ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުކަމަށްވާ ހ. ދޫވެހީގައި "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާއެއް ދަމައިފިއެވެ.
ޔާމީންގެ ގެކޮޅުގެ ބޭރުގައި ނަގާފައިވާ ބެނާ ވަނީ އެ އިމާރާތުގެ ޓެރަހުން ފެށިގެން ތިރިއަށް އެލުވާލައިފައެވެ.
"އިންޑިއާ އައުޓް" އަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އަދި އިންޑިއާގެ ނުފޫޒާ ދެކޮޅަށް ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ ކެމްޕޭނެކެވެ.
މާލޭގެ އެކި ގެތަކުގައިވެސް މިމަހުން ފެށިގެން އަންނަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތައް ދަމަމުންނެވެ. އެ ހަރަކާތް އަތޮޅުތެރޭގައި ވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. ދިދަ ނެގުމުގެ ހަރަކާތަކީ ޔާމީންގެ އިސްނެންގެވުމެއް ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފައެވެ.
"އިންޑިއާ އައުޓް" ކެމްޕޭނު ފުޅާކުރުމުގެ ގޮތުން ށ. ފުނަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅުކަން ދިވެހި ސަރުކާރަށާއި އިންޑިއާ ސަރުކާރަށް އެންގުމުގެ ގޮތުން ގެތަކުގެ ބޭރުގައި "އިންޑިއާ އައުޓް" ޖެހުމަށް ގޮވާލައްވައިފައެވެ.
ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން އިންޑިއާ އައުޓް ހަރަކާތްތައް އަތޮޅު ތެރެއަށް ފުޅާކުރައްވައި، އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ގެންދަވަނީ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު