އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީސް ހިންގާ ހ. ހުރަފަ ގޭގެ ބޭރުގައި ދެމި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ފުލުހުން އަންގައިފިއެވެ.
ހ. ހުރަފަ ގޭގެ ވެރި ފަރާތަށް ފުލުހުން މިއަދު އެންގި އެންގުމެއްގައި ބުނެފައިވަނީ އެގޭގެ ބޭރުގައި އާންމުކޮށް ފެންނާނެހެން "އިންޑިއާ އައުޓް" ޖަހާފައި ދަމާފައި ހުރުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމަށެވެ.
އެއީ ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކޮށް އޭގެ ސަބަބުން އެގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހިންގެ މަސްލަހަތަށް ވެސް ގެއްލުން ވެދާނެ ކަމެއް ކަމަށް ވެސް ފުލުހުން ވަނީ އަންގައިފައެވެ. އަދި އެފަދަ އަމަލުތަކަކީ އޭގެ ވަށައިގެން ހިންގޭ ކަންކަމުގެ ސަބަބުން ރާއްޖެއާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށް ސީދާގޮތުންނާއި ނުސީދާގޮތުން ގެއްލުންވާނެ ފިތުނަވެރި އަމަލެއްކަން ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ އެންގުމުގައި ބުނެފައިވަނީ އެކަމަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 615 މާއްދާގައި ބަޔާންކޮށްފައިވާ ޖާއިޒު މަގުސަދެއް ހާސިލުނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު ނުވަތަ މީހުން ބިރުގަންނާނެ ފަދަ ހާލަތެއް އުފެދިދާނެ ފަދަ އަމަލެއް ކަމުގައި ބެލެވޭ ކަމަށެވެ.
އެހެންކަމުން ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން އާއްމު މަސްލަތު ރައްކާތެރިކުރުމާއި އާއްމު މަސްލަހަތު ގާއިމުކުރެވިގެންވާ ރައްކާތެރިކަން ދެމިއޮތް މުޖުތަމައެއްގެ އިހުސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ދާހިލީ ނުރައްކާތަކުން ރައްކާތެރިވެ އޮތް މާހައުލެއް ގާއިމުކޮށް، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަންކަން ދުރާލައި ދެނެގަނެ އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރާއި މަސްއޫލިއްޔަތު ހަވާލުވެގެންވާ މުއައްސަސާގެ ހައިސިއްޔަތުން ހ. ހުރަފަ ގޭގެ ބޭރުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާ ނެގުމަށް އަންގާ ކަމަށް ފުލުހުން ބުންޏެވެ.
ޕީޕީއެމް ހިންގާ ހ. ހުރަފަ ގޭގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެކޮޅު، ހ. ދޫވެހީގައި ވެސް އިއްޔެ ވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާއެއް ދަމައިފައެވެ. އަދި ބައެއް އިތުރު ގޭގޭގައި ވެސް "އިންޑިއާ އައުޓް" ބެނާތައް ދަމަމުންދާކަން ފާހަގަކޮށްލެވެއެވެ.
އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. ނަޝީދު ވިދާޅުވީ، މާލޭގެ ބޮޑެތި އިމާރާތްތަކަށް އަވަށްޓެރި ގައުމުތަކާ ގުޅޭގޮތުން ބަދުބަސްބުނެ ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލްއުގޫބާތާ ހިލާފު ކަމެއްގެ އިތުރުން، އާއްމު މަސްލަހަތާ ވެސް ހިލާފު ކަމެއް ކަމަށާއި އެފަދަ ބެނާތައް ވަގުތުން ވަގުތަށް ފުލުހުން ނަގަންޖެހޭނެ ކަމަށެވެ.
މަޖިލިސް ރައީސް އެ ވާހަކަތައް ދެއްކެވީ، އިންޑިއާގެ މުސްލިމުންނަށް ކުރަމުން އަންނަ އަނިޔާތައް ކުށްވެރިކޮށް އެކަން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންނަން ދިވެހި ސަރުކާރުން އިސްނެގުމަށް ގޮވާލައި، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަން ނިންމެވި ކުއްލި މައްސަލައަކާ ގުޅިގެންނެވެ. އެ ކުއްލި މައްސަލަ މަޖިލިސް ގަވާއިދާ ހިލާފު ކަމަށް ވިދާޅުވެ އެ މައްސަލަ ހުށަހެޅުއްވުމަށް މަޖިލިސް ރައީސް ފުރުސަތެއް ނުދެއްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު