ރާއްޖެއިން އޭއެފްސީ ކަޕްގައި ވާދަކުރާ ހަމައެކަނި ޓީމު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ހިމެނޭ ގްރޫޕް ޑީގެ ފަހު ޖާގަ، އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ހޯދައިފިއެވެ.
އަންނަ މަހުގެ 18 ވަނަ ދުވަހު މާޒިޔާއާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް ވާދަކުރާ މެޗުން އޭއެފްސީ ކަޕް ގްރޫޕް ޑީގެ މެޗުތައް އިންޑިއާގެ ކަލްކަތާގައި ފަށަން ތައްޔާރުވެފައިވާ އިރު، އޭޓީކޭ މޯހަން ބަގާން ގްރޫޕް ސްޓޭޖުން ޖާގަ ޔަގީން ކުރީ ކޮލިފިކޭޝަންގެ ފަހު މެޗުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ މައްޗަށް 3-1 އިން ކުރި ހޯދައިގެންނެވެ.
އިންޑިއާގައި ކުޅުނު މެޗުގައި މޯހަން ބަގާންގެ އޮސްޓްރޭލިއާ ފޯވަޑް ޑޭވިޑް ވިލިއަމްސް ހެޓްރިކް ހަދާފައިވެއެވެ. ޑާކާ އަބަހާނީގެ ހަމައެކަނި ގޯލު މެޗުގައި ޖަހައިދިނީ ކޮސްޓަ ރީކާގެ ފޯވަޑް ޑެނިއަލް ކޮލިންޑްރާސްއެވެ. މެޗުގެ ފުރަތަމަ ހާފުގައި ވިލިއަމްސް ދެ ގޯލު ޖެހި އިރު، އަނެއް ގޯލު ޖެހީ މެޗު ނިމެން ދަނިކޮށެވެ. ޑާކާ އަބަހާނީއާއި މޯހަން ބަގާން ވާދަކުރި މެޗު ބެލުމަށް 32،000 އެއްހާ ސަޕޯޓަރުން ދަނޑަށް ވަދެފައިވެއެވެ.
އޭއެފްސީ ކަޕް ގްރޫޕް ޑީގައި މާޒިޔާއާއި އޭޓީކޭ މޯހަން ބަގާންގެ އިތުރުން ދެން ހިމެނެނީ ބަޝުންދުރާ ކިންގްސްއާއި އިންޑިއާގެ ގޮކުލަމް ކެރެލާއެވެ. މިދިޔަ އަހަރު މި ރީޖަންގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރާއްޖޭގައި ކުޅެފައިވާ އިރު، ޒޯނަލް ބުރުގެ ކޮލިފިކޭޝަން ޔަގީންކުރި ޓީމަކީ މޯހަން ބަގާންއެވެ. އިންޓަ ޒޯނަލް ސެމީ ފައިނަލްގައި މޯހަން ބަގާން 6-0 އިން ބަލިވީ އުޒުބަކިސްތާނުގެ އަލް ނަސާފް އަތުންނެވެ.
އޭއެފްސީ ކަޕް ގްރޫޕް ޑީގެ ޕްލިމިނަރީ ކޮލިފިކޭޝަން ބުރުގައި ރާއްޖޭގެ ކްލަބު ވެލެންސިއާވެސް ވާދަކުރިއެވެ. މާލޭގައި ވެލެންސިއާއިން ކުޅުނު ކޮލިފިކޭޝަން ފުރަތަމަ މެޗުގައި ބޫޓާންގެ ޕަރޯ އެފްސީގެ މައްޗަށް 2-1 އިން ކުރި ހޯދައިގެން ދެވަނަ މެޗަކަށް ފުރުސަތު ހޯދި ނަމަވެސް، ޑާކާ އަބަހާނީއާ ދެކޮޅަށް ބަންގްލަދޭޝްގައި ކުޅެން އޮތް މެޗަށް އެ ކްލަބަށް ނުފުރުނެވެ.
ވެލެންސިއާއަށް ނުފުރުނީ ފައިސާގެ ހާލަތު ގޯސްވެ، ކްލަބު ފުރުމަށް ގިނަ ކަންތައްތަކެއް ހަމަނުޖެއްސިގެންނެވެ. ވެލެންސިއާއިން މުބާރާތުން ވަކިވުމުން ޑާކާ އަބަހާނީއަށް އެ މެޗު ލިބިފައިވާ އިރު، ވެލެންސިއާއަށް އެޅި ވަކި ފިޔަވަޅެއް އަދި އަންގާފައެއް ނުވެއެވެ.
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް