ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅު، ހ. ދޫވެއްސާއި ޕީޕީއެމްގެ އޮފީސް ހ. ހުރަފަގޭގެއަށް ފުލުހުން ވަދެ، އެ ދެ އިމާރާތުގެ ބޭރުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާ ނަގައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ ބެނޭތައް ނަގާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ފުލުހުން ރޭ ވަނީ، އިންޑިއާ އައުޓް ޖަހާފައިވާ ބެނާތައް ދަމާފައި ހުރި އިމާރާތްތަކުން، އެ ބެނޭތައް ނަގަން އަންގައިފައެވެ. ފުލުހުން ބުނީ، އިންޑިއާ އައުޓް ޖަހާފައިވާ ބެނާތައް އިމާރާތްތަކުގެ ބޭރުގައި ހަރުކޮށްފައިވާތީ، އެއީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
"އިންޑިއާ އައުޓް" ޖެހި ބެނާތައް ނެގި އިރު، އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ހަރަކާތް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އަންގަވައިފައެވެ. ރައީސް އެގޮތަށް އެންގެވީ އެމަނިކުފާނު މިއަދު ނެރުއްވި ގަރާރަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު