މަސައްކަތްކުރައްވަނީ ވަކި މީހަކަށް ކަމެއް ކޮށްދިނުމުގެ ބަދަލުގައި އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ގާބިލު ކެންޑިޑޭޓް ހޮވުމަށް ކަމަށާއި އެ ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒްގެ "އެމްޑީޕީ ހިންގާލަން" ކެމްޕޭން ޓީމުގެ ފަރާތުން އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބުކުރެވެން އޮތީ އެމްޑީޕީ ހިންގާލައިގެން ކަމަށެވެ.
"އަޅުގަނޑުމެން މިއުޅެނީ ވަކި މީހަކަށް ކަމެއް ކޮށްދޭކަށް ނޫން. އަޅުގަނޑުމެން މިއުޅެނީ ކަންކަން ހިންގަން ގާބިލު މީހަކު ހޮވަން. އެކަން ކުރެވޭނެ ކެންޑިޑޭޓަކީ މިނިސްޓަރު ފައްޔާޒް ކަމަށް ރާއްޖޭގެ ގިނަ ރައްޔިތުން ހެކިވާނެ. އެކި މީހުން އެކި ކަންކަމަށް މޮޅުވާނީ," މިނިސްޓަރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން 2019 ވަނަ އަހަރު ވަރަށް ބާރަށް, ވަރަށް ގިނަ ކަންތައްތައް ކުރެވުނު ކަމަށާއި ވެރިކަމަށް އައި އިރު, ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ވެސް ނެތް ކަމަށެވެ.
"ރާއްޖޭގެ ގިނަ ރަށްތައް, ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް ގިނަ ކަންތައްތަކެއް ކޮށްދެވުނު. އަޅުގަނޑުމެން ވެރިކަމަށް އައި އިރު, ފެނާއި ނަރުދަމާގެ ނިޒާމު ވެސް ނެތް. ރާއްޖޭގެ ދިގު ތާރީހުގައި އެންމެ 29 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރެވިފައިވަނީ. އަޅުގަނޑުމެން ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު އެއޮތީ އެވޯޑުކޮށްފައި. އިރާދަކުރެއްވިއްޔާ އެ މަސައްކަތްތައް ނިމި, އެ ރަށްރަށުގެ އިގުތިސާދީ ހަރަކާތްތައް ކުރިއަށްދާނެ," މިނިސްޓަރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް ބެލިކަމުގައިވިޔަސް, ކުރީގެ ހުރިހާ ސަރުކާރުތަކަށް ނުކުރެވޭހާ ގިނަ މަސައްކަތްތަކެއް ރައީސް ސޯލިހުގެ ސަރުކާރުން ކޮށްފައިވާ ކަމަށާއި ރައީސްގެ ރިޔާސީ މެނިފެސްޓޯގެ 90 ޕަސަންޓަށް ވުރެ ގިނަ މަސައްކަތް އެވޯޑު ކުރެވި, މިހާރު އޮތީ އެކި މަރުހަލާތަކުގައި ކަމަށެވެ.
"2023 ހޯދަން އަޅުގަނޑުމެން އެބަޖެހޭ އެމްޑީޕީ ހިންގާލަން. ގިނަ ރަށްރަށުގައި އެމްޑީޕީގެ ހަރުގެތަކެއް ނުހިނގާ. ކޮންމެ ކެމްޕޭނެއްގައި ވެސް މެންބަރުން އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަންކަން މިކުރަނީ. މިއީ މިނިސްޓަރު ފައްޔާޒް ބަދަލުގެންނަން ބޭނުންވާ ކަންކަން," ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފައްޔާޒާ ދެކޮޅަށް ނުކުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ކެމްޕޭނުގެ ތެރެއިންނާއި މަޖިލިސް އަދި އެމްޑީޕީގެ ތެރެއިން ވެސް ޗެއާޕާސަން އިންތިހާބުގެ ވާދެވެރިކަން ބޮޑުވެފައިވާ އިރު، ފައްޔާޒު ނިސްބަތްވަނީ ރައީސް ސޯލިހުގެ ފެކްޝަނަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އިންތި ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު