭޑިއަންޓްގެ ފައުންޑަރު މުހައްމަދު ވާސިފްއާ ބައްދަލުކުރެވިފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި ރޭޑިއަންޓައިގެން ކުރިއަށް ދިއުމުގައި ސަމާލުވާންވީ ބައެއް ކަންކަން، އޭއެފްސީން އެންގި އެންގުންތަކާއެކު ކްލަބުގެ ފައުންޑަރު ވާސިފަށް ވެސް ކިޔައިދީފައިވާނެ ކަމަށެވެ. ޖަވާ އިތުރަށް ވިދާޅުވީ އޭއެފްސީގެ އިންޓަގްރިޓީ ޑިޕާޓްމަންޓްގެ މަސައްކަތް 2019 އިން ފެށިގެން ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ކަމަށާއި، އެފްއޭއެމުން ނާންގަނީސް އޭއެފްސީން ރޭޑިއަންޓްގެ މައްސަލަ ބަލަން ފެށީ އެ އުސޫލުތަކުގެ ތެރެއިން ކަމަށް ބެލެވޭ ކަމަށެވެ.

"ވަރަށް ބޮޑަށް ސުވާލު އެބަ އުފެދޭ އެފްއޭއެމުން ނާންގަނީސް އޭއެފްސީން ރޭޑިއަންޓްގެ މައްސަލަ ބެލީ ކީއްވެގެންތޯ. އޭއެފްސީގެ އިންޓަގްރިޓީ ޑިޕާޓްމަންޓްގެ ކަންކަން މިހާރު އޮންނަނީ ވަރަށް ބޮޑަށް ފުޅާކޮށްފައި. ސްޕޯޓްސް ރާޑާ ކިޔާ ބަޔަކާއެކު މުއާހަދާތަކެއް ހަދައި، އަބަދުވެސް މަސައްކަތްތައް ކުރޭ ޑޮކިއުމެންޓޭޝަންގެ ކަންކަން ބެލުމަށް. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބޮޑު ދަރަންޏެއް އޮތް ވާހަކަ ފީފާގެ ރިޕޯޓުތަކުންވެސް އެނގެން އެބައޮތް. އެހެންވީމަ އެހާ ހައިރާން ކުރުވަނިވި ކަމެއް ނޫން އެއީ އޭއެފްސީއަށް ރޭޑިއަންޓްގެ ކަންކަން ފްލެގް ވުމަކީ،" ޖަވާ ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ ރޭޑިއަންޓުން އެފްއޭއެމްއާ އެފިލިއޭޓްވާން އެދުނީ 28 މާޗުގައި ކަމަށާއި، އެހިސާބުން އޭއެފްސީން އެދުނު ގޮތަށް އެފްއޭއެމުން ސްޕޯޓްސް ކޮމިޝަނަރު މެދުވެރިކޮށް ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބޯޑުގެ މައުލޫމާތުތަކާއި ޑޮކިއުމެންޓޭޝަންގެ މައުލޫމާތު އޭއެފްސީއަށް ހިއްސާ ކުރި ކަމަށެވެ. އެ މައުލޫމާތުތަކަށް ބެލުމަށްފަހު އޭއެފްސީން އެންގީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާއަށް ކަމަށް ފީފާގެ މިންގަނޑުތަކަށް ބަލައި، ކަނޑައަޅާ ކަމަށެވެ.

ޖަވާ ވިދާޅުވީ އޭގެ ފަހުން އިއްޔެ ރޭޑިއަންޓާ ބައްދަލުކޮށް، އޭއެފްސީގެ އެ ވާހަކަތައް ރޭޑިއަންޓްގެ ބޯޑާ ހިއްސާ ކުރި ކަމަށާއި އެ ބައްދަލުވުން ނިމިގެން ދިޔައީ އެދެވޭ ގޮތަކަށް ނޫން ކަމަށެވެ. މިއީ ވަކި ބަޔަކާ ޖައްސާލައިގެން ކުރާ ކަމެއް ނޫން ކަމަށާއި މިއީ ރާއްޖޭގައި މުޅިން އަލަށް މިފަދަ ކަމެއް ހިނގާތީ، މިކަމާ ބެހޭ މައުލޫމާތު ރަނގަޅަށް ލިބިފައި ނެތުމުން ދިމާވެފައިވާ ކަމެއް ކަމަށްވެސް ޖަވާ މިއަދު ވިދާޅުވިއެވެ.

"މިކަހަލަ ކަންކަމަށް ފީފާއިން މިހާރު ދަނީ ވަރަށް ބޮޑަށް ފާރަލަމުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ އަޅުގަނޑުމެންގެ އެފިލިއޭޝަންގެ ދަށުން ކްލަބު ލައިސަންސިން ފަދަ ކަންކަމުގައި ކްލަބުތަކަށް ވަރަށް ބޮޑަށް އެއްބާރުލުން ދީގެން،" ޖަވާ ވިދާޅުވިއެވެ.

ޖަވާ އިތުރަށް ވިދާޅުވީ އޭއެފްސީގެ ހުއްދައާއެކު އެކަންކަން ހިނގައިދިޔަ ލިޔުންތައް ރޭޑިއަންޓާ ހިއްސާކުރަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

ރޭޑިއަންޓްގެ މައްސަލައިގައި ކްލަބު ވުޖޫދު ކުރުމަށް ކުރިމަތިވެދާނެ އުނދަގޫތަކުގެ ވާހަކަ އެފްއޭއެމުން ކްލަބުގެ ހިންގުންތެރިންނާ ކުރިންވެސް ހިއްސާކޮށްފައި އޮތް އިރު، އޭއެފްސީން އެ ކްލަބަކީ "ސްޕޯޓިން ސަކްސެސާ" އެއް ކަމަށް އެންގީ ގިނަ ކަންތައްތަކެއް ބެލުމަށްފަހުއެވެ.

ރޭޑިއަންޓަކީ "ސްޕޯޓިން ސަކްސެސާ"އެއް ކަމަށް އޭއެފްސީން ނިންމީ ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 15 ވަނަ މާއްދާގެ ހަތަރުވަނަ ނުކުތާގެ އިތުރުން އޭއެފްސީގެ ރެގިއުލޭޝަން އޮފް ދަ ސްޓޭޓަސް އެންޑް ޓްރާންސްފާ އޮފް ޕްލޭޔާސް މާއްދާތަކަށްވެސް ރިއާޔަތް ކޮށްފައި ކަމަށް މިއަދުގެ ޕްރެސްގައި އެފްއޭއެމްގެ ލީގަލް ހެޑް، ޖައުޝަން ވިދާޅުވިއެވެ.

ޖައުޝަން ވިދާޅުވީ ފީފާގެ އުސޫލުތަކަކީ މާ ކުރިންވެސް ހެދި، އަމަލު ކުރެވުމުން އަންނަ އުސޫލުތަކެއް ކަމަށާއި ރޭޑިއަންޓް މައްސަލައިގައި "ސްޕޯޓިން ސަކްސެސާ" ކަނޑައެޅުމުގައި އޭއެފްސީން އެ އުސޫލުތަކަށް ވަރަށް ބޮޑަށް ބެލި ކަމަށެވެ. އެގޮތުން ރޭޑިއަންޓްގެ ލޯގޯއާއި ކްލަބުގެ ކުލަ، ނިއު ރޭޑިއަންޓާ އެއްގޮތް ކަންތައްތަކެއް ހުރުމުގެ އިތުރުން، ރޭޑިއަންޓް ހިންގުމުގައި މަގާމުތަކަށް އިންތިހާބުވެފައި ތިބި ފަރާތްތަކަކީ ނިއު ރޭޑިއަންޓްގެ އެންމެ ފަހުން އޮތް ބޯޑުގައި ވެސް މަސްލަަހަތު އޮތް ފަރާތްތަކަކަށް ވުންވެސް އެކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޖައުޝަން ފާހަގަކުރެއްވިއެވެ. މިއަދުގެ ޕްރެސްގައި ޖައުޝަން ވަނީ ތަފްސީލުކޮށް، ފީފާގެ މާއްދާތަކާއި ރޭޑިއަންޓަށް ދިމާވި ކަންތަކުގައި ބެލިބެލުމަށް އަލިއަޅުވާލައިފައެވެ.

"އެއް ކަމަަށް ވުރެ ގިނަ ކަންކަން މީގެ އެބަހުރި އެއްގޮތް ނުވަތަ އެއްގޮތް ކަމަށް ބެލެވޭނެ. ފީފާއާއި އޭއެފްސީން ބަލާ މިންގަނޑުން އޭއެފްސީން ނިންމާފައި މިވަނީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާގެ ގޮތުގައި. ސްޕޯޓިން ސަކްސެސާ އެއް މި އަންނަނީ ސަސްޕެންޑްވެފައި އޮތް، ނޫނީ ކުޅިވަރު ހަރަކާތްތަކުން މައްސަލަތަކެއްގެ ސަބަބުން އެކަހެރިކޮށްފައިވާ ޓީމެއްގެ ތެރެއިން، މިއީ ރަނގަޅަށް ހިނގަ ހިނގައި އޮންނަ ކްލަބެއްގެ ތެރެއިން އަންނަ ކަމެއް ނޫން. ރޭޑިއަންޓް ސްޕޯޓްސް،" ޖައުޝަން ވިދާޅުވިއެވެ.

"ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ނަމާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ނަމާ އެއްގޮތް ކަންތައްތަކެއް އެބަހުރި. ދެ ކުލަބުގެ ކުލަވެސް ވަރަށް އެއްގޮތް. ލޯގޯއަށް ބަލާ އިރު ކުޑަ ތަފާތުތަކެއް ހުރި ނަމަވެސް ބޮޑަށް ވައްތަރު. ސްޓޭކް ހޯލްޑަރުން ނުވަތަ އޯނާޝިޕަށް ބަލާއިރު، ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ މުއައްސިސުންގެ ތެރެއިން އަލްފާޟިލް މުހައްމަދު ވާސިފަކީ ނިއު ރޭޑިއަންޓްގެ އުވިދިޔަ ބޯޑުގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅެއް. އަދި ރޭޑިއަންޓް އުފެދިގެން އައިސް ބޯޑު ރަޖިސްޓްރީ ކުރިއިރު ޗެއާމަނަކަށް އިންތިހާބު ވެފައި ވަނީވެސް ވާސިފް. ހަޒާންދާރަކަށް އިންތިހާބުވެފައިވާ ޒަހީން ބިން ސައީދަކީވެސް އުވިދިޔަ ނިއު ރޭޑިއަންޓްގެ ބޯޑުގައި ހިމެނޭ ބޭފުޅެއް،" ޖައުޝަން މިއަދުގެ ޕްރެސްގައި އިތުރަށް ކިޔައިދިނެވެ.

މިއަދުގެ ޕްރެސްގައި ޝިބާ ވިދާޅުވީ އެފްއޭއެމުން އިސްވެ، ރޭޑިއަންޓް މައްސަލައިގައި ކުރިއަށް ދެވޭނީ ކިހިނެއްތޯ ބަލަން މިއަދު ހެނދުނު އޭއެފްސީގެ އޮފިޝަލުންގެ ކިބައިން އެދުނު ކަމަށެވެ. އެގޮތުން ރޭޑިއަންޓް ބޯޑުގައި ތިބި ނިއު ރޭޑިއަންޓާ ގުޅޭ މީހުން މަގާމުން ވަކިވެ، ކްލަބުގެ ލޯގޯ އާއި ކުލަ ބަދަލުކޮށްފިނަމަ މީގެ ފުރުސަތެއް އޮންނާތޯ އޭއެފްސީ ކުރެން އެހި ކަމަށްވެސް މިއަދުގެ ޕްރެސްގައި އެސިސްޓެންޓް ޖެނެރަލް ސެކްރެޓަރީ ޝިބާ ވިދާޅުވިއެވެ.

ޝިބާ އިތުރަށް ވިދާޅުވީ އޭއެފްސީން އެންގީ އެ ހިސާބުން ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސަކްސެސާ ކްލަބަށް ވުމުގެ ހުރިހާ ޝަރުތެއް ފުރިހަމަަވާން ބާރު ލިބޭނެ ކަމަށެވެ. އެއީ މިފަދަ ކަންކަމަކީ ކްލަބެއް ވުޖޫދުވެގެން، އިންތިހާބަކާ ހަމައަށް ދާއިރު، އުސޫލުގެ ތެރެއިން ހައްލުތަކެއް އައިސްފައި އޮންނަން ޖެހޭ ކަމަކަށް ވާންޖެހޭތީ ކަމަށެވެ.

ޝިބާ ވަނީ މިއަދުގެ ޕްރެސްގައި އޭއެފްސީގެ ޖަވާބު ސިޓީ އިނގިރޭސިން ކިޔައިދީފައެވެ. ސިޓީގައި ބުނެފައިވާ ގޮތުން "ކުރީގެ ކްލަބުގެ ދަރަންޏަށް ގާނޫނީ ގޮތުން ޒިންމާވާނަމަ އާ ކްލަބަށް އެފްއޭއެމްގެ މެންބަރުކަން ދިނުމާމެދު އޭއެފްސީގެ އެއްވެސް އިއުތިރާޒެއް ނެތް،" ކަމަށެވެ.

ރޭޑިއަންޓް މައްސަލައިގައި ހައްލު ހޯދަން އެފްއޭއެމުން އެކިއެކި ގޮތްގޮތުން މަސައްކަތް ކުރާނެ ކަމަށް ޖަވާވެސް ވިދާޅުވިއެވެ. ގާނޫނީ ނަޒަރަކުން ޖައުޝަން ވިދާޅުވީ ހައްލު ހޯދަން ވިސްނުން ބުއްދިވެރީ އިންޓަނޭޝަަނަލް ޗާޓަރުގެ ތެރެއިން ކަމަށެވެ. އެގޮތުން ދަށު ކޯޓުތަކަށް ދިއުމުގެ ބަދަލުގައި އިންޓަނޭޝަނަލީ ބަލައިގަންނަަ ގަވާއިދުތަކުގައިވާ އާބިޓްރޭޝަން މަރުހަލާގެ ތެރެއިން ދިއުމަށް ޖައުޝަންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ދިއުމަކީ ވެސް މީގެ އޮތް ފުރުސަތެއްގެ ގޮތުގައި ޖައުޝަން އަލިއަޅުވާލިއެވެ.