ދިވެހިވަންތަ ފަރުމާއަކަށް ހަދަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޒަމާނީ އާ ޓާމިނަލް ނިމުމުން ހުންނާނެ ގޮތުގެ ތުރީޑީ ކުރެހުންތަކެއް ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.
އާ ޓާމިނަލްގެ ކުރިމަތިން ދުރުން ބަލާއިރު ފެންނަނީ ހުދު ކުލައިގެ ވިދިވިދިގެން އަންނަ ރާޅުބާނިތަކެކެވެ. ބޭރުން ފެންނަ ފާރުތައް ހަދާފައި ހުންނަނީ ހުދު ކުލައިން, ހުކުރު މިސްކިތުގައި ފެންނަން ހުންނަ ހިރިގަލުގެ ކުރެހުންތައް އަސްލަކަށް ބަލައިގެންނެވެ. އަދި ޓާމިނަލް ވަށައިގެން ބިއްލޫރި ޖަހާފައި ހުންނަ އިރު, ގުދުރަތީ އަލި އެތެރެއަށް ވަންނާނެއެވެ.
ވީއައިއޭގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުން ދައްކާލި އެ ކުރެހުންތަކާއެކު އިތުރު އެހެން މައުލޫމާތެއް އެމްއޭސީއެލަކުން ހާމައެއް ނުކުރެއެވެ.
އެއާޕޯޓުގެ ހުޅަނގު ދެކުނު ފަރާތުން އަލަށް ހިއްކި 73,000 އަކަ މީޓަރުގެ ބިމުގައި ހަދާ ޒަމާނީ ޓާމިނަލަކީ ސައުދީ އަރަބިއްޔާގެ ބިން ލާދިން ގުރޫޕާ ހަވާލުކޮށްގެން ހަދާ ތަނެކެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ 16 މެއި 2016ގަ އެވެ.
އޭރު ރާވާފައި އޮތީ 2018 ވަނަ އަހަރު ނިންމައި, 2019ގައި ބޭނުންކުރާ ގޮތަށެވެ. ފަހުން އެ ޓާމިނަލް ނިންމަން ކަނޑައެޅީ މިއަހަރުގެ ނިޔަލަށެވެ. ނަމަވެސް މި ސަރުކާރު އައިފަހުން, މަޝްރޫއު ކޮންމެވެސް ވަރަކަށް މަޑުޖެހިފައި އޮތުމަށްފަހު, ޑިޒައިނަށް ބަދަލުގެނެސް މަސައްކަތް އަލުން ފަށައިގަތީ 2019ގައެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު "ވަން" އަށް މިއަދު ވިދާޅުވީ, އާ ޓާމިނަލުން ރާއްޖޭގެ ތާރީހާއި ނަލަ ރީތިކަން ފެނިގެންދާނެ ކަމަށެވެ. އަދި ޓާމިނަލްގެ ކޮންކުރީޓްގެ މަސައްކަތް ނިންމައި, ފްރީފެބްގެ މަސައްކަތާއި ރޫފިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
"މިހާރުގެ އަމާޒަކީ ކޮންސްޓްރަކްޝަންގެ މަސައްކަތް 2023ގެ ނިޔަލަށް ނިންމުން," ހަސަން ވިދާޅުވި އެވެ.
އާ ޓަމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޓާމިނަލެކެވެ. އަދި އާ ޓާމިނަލުން އެއްފަހަރާ 3000 މީހުންނަށް ހިދުމަތް ދެވޭނެއެވެ.
އާ ޓާމިނަލްގެ ހާއްސަ ސިފަތަކުގެ ތެރޭގައި ޒަމާނީ ފެންވަރަށް ހިޔާކޮށްފައިވާ ޖެޓީތަކާއި ފްލައިޓަށް އަރަން އެއިރޯ ބްރިޖުތައް ގާއިމުކުރާނެއެވެ. އޭރުން ބޯޓުން ފައިބައިގެން ބަހަށް އަރައިގެން ޓާމިނަލަށް ދާންޖެހޭ ދިގު ދަތުރު ކުރާކަށް ނުޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު