ފިތުރު ޒަކާތަކީ އަތްމަތި ދަތި ހާލަތުގައި ވެސް ހޭދަކުރުމަށް މުސްލިމުންނަށް ދެވޭ ތަމްރީނެއް ކަމަށާއި މުސްލިމުންގެ އަތްތައް އަބަދުވެސް ވާން ޖެހޭނީ ހޭދަކުރާ އަތްތަކަކަށް ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ރަމަޟާން މަހުގައި އަހަރެމެން ހިފި ރޯދަ ފުރިހަމަކޮށް ދެއްވުމަށްޓަކައި އަހަރެމެންގެ މައްޗަށް ފިތުރު ޒަކާތް ޝަރުއު ކުރައްވާފައިވާ ކަމަށާއި އެއީ އަހަރެމެން ހިފި ރޯދައިގައިވާ އުނި ކަންތައްތައް ފިލުއްވައި ދެއްވުމަށްޓަކައި ކަމަށެވެ.
"ފިތުރު ޒަކާތަކީ އަތްމަތި ދަތި ހާލަތުގައި ވެސް ހޭދަކުރުމަށް މުސްލިމުންނަށް ދެވޭ ތަމްރީނެކެވެ. މުސްލިމުންގެ އަތްތައް އަބަދުވެސް ވާން ޖެހޭނީ ހޭދަކުރާ އަތްތަކަކަށެވެ. މި ޒަކާތުގެ ސަބަބުން އަހަރު ތެރޭގައި އެންމެ ދުވަހަކު ނަމަވެސް ހޭދަކުރި މީހަކަށްވުމުގެ އުފާ ކޮންމެ މުސްލިމަކަށް ހާސިލުވެގެންދެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ މާތްﷲ މުސްލިމުންގެ މައްޗަށް ފިތުރު ޒަކާތް ފަރުޟު ކުރެއްވީ މަތިވެރި މާތް މަގުސަދުތަކަކަށްޓަކައި ކަމަށާއި އޭގެ ތެރޭގައި ފަގީރުން އީދު ދުވަހު ފުދުންތެރިން ބަޔަކަށް ހެދުމާއި, އެމީހުންގެ އެ ދުވަހު މުހުތާދުތައް ފުއްދައިދިނުމާއި, އީދުގެ އުފަލުގައި އެބައިމީހުން ބައިވެރިކުރުންވާ ކަމަށެވެ.
"ފިތުރު ޒަކާތުގެ ސަބަބުން މުޖުތަމައުގެ އަފްރާދުންގެ މެދުގައި ލޯތްބާއި ކުލުނާއި އެކުވެރިކަން ގާއިމުވެގެންދާނެއެވެ. އީދުގެ އުފަލުގައި އެންމެންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހުރިހާ އެންމެންނަށް އީދު އުފާވެރި މުނާސަބަތަކަށް ވާނެއެވެ. ކީރިތި ރަސޫލާ ސިފަކުރައްވާފައިވާ ފަދަ އެއްބަނޑުއެއްބަފާ މުޖުތަމައަކަށް އިސްލާމީ މުޖުތަމައު ވާނީ އުފަލާއި ހިތާމައިގައި މުޖުތަމައުގެ އެންމެން ބައިވެރިވެގެންނެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ފިތުރު ޒަކާތަކީ ތިމާއާއި ތިމާ ހަރަދުދީ ބަލަހައްޓަން ޖެހިފައިވާ މީހުންނަށް އީދު ދުވަހާއި އީދު ވިލޭރެއަށް ބޭނުންވާ ކާބޯތަކެތި ހުރެ, އިތުރު ވެއްޖެ ނަމަ ދޭން ޖެހޭ އެއްޗެއް ކަމަށެވެ. އަދި ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު އިރުއޮއްސުމުގެ ކުރިން މަރުވި މީހާއާއި އީދުވިލޭރޭ އުފަންވި ކުއްޖާގެ މަތިން ފިތުރު ޒަކާތް ދޭކަށް ނުޖެހޭނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާ
ހުތުބާ
ހުތުބާ
ހުތުބާ