ނިއު ރޭޑިއަންޓުގެ ވާހަކަ އަނެއްކާވެސް ގިނަވެއްޖެއެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު، އެންމެ ސަޕޯޓަރުން ގިނަ ކްލަބު ނިއު ރޭޑިއަންޓް ދިވެހި ފުޓުބޯޅައިގައި ނެތުމުގެ ފަޅުކަން އިހުސާސް ވެއެވެ. އެއީ ފުޓުބޯޅައިގެ ފޯރިއަށް ކޮންމެހެންވެސް މުހިއްމު ކްލަބެކެވެ. އެހެން ނަމަވެސް ކްލަބުގެ ދަރިނީގެ މައްސަލަތަކާއެކު ކްލަބަށް އަލުން ފުޓުބޯޅައަށް އަންނަން އޮތީ ވަރަށް އުނދަގޫ މަގެކެވެ. ކްލަބު ސަސްޕެންޑުވީ އެ ކްލަބުން މުސާރަ ނުދީ އޮތް ކުޅުންތެރިންނާއި ކޯޗުންގެ މައްސަލަތައްވެސް ބަލައި، ފީފާއިންނެވެ.
ނިއު ރޭޑިއަންޓް ފުޓުބޯޅައިގެ ތަރަހައިން ސަސްޕެންޑުވެގެން ދިޔައީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން ސަޕޯޓަރުން އެތައް މަސައްކަތެއް ކޮށްވެސް، ކްލަބު ވެއްޓިފައިވާ އަނދަވަޅުން ނަގައެއް ނުގަނެވުނެވެ. ހަގީގަތުގައި ދަރަނީގެ ބޮޑުކަމުންނެވެ. އެކި މީހުން، އެކިއެކި ސަޕޯޓަރުންގެ ޝުއޫރު އެކަމުގައި އެކިއެކި ގޮތް ގޮތަށްހުރި އިރު، ބައެއް ސަޕޯޓަރުންގެ ނަޒަރުގައި ފުޓުބޯޅައިން ނިއު ދިޔައީ ވަކި ބަޔަކު އެކަމަށް ބޭނުންވެގެން، ރޭވިގެންނެވެ. އެހެން ނަމަވެސް އެކަމުގެ އަނެއް ކޮޅަށް ނަޒަރު ހިންގާ ބަޔަކުވެސް ތިބޭނެއެވެ. އެއީ ނިއު ދިޔައީ ބަޔަކު ދަރުވާލީމަ ކަމަށް ދެކޭ މީހުންނެވެ.
ނިއު ނެތި ތިން އަހަރެއް ވެފައި ވަނިކޮށް، ދާދި މިދާކަށް ދުވަހު އެ ކްލަބުގެ ނުލާއި ހުދު ރަމްޒުކޮށް، ބާޒެއްގެ ލޯގޯގައި ރޭޑިއަންޓް ކިޔާ ކްލަބެއް އުފެއްދިއެވެ. އަލުން ނުލާއި ހުދު ފުޓުބޯޅައަށް ގެންނަން ވިސްނައިގެންނެވެ. އެ މަސައްކަތުގެ ތެރޭގައި ކުރިން ނިއު ރޭޑިއަންޓުގައި މަސައްކަތްކުރި ބައެއް ފަރާތްތައްވެސް ހިމެނެއެވެ.
ރޭޑިއަންޓުގެ ކޯޗަކަށް ސޮބާހް މުހައްމަދު (ސޮބާ) ހަމަޖައްސައި ގިނަ އަދަދެއްގެ ކުޅުންތެރިން ކްލަބަށް ގެންގޮސް މިހާރު ވަނީ ސްކޮޑުވެސް އެކުލަވައިލައިފައެވެ. އެ ހިސާބަށް ކްލަބުގެ ކަންކަން ގެންދިޔަ ނަމަވެސް އެފްއޭއެމްގެ އެސޯސިއޭޓް މެންބަރަކަށްވުމަށް ކްލަބުން ކުރަމުން އަންނަ މަސައްކަތަށް މިހާރު ވަނީ ހުރަސް އެޅިފައެވެ. އެއީ އޭއެފްސީން ރޭޑިއަންޓްގެ ކްލަބު ލައިސަންސިން މަޑު ޖައްސާލަން އެފްއޭއެމްގައި އެދުމުންނެވެ. އެއީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ "ސްޕޯޓިން ސަކްސެސާ" އެއް ކަމަށް ނިންމައިފައެވެ.
އެފްއޭއެމުން މައްސަލަ ބެލުމުގެ ކުރިން އެ މައްސަލަ ބަލަން ފެށީ އޭއެފްސީން ކަމަށް އެފްއޭއެމުން ބުނެފައިވެއެވެ. އެކަމަށް ރޭޑިއަންޓާއެކު ތިބި ސަޕޯޓަރުން އެފްއޭއެމްއަށް ފާޑު ކީވެސް މެއެވެ. އަދި މިހާރު އޮތީ ތަފްސީލު ލިޔުންތައް ހޯދަން އެދިފައެވެ. އެފްއޭއެމުން ބުނެފައިވަނީ އޭއެފްސީގެ ލިޔުންތައް ހާމަކޮށް، ރޭޑިއަންޓަށް ދޭނެ ކަމަށެވެ.
ކޮންމެއަކަސް، އެ މައްސަލަތާއެކު ނިއުއިން މުސާރަ ދޭން ޖެހިފައިވާ ބައެއް ކުޅުންތެރިންވެސް ދިޔައީ ވާނުވާ ބަލަމުންނެވެ. އޭގެން އެއް ކުޅުންތެރިޔަކީ ނިއުއިން އެންމެ ބޮޑު އަދަދެއްގެ ފައިސާ ދޭން ޖެހޭ އަފްގާނިސްތާނުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީއެވެ.
"ނިއު ރޭޑިއަންޓުން އަހަންނަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި އެހެން ކްލަބެއް ހަދަން މަސައްކަތް ކުރި ކަމަށް އަހަންނަށް މައުލޫމާތު ލިބުނު. އެއީ އަހަރެންގެ ވަކީލުގެ ފަރާތުން. އެވަގުތުން ފެށިގެން އަހަރެންގެ ވަކީލު ފީފާއަށް ލިޔުނު. އަދި ފީފާއިން އޭއެފްސީއަށްވެސް ލިޔެގެން އެކަން އެންގި. އެއީ ވަކީލުންގެ މަސައްކަތަކީވެސް. އަހަރެމެންނަށް އެނގުނު ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ހިއްސާ އޮންނަ ކްލަބެއް ކަން،" މިހާރު ކެނެޑާގައި ދިރިއުޅެމުންދާ އަމީރީ "ވަން" އަށް އެކްސްކްލޫސިވްކޮށް ބުންޏެވެ.
ނިއުއިން މުސާރަ ނުދީގެން އަމީރީ ހުށަހެޅި މައްސަލައިގައި 2018 ވަނަ އަހަރު ފީފާގެ ޑިސްޕައިޓް ރިސޮލިއުޝަން ޗެމްބާސްއިން ނިންމި ނިންމުގައި އަމީރީއަށް 45،636 ޑޮލަރު ދޭން އަންގާފައި ވަނީ 45 ދުވަހުގެ ތެރޭގައެވެ.
ނިއުއިން އަމީރީއަށް ދޭން ޖެހޭ މުސާރައިގެ 13،250 ޑޮލަރު އިންޓަރެސްޓާއެކު ދެއްކުމަށް ފީފާއިން އަންގާފައިވާ އިރު، ކޮންޓްރެކްޓާ ހިލާފުވުމުން ނިއުއިން އަމީރީއަށް 30،130 އަދި އޭގެވެސް ފަސް ޕަސެންޓް އިންޓްރެސްޓް ދޭން ޖެހެއެވެ. އެ އަދަދު އިންޓަރެސްޓްތަކާއެކު މިހާރު އަދިވެސް ދާނީ ބޮޑުވަމުންނެވެ.
"އަހަންނަށް ހީވަނީ އަހަރެން ކަހަލަ ކުޅުންތެރިންނަށް ފައިސާ ނުދައްކައި އޮތުމުންހެން އަލަށް ހެދި ކްލަބަށްވެސް މައްސަލަތައް މި ކުރިމަތިވީ. ފީފާއިން ނިންމާފައި އޮތް ނިންމުމުގެ ސަބަބުން. އެ މައްސަލައިގެ ފަހުން ނިއު އިން ނުދީގެން ފީފާއިން އަހަންނަށް ފައިސާ ދިން. އެއީ ނިއު ރޭޑިއަންޓުން ނުދީ އޮތް މުސާރައިގެ ކޮންމެވެސް މިންވަރެއް ހަމަޖައްސައި ދިނުމަށް. ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންނާއި އެ ކްލަބަށް ލޯބިކުރާ އެންމެންގެ ހައްގުގައި ބުނާ ނަމަ، އެ ކްލަބަކީ އެންމެ އުހުގައި އޮންނަން ޖެހޭނެ ކްލަބެއް. އެކަމަކުވެސް ދޭން ޖެހޭ މުސާރަތައް ދޭން ޖެހޭނެ. އެއީ އެކަން އޮންނަ ގޮތް. އަހަރެން ޑިމާންޑެއް ނުކުރަން އިންޓަރެސްޓަށް އަރާ ވަރެއް ދޭކަށްވެސް. އިންޓަރެސްޓް ނުލައި ދައްކަން ޖެހޭ ފައިސާ ދެއްކިޔަސް އަހަރެން އަނބުރާ މައްސަލަ ނަގައި ގޮތަށް ވިސްނުން ހުރީ،" އަމީރީ ބުންޏެވެ.
އަމީރީ ވަނީ ފީފާ ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ކޮށްފައިވާ ހުކުމާ ގުޅިގެން ފީފާއިން އަންގާފައިވާ އެންގުމުގެ ލިޔުންތައްވެސް "ވަން" އާ ހިއްސާ ކޮށްފައެވެ. އެއީ 2018 ވަނަ އަހަރު ނިންމި ނިންމުމާއެކު ދީފައިވާ ލިޔުންތަކެކެވެ. އަމީރީގެ އެދުމަކީ މުސާރަ ލިބުން ކަމަށްވީ އިރު، އަމީރީ ބުނީ މުސާރައިގެ ގޮތުގައި ނުދީ އޮތް ފައިސާ ދިނުމުން އެއްބަސްވުމަކަށް ގޮސް، މައްސަލަ ނަގަން ފީފާއަށް އެދެން ހުރި ކަމަށެވެ.
"ނިއުއިން އަހަންނަށް ކުޑަ އަދަދެއްގެ ފައިސާއެއް ދީ، މައްސަލަ ހައްލުކުރަން އުޅުނު. އެކަމަކު އެކަން ނުކުރީ އެއީ އަހަންނަށް ދޭން ޖެހޭ މުސާރަ ވީމަ. މައްސަލަ ހައްލުކުރަން ފައިސާގެ މުސާރައިގެ ބައި، އަދި އެއްބަސްވުމާ ހިލާފުވުމުން ދޭން ޖެހޭ ބައި ދިނީމަ އަހަރެން މިހުރީ ފީފާއަށް މައްސަލަ ނަގަން އެދެން ތައްޔާރަށް،" އަމީރީ ބުންޏެވެ.
މައްސަލަތަކެއްގެ ތެރެއިންވެސް ދިވެހި ފުޓުބޯޅައިގެ ތެރޭގައި ނިއު ނެތުން އެއީ ހިތްދަތިކަމެކެވެ. ހާއްސަކޮށް ކާމިޔާބީގެ އެތައް ސަފުހާއެއް އޮތް ކްލަބެއް އަލުން ގެންނަންވެސް ބުރަކޮށް މަސައްކަތް ކުރަން ޖެހެއެވެ. އެހެން ނަމަވެސް ކްލަބުން ދަރަނި އަދާކުރަން ޖެހެއެވެ. ހާއްސަކޮށް ކުޅުންތެރިންނަށް މުސާރަތައް ދޭން ފީފާއިން އަންގާފައިވާ އެންގުން ބަދަލުކުރުން އެއީ އުންމީދު ކުޑަ ކަމަށްވީ ހިނދު، އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ގަބޫލުކުރެވެއެވެ. ނިއުއަށް ފައިސާ ދެއްކޭނެ މަގެއް ފެނިގެން ނޫނީ އަލުން ނުލާއި ހުދުގެ ރޫހު ގެނެވޭނެ ކަމާމެދު އޮތީ ސުވާލުތަކެކެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު