މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގަށް ވާދަކުރަނީ ފުޓުބޯޅަ ތާރީހުވެސް ދުށް އެންމެ މޮޅު ޓީމާ ކަމަށާއި، މެޗަކުން އެއްވަރުވިޔަސް ލިވަޕޫލުން ތަށި ނަގާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ރޭސް ވަރަށް ބޮޑަށް ވާދަވެރިވެފައި އޮތް އިރު، މިވަގުތު އަނެއްކާވެސް އެއްވަނައިގައި އޮތީ ސިޓީއެވެ. އެއީ ރޭ ސިޓީން ކުޅުނު މެޗުގައި ބްރައިޓަން ކައިރީ 3-0 އިން މޮޅުވެގެންނެވެ. މިހާތަނަށް ސިޓީން ކުޅެފައިވާ 32 މެޗުން 77 ޕޮއިންޓް އެޓީމަށް ލިބިފައިވާ އިރު، ލިވަޕޫލަށް 32 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. ދެޓީމަށްވެސް ލީގުގައި ބާކީ އޮތީ ހަ މެޗެވެ.
"އަހަރެމެން މިއީ މޮޔަ ބައެއް ނޫން ތަށި ލިބުނު ކަމަށް ގަބޫލުކުރާކަށް. އެންމެ މެޗަކުން އެއްވަރު ވިޔަސް ލިވަޕޫލް ތަށި ނަގާނެ. ކުޅުންތެރިންނަށްވެސް އެނގޭނެ ލީގު ލިބެން އޮތް ހަމައެކަނި ގޮތަކީ ހުރިހާ މެޗަކުން މޮޅުވުންކަން. ޓަފް މެޗުތަކެއް ކުރިއަށް އޮތް ކަންވެސް އެނގޭ. އެހެންވިޔަސް ޖެހޭނީ މޮޅުވާން. އެ ނޫން ގޮތެއް ނެތް. މޮޅު ނުވެވިއްޖެ ނަމަ ލިވަޕޫލަށް މަރުހަބާ ކިޔަންވީ،" ގާޑިއޯލާ ރޭގެ މެޗަށްފަހު ބުންޏެވެ.
ސިޓީއާއި ލިވަޕޫލް އޮތީ ޔޫރަޕްގެ އެންމެ ބޮޑު މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގެވެސް ސެމީ ފައިނަލުގައެވެ. އަންނަ ހަފުތާގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގެ މެޗުތަކަށް ދެޓީމުވެސް ނުކުންނަ އިރު، ލީގު ތަށްޓާއެކު ޔޫރަޕްގެ އެންމެ ޝަރަފުވެރި ތަށި އެއް ސީޒަނެއްގައި އުފުލައިލުމަށް ދެޓީމަށްވެސް ފުރުސަތު އެބައޮތެވެ.
ހާއްސަކޮށް ސީޒަންގެ ހަތަރު ތަށި ހޯދަން ލިވަޕޫލަށް ފުރުސަތު އެބައޮތެވެ. އެއީ އިނގިރޭސި ކްލަބެއްގެ ތާރީހުގައި މިހާތަނަށް ހާސިލުވެފައިވާ ކާމިޔާބީއެއް ނޫނެވެ. ލިވަޕޫލުން މި ސީޒަންގެ ލީގު ކަޕް މިހާރު ކާމިޔާބުކޮށްފައިވާ އިރު، އެފްއޭ ކަޕްގައި އޮތީ ފައިނަލްގައެވެ. އެހެންކަމުން ޑޮމެސްޓިކް ތިން ތަށްޓާއި ޗެމްޕިއަންސް ލީގު ހޯދަންވެސް ލިވަޕޫލަށް އަދި ފުރުސަތު އެބައޮތެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު