ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދިން ކަމަށް ތުހުމަތުވާ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގެ ދައުވާ ހުށަހަޅަމުން ދައުލަތުން ވިދާޅުވެފައިވަނީ، ލ. ފޮނަދޫ، ދިލްކުސާގެ އަހުމަދު ޝަމީމުގެ މައްޗަށް ތޫނު އެއްޗެއް ނުވަތަ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާކުރަނީ، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުގެ 21:13 ހާއިރު މަސްއޫދު ސައިކަލުގައި ދަނިކޮށް އޭނާއަށް ޝަމީމު ދަނގަޑުބުރިއަކުން ހަމަލާދިނުމުގެ ސަބަބުން އަތް ޒަހަމްވެފައިވާތީ ކަމަށެވެ.
އެ ދައުވާގެ ދިފާއުގައި ޝަމީމުގެ ފަރާތުން ބުނެފައިވަނީ، ދައުވާކުރާ ކުށުގެ ތުހުމަތު ހައްޔަރުކުރިއިރު ނުކުރާ ކަމަށެވެ. އަދި ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތުވެސް ސާފުކޮށްދީފައިނުވާ ކަމަށެވެ. އެހެންކަމުން އެއީ ބާތިލު ދައުވާއެއް ކަމަށް ކަނޑައަޅައިދިނުމަށް ޝަމީމުގެ ފަރާތުން ވަނީ އެދިފައެވެ.
ދައުލަތުން ވިދާޅުވެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ދަށުން މީހަކު ހައްޔަރުކުރާއިރު ގާނޫނީ އިންޒާރު ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލަކީ އެމީހެއްގެ މައްޗަށް ލިބިފައި ހުރި ހެކި ގަރީނާގެ މައްޗަށް ބަލައި، ފެންނަން ހުރި ކުށްތަކުގެ ތުހުމަތު އިއްވުން ނުތަތަ ކުރުން ކަމަށެވެ. އަދި މީހަކު ހައްޔަރުކުރާ ވަގުތު އެމީހެއްގެ މައްޗަށް ހުންނަ ހެކި މަދުވާނެ ކަމަށާއި، މައްސަލައިގެ ތަހުގީގުކުރަމުންދާ މިންވަރަކުން އިތުރު ހެކި އަދި ގަރީނާ ލިބޭނެ ކަމަށެވެ. އެހެންކަމުން ހައްޔަރުކުރާއިރު ކުރާ ތުހުމަތު ދައުވާކުރާއިރު ބަދަލުވެދާނެ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
ޝަމީމުގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ވަނީ މަސްއޫދު ހިމެނެހޭހެން ދިހަ ހެކިވެރިން ހުށަހަޅައިފައެވެ.
އަނިޔާ ލިބުނު މަސްއޫދުގެ ހެކިބަހާ ގުޅިގެން ޝަމީމުގެ ފަރާތުން ބުނެފައިވަނީ، މަސްއޫދާއި ޝަމީމުގެ ދެމެދުގައި ހުޝޫމާތު އުފެދިފައިވާތީ މަަސްއޫދުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި އެއީ މަސްލަހަތަށް ފުށޫއަރާ ހެކިބަހެއް ކަމަށެވެ.
އެކަމާ ގުޅިގެން ދައުލަތުން ވިދާޅުވެފައިވަނީ، މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި ވަގުތާއި ހާލަތަށް ބަލާއިރު، ހާދިސާ ހިނގާފައިވަނީ ރޭގަނޑު ވަގުތެއްގައި އަނިޔާ ލިބުނު މަސްއޫދު އޭނާގެ އަންހެނުންނާއެކު މީހުން ނުޅޭ ސަރަހަދެއްގައި ދުއްވާފައި ދަނިކޮށް ކަމަށާއި، އެތަނުގައި އިތުރު މީހެއް ނެތްކަން ވީޑިއޯ ފުޓޭޖުން އެނގޭ ކަމަށެވެ. އަދި ދައުވާގައި ބުނާ އަމަލު ހިންގުމަށްފަހު ޝަމީމު އެތަނުން ފިލާފައިވާ ކަމަށާއި، އެހެންކަމުން މަސްއޫދުގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށެވެ.
ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކުރުމަށްފަހު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކުރީ ޝަމީމުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެގޮތަށް ހުކުމްކުރީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިންގެ ބަހުން މަސްއޫދަށް ހަމަލާދިނީ ޝަމީމުކަން ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާތީއާއި އަދި ހަމަލާދިން ދަގަނޑު ބުރި ފުލުހުން ހޯދިގޮތް ސާފުކޮށްދެވިފައި ނުވުމުންނެވެ.
މީގެ އިތުރުން ހުކުމުގައި ބުނީ، މަސްއޫދާއި ޝަމީމުގެ ދެމެދުގައި މައްސަލަ ޖެހިފައިވާކަން ހައި ކޯޓުގެ ގަޒިއްޔާއަކުން ވެސް ސާފުވާ ކަމަށެވެ. އެހެންކަމުން ރުޅިވެރިކަމުގެ މާހައުލުގައި ދޭ ހެކިބަސް ބަލައިނުގަނެވޭނެތީ މަސްއޫދުގެ ހެކިބަސް ބަލައިނުގަނަވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު