ދުނިޔެ

އަދުގެ ދުނިޔެ: ހުޅަނގުގެ ނަޒަރުގައި ރަޝިޔާގެ ކޮންމެ މަހުޖަނަކީ ވަގެކެވެ.

އިމާދު ލަތީފު

1

ރަޝިޔާ އާއި ޔުކްރޭނުގެ މެދުގައި ހަނގުރާމައެއް ފެށުނުފަހުން ބައިނަލްއަގުވާމީ މީޑިއާގައި ރަޝިޔާގެ މަހުޖަނުންނަށް ނިސްބަތްކޮށްފައި އޮލިގާރކުންނޭ ލިޔުން އަދި ބުނުން ވަނީ އާއްމުކޮށްފައެވެ. މިލިއަނަރެކޭ، ބިލިއަނަރެކޭ ބުނުމުގެ ބަދަލުގައި ރަޝިޔާގެ ވިޔަފާރިވެރިއެއްނަމަ ބޭނުންކުރާތީ ފެންނަނީ އޮލިގާރކް، މިބަހެވެ. ފަރަންސޭސިވިލާތުން ރަޝިޔާގެ އޮލިގާރކެއްގެ އެވެނި ޔޮޓެއް ހިފަހައްޓައިފިޔޭ ނުވަތަ އިޓަލީވިލާތުން ރަޝިޔާގެ އޮލިގާރކެއްގެ މިވެނި މުދަލެއް ހިފަހައްޓައިފިޔޭ ލިޔެފައިވަނިކޮށް ފެންނާނެއެވެ. އެބުނާ އޮލިގާރކުގެ މާނަޔަކީ ކޮބައިބާވައެވެ. އެއީ ހުރިހާ މުއްސަނދި ވިޔަފާރިވެރިންނަށް ކިޔާ ނަމަކީ ބާވައެވެ. ނުވަތަ އެއީ ވިޔަފާރިވެރިންގެ ތެރެއިން ޚާއްސަ ވައްތަރެއްގެ ބަޔަކަށް ކިޔާ ނަމަކީ ހެއްޔެވެ. ޚާއްސަ ބައެއްނަމަ އެ ޚާއްސަކަން އޮތީ ހަމައެކަނި ރަޝިޔާއަށް ބާވައެވެ.

ދުނިޔޭގެ އެހެން އެއްވެސް ތަނެއްގެ ވިޔަފާރިވެރިޔަކަށް ނިސްބަތްކޮށްފައި އޮލިގާރކެކޭ ބުނާތީ ނީވެއެވެ. އޮލިގާރކުންނޭ ކިޔަމުންދަނީ ހަމައެކަނި ރޫސީ މަހުޖަނުންނަށެވެ. ވިޔަފާރިވެރިންނަށެވެ. އެކަމަކު އޮލިގާރކް، މި ލަފްޒަކީ ރޫސީ ލަފްޒެއް ނޫނެވެ. އޭގެ އަސްލަކީ ގްރީކް ބަހެވެ. އޮލިގާރަކީ ގަދީމީ ގްރީކް ބަހުގައި އެކުވި ލަފްޒެކެވެ. އޮލިގޯ އާއި އާރކެވެ. އޮލިގޯގެ މާނަޔަކީ މަދު މީހުންނެވެ. އާރކްގެ މާނަޔަކީ ވެރިމީހާއެވެ. ނުވަތަ ވެރިންނެވެ. ރަސްރަސްކަލުންނަށް މޮނާރކް ކިޔާ ފަދައިންނެވެ. މި ލަފްޒު މީގެ އެތައް ސަތޭކަ އަހަރު ކުރިން ފެށިގެން އިނގިރޭސި ބަހާއި އެނޫންވެސް ބަސްބަހުގެ ތެރެއަށް ވަނީ ވަދެފައެވެ. މޮނާރކީއަކީ ރަސްކަމަށް ކިޔާ ނަންކަމަށްވީފަދައިން އޮލިގާރކީއަކީ މަދުބަޔަކު ގައުމުގެ ވަސީލަތްތައް ކޮންޓްރޯލްކޮށްގެން އުޅުމެވެ.

ރަޝިޔާގެ ވިޔަފާރިވެރިން ނުވަތަ މަހުޖަނުންނަކީ އޮލިގާރކުންނޭ ހުޅުނގުގެ މީޑިއާއިން އެބުނާ ބުނުމުގެ ހަގީގީ މާނަޔަކީ ރަޝިޔާއަކީ އޮލިގާރކީއެކޭ ބުނުމެވެ. ގައުމުގެ އެންމެހައި ވަސީލަތްތަކުގެ މައްޗަށް ނުހައްގުން މަދުބަޔަކު ވެރިވެގެން ގައުމުގެ މުއްސަނދިކަން މަދުބަޔަކު ފޭރެމުންދާ ބޯދާ ނިޒާމެއްގެ ގައުމެކޭ ބުނުމެވެ. ރަޝިޔާގައި މުއްސަންޖަކު ހުރިއްޔާ އެމީހެއްގެ މުދަލާއި ފައިސާޔަކީ ދައުލަތުން ލޫޓުވައިލައިގެން އަމިއްލަކޮށްގެން އުޅޭ ފައިސާއޭ ނުސީދާގޮތުން ބުނުމެކެވެ. އެކަހަލަ ފައިސާއެއްވިއްޔާ ޖެހުނުތާކުން އެވީ ހިފަހައްޓަންތާއެވެ. ރަޝިޔާގެ މަހުޖަނުންގެ ޔޮޓްތަކާއި އެނޫންވެސް ތަކެތި ހުޅަނގުގެ ގައުމުތަކުން ނަގަމުން ފޭރެމުން އެދަނީ މިވިސްނުމުގައެވެ. ރޫސީއެއް ވިއްޔާ ހަލާލު މުދަލެއް ނުހުންނާނޭ ކަމަށް ދައުވާކޮށްފައެވެ. މިހާރު ފެންނަމުންދަނީ މި މަންޒަރެވެ.

ރަޝިޔާވެސް ހިމެނޭގޮތުން އިރުމަތީ ޔޫރަޕުގައި ކޮމިއުނިޒަމްގެ ބާރު ދެރަވެ ކޮމިއުނިސްޓް ކިއްލާތަކުގައި ރެނދުލައި އެންމެފަހުން ކޮމިއުނިޒަމް މުލުން ލުހިގެން ދިޔައިރު ރަޝިޔާގައިވެސް އަދި ކޮމިއުނިސްޓް ވެރިކަން ހިނގި އެހެން ގައުމެއްގައިވެސް މަހުޖަނުންނެއް ނެތެވެ. ކޮމިއުނިޒަމަކީ މަހުޖަނުން އުފައްދާ ނިޒާމެއް ނޫނެވެ. އެންމެންވެސް މަސައްކަތްކުރަނީ ދައުލަތަށްޓަކައެވެ. އޭގެ ބަދަލުގައި އެންމެންނަށް ދިރިއުޅެވޭނޭގޮތް ތަނަވަސްކޮށްދެނީ ދައުލަތުންނެވެ. އެއީ ކޮމިއުނިޒަމްގެ އަސާސެވެ. މައިގަނޑެވެ. ގައުމުގަައި ހަމަކޮންމެ އެއްޗެއްގެ މިލްކުވެރިޔަކީ ދައުލަތެވެ. ކޮންމެ ވިޔަފާރިއަކީވެސް ދައުލަތުގެ ވިޔަފާރިއެކެވެ. ކޮންމެ ވިޔަފާރިއަކުން ލިބޭ ނަފާއަކީ ދައުލަތަށް ވަންނަ އެއްޗެކެވެ. ރައްޔިތުންގެ ޖީބަށް ވަންނާނީ އެމީހަކު ކުރާ މަސައްކަތުގެ އުޖޫރައެވެ.

ކޮމިއުނިޒަމް މުލުން ލުހިގެންގޮސް ރަޝިޔާ އާއި ރުމޭނިޔާ އާއި ހަންގޭރީ ކަހަލަ އިރުމަތީ ޔޫރަޕުގެ ގައުމުތަކުގައި ކެޕިޓަލިޒަމް ތައާރަފުވީ ހަމަ ކުއްލިއަކަށެވެ. ކެޕިޓަލިޒަމަކީ ކޮމިއުނިޒަމްގެ އިދިކޮޅެވެ. އެއީ މަހުޖަނުން އުފައްދާ ނިޒާމެކެވެ. ރަޝިޔާގައި ކެޕިޓަލިޒަމް ތައާރަފުވެ ބޮޑެތި އިންޑަސްޓްރީތައް ރައީސް ޔެލްސިންގެ ޒަމާނުގައި އަމިއްލަ ފަރުދުންނަށް ދޫކޮށްލީ ނިސްބަތުން ވަރަށްވެސް ކުޑަ އަގެއްގައެވެ. އެހެންވީމާ އެމަރުހަލާގައި ކިރިޔާވެސް ބުއްދިޔެއް ހުރެގެން ކަމެއްކުރި މީހަކު ވިއްޔާ މުއްސަނދިވެ ބިލިއަނަރަކަށް ބަދަލުވެގެންދިޔައީ ނުހަނު އަވަހަށެވެ. އެއީ 90ގެ އަހަރުތަކެވެ. ރޯމަން އެބްރަހިމޮވިޗްމެން އެލީޝާ އުސްމަނޯފްމެން ބިލިއަނަރުންނަށްވީ އެދުވަސްވަރުގައެވެ. އެދުވަސްވަރު މަހުޖަނުންނަށްވީ މީހުންނާއި ރަޝިޔާގެ ސަރުކާރާ ގުޅުން އެބައޮތެވެ. އެއީ ސިއްރުކަމެއް ނޫނެވެ.

އެކަމަކު ކެޕިޓަލިސްޓް ނިޒާމުގެ ތެރެއިން އަމިއްލަ ވިސްނުމާއި ބުރަ މަސައްކަތުން ހަލާލުގޮތުގައި މުއްސަނދިވި މަހުޖަނުންވެސް އެބަތިއްބެވެ. އޮލިގާރކުންނޭ ނުކިޔޭނެ މީހުން އެބަތިއްބެވެ. ރައީސް ޕުޓިންއާ އެއްވެސް ގުޅުމެއްނެތް އަދި ރަޝިޔާ ސަރުކާރާ އެއްވެސް ގުޅުމެއްނެތް މަހުޖަނުން އެބަތިއްބެވެ. އެކަމަކު މިހާރު ފެންނަމުންދަނީ ރަޝިޔާއަށް ނިސްބަތްވަންޏާ އޮލިގާރކެއްގެ ނަންދެވޭ މަންޒަރެވެ. ފެންނަމުންދަނީ ރަޝިޔާއަށް ނިސްބަތްވާ މަހުޖަނުންގެ މުދައު ފޭރި ކޮންފިސްކޭޓް ކުރަމުންދާ މަންޒަރެވެ. އޮލިގާރކެކޭ ބުނެފިއްޔާ އެމީހެއްގެ މުދަލާއި ފައިސާ ފޭރެން އެއޮތީ ގާނޫނީ ހުއްޖަތެކެވެ. ހުޅަނގުގެ މީޑިއާގައި އެބޭނުންކުރާ އޮލިގާރކް، މި ލަފްޒަކީ މިދެންނެވި ނިޔަތުގައި ބޭނުންކުރާ ސިޔާސީ ލަފްޒެކެވެ. ނުސީދާކޮށް ވަގެކޭ ބުނުމަށް ބޭނުންކުރާ ލަފްޒެކެވެ.