ސްޕެނިޝް ލަލީގާ

ބާސާއިން އަމިއްލަ ދަނޑުގައި ކާޑިޒް އަތްދަށުވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ކާޑިޒް އަތުން ބަލިވެއްޖެއެވެ.

ބާސާއިން ރޭ ކުޅުނު މެޗުގައި ލީގު ތާވަލުގެ 16 ވަނައިގައި އޮތް ކާޑިޒް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ ސީޒަންގައިވެސް ކާޑިޒްއިން ބާސާ ބަލިކޮށްފައިވާ އިރު، އޭގެ ފަހުން ކުޅުނު ދެމެޗުވެސް އޮތީ އެއްވަރު ވެފައެވެ. މި ސީޒަންގައި ކާޑިޒްއިން ރެއާލް މެޑްރިޑްވެސް ހިފެހެއްޓި އިރު، ރޭގެ ނަތީޖާއަކީ ކްލަބުގެ ތަރީހުގައި ފާހަގަކޮށްލެވޭ ނަތީޖާއަކަށް ވާނެއެވެ.

ރޭގެ މެޗަށް ކާޑިޒްއިން ނުކުތީ ރެލިގޭޝަން ޒޯނުގައި އޮވެގެންނެވެ. ރޭގެ މެޗަށް ނުކުތް އިރު، 31 މެޗުން 28 ޕޮއިންޓާއެކު އެޓީމު ރެލިގޭޝަން ޒޯންގައި އޮތް ނަމަވެސް، މެޗުން މޮޅުވެ ކާޑިޒް ވަނީ 32 މެޗުން 31 ޕޮއިންޓް ހަމަކޮށް، 16 ވަނައަށް ޖެހިލައިފައެވެ. ބާސާ ރޭގެ މެޗުން ބަލިވުމާއެކު ރެއާލްއަށް ވަނީ ލީގު ހޯދަން އިތުރަށް ފަސޭހަ ވެފައެވެ. މިވަގުތު ބާސާ ދެވަނައިގައި އޮތް އިރު، އެޓީމަށް ލިބިފައި ވަނީ 31 މެޗުން 60 ޕޮއިންޓެވެ. ރެއާލް އެއްވަނައިގައި އޮތީ 32 މެޗުން 75 ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ހަމަލާތައް މަދުކޮށް ފެނުނު އިރު، ދެވަނަ ހާފު ފެށިގެން ދެތިން މިނެޓް ތެރޭގައި ލޫކަސް ޕެރޭޒް ޖެހި ގޯލުން ކާޑިޒް ލީޑު ނެގިއެވެ. އެއީ ބާސާގެ ގޯލަށް ކާޑިޒްއިން ނުރައްކާކުރި ފުރަތަމަ ބޯޅަވެސް މެއެވެ.

ބާސާއިން މެޗަށް އަނބުރާ ވަނުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އުސްމާން ޑެމްބޭލޭގެ ބާރު ހަމަލާއެއް ކާޑިޒް ގޯލްކީޕަރު ޖެރެމިއާސް ލެޑެސިމާ ވަނީ މަތަކޮށްފައެވެ. އޭގެ އިތުރުން އެރިކް ގާސިއާ ދުރުން ފޮނުވާލި ހަމަލާއަކާއި ލޫކް ޑިޔޯންގް ބޮލުން ޖެހި ބޯޅައެއްވެސް މަތަކުރީ ހަމަ ގޯލްކީޕަރު ލެޑެސިމާއެވެ.

މިދިޔަ ހަފުތާ ތެރޭގައި ބާސާއިން ޖަރުމަނުގެ ފްރެންކްފާޓް އަތުން ބަލިވެ ޔޫރޮޕާ ލީގުންވެސް ކަޓާފައިވާ އިރު، މިއީ ޓީމުގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވިފަހުން އައި އެންމެ ފޯމު ދަށް ދުވަސް ކޮޅެވެ.