ޚަބަރު

ހިޔާ އަވަށު މާރުކޭޓު ގޮޅީގެ މީހުންގެ ކަންބޮޑުވުންތަކާއެކު އެޗްޑީސީއަށް

ރިފާ ހަލީލު

ހިޔާ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ މީހުންގެ ސަބަބުން އެ ސަރަހައްދުގައި ހަދާފައި ވަގުތީ މާރުކޭޓަށް އެއްވެސް މީހަކު ވިޔަފާރި ކުރަން ނުދާ ކަމަށް

އެ ތަނުން ގޮޅި ލިބުނު މީހުން ބުނެފިއެވެ.

ހިޔާ ސަރަހައްދުގައި ވަގުތީ މާރުކޭޓު ހަދާފައިވަނީ ނޫކުލައިގެ ޓަވަރުތަކާއި ރަތް ކުލައިގެ ޓަވަރަކާ ދެމެދު ހުރި ހުސްބިމުގަ އެވެ. އެއީ މީހުން ދިރިއުޅޭ ހިސާބާ ތަންކޮޅެއް ދުރެވެ.

މާރުކޭޓުގައި ގޮޅި ހިންގަމުން އަންނަ ޒަމީރާ މުހައްމަދު "ވަން" އަށް މިއަދު ބުނީ ގޮޅިތައް ހިންގަމުން އަންނަތާ މިއަދަށް 17 ދުވަސް ވެއްޖެ ކަމަށެވެ. އަދި ކުލީގެ ގޮތުގައި މިހާތަނަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް 3500 ރުފިޔާ ދީފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިއަދާ ހަމަޔަށް ލިބުނީ އެންމެ 400 ރުފިޔާ ކަމަށް ޒަމީރާ ބުންޏެވެ. އަދި އެވަރަށްވެސް އެހެން ގޮޅިތަކުގެ މީހުންނަށް ލިބިފައި ނުވާ ކަމަށްވެސް ބުންޏެވެ.

"މިތާނުގަ 19 ގޮޅި އެބަހުރި. އެކަމަކު މި ހިންގަނީ 17 ގޮޅި. މިއިން އެއްވެސް ގޮޅިއެއްގަ އެއްޗެއް ނުވިއްކޭ. ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް މިތަން ހުޅުވައިގެން ތިއްބަސް މީހަކު ނާދޭ. އަޅުގަނޑުމެންނަށްވެސް އެވަރު މި ލިބުނީ ކޮފީ އާއި ޕާނީ ޕޫރީފަދަ އެއްޗިހި ވިއްކަން ފެށީމަ. ތަރުކާރީ އާއި މޭވާގެ ބާވަތްތަކެއް ނުވިކޭ." އޭނާ ބުންޏެވެ.

ޒަމީރާ ބުނީ މިގޮތަށް ކަންތައްވަނީ ފުލެޓުތައް ކައިރީގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ފަރާތްތަކުގެ ސަބަބުން ކަމަށެވެ. އަދި އެގޮތަށް ވިޔަފާރިކުރުން އެޗްޑީސީން މަނާކޮށްފައި ވީނަމަވެސް މިހާތަނަށް އެކަން ހުއްޓުވަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ ކަމަށް އޭނާ ބުންޏެވެ.

ފުލެޓުތައް ކައިރީގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ މީހުން އެކަން ހުއްޓާލައި ތަންތަން ސާފުކުރުމަށް އެޗްޑީސީން ވަނީ މުއްދަތެއް ދީފަ އެވެ. ނަމަވެސް މުއްދަތު ފަހަނައަޅައިގެން ދިޔައިރުވެސް އެކަން ހުއްޓިފައެއް ނުވެއެވެ.

"އެޗްޑީސީ އަށް ތަކުރާރުކޮށް އެތައް ދުވަހަކު ޝަކުވާ ހުށަހެޅިން. ފުލެޓުތައް ކައިރިން އެއްޗިހި ލިބެންޏާ އެއްވެސް މީހަކު ބޭނުން ނުވާނެ ދޯ މިހާ ދުރުގަ ހަދާފަ ހުރި މާރުކޭޓަކަށް އަންނަން. ރޭގަ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދަށްވެސް ގުޅިން. އެ ބޭފުޅާ ވިދާޅުވީ ތިކަން ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް. އަދި ގޮޅި ހިންގާ މީހުންނާއި ބައްދަލު ކުރާނެ ކަމަށް. ދެން އަޅުގަނޑުމެން ބުނިން ފައިސާ ލިބޭނެ އެހެން ގޮތަކަށް މިތަން ހިންގާނަމޭ. މި ބުނީ ކެފޭ އުސޫލުން. ބުނީމަ އެ ބޭފުޅާ ވަކި އެއްޗެއް ވިދާޅެއް ނުވޭ." އޭނާ ބުންޏެވެ.

ޒަމީރާ ބުނީ ގޮޅިތަކަށް ގެންނަ ތަރުކާރީ އާއި މޭވާ އަދި ގެންނަ އެހެނިހެން ތަކެތި ގިނަ އަދަދަކަށް ހަލާކުވަމުންދާތީ ބޮޑެތި ގެއްލުންވަމުންދާ ކަމަށެވެ. އަދި އެއްވެސް ވަރަކަށް އާމްދަނީ ނުލިބޭއިރު ގޮޅީގެ ކުލީގެ ގޮތުގައި 2000ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

މިހުރިހާ ކަންބޮޑުވުންތަކާއެކު މިއަދު 12:45 ގައި ގޮޅިތަކުގެ މީހުން އެޗްޑީސީއަށް ދާން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި އެތަނުގެ އިސްވެރިންނާއި ބައްދަލުކޮށް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ މީހުން ހުއްޓުވަން ކުރާ މަސައްކަތާއި ގޮޅިތަކަށް އާމްދަނީއެއް ލިބޭނެ ގޮތްތަކާ ގުޅެ ގޮތުން ވާހަކަ ދައްކަން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެޗްޑީސީގެ މީޑިއާ އޮފިސަރަށް ގުޅާލުމުން ވިދާޅުވީ ޗެކްކޮށްލާފައި ފަހުން ޖަވާބެއް ދޭނެ ކަމަށެވެ.