Close
ޚަބަރު

އަންހެން ކައުންސިލަރުންނާއި، ޑަބްލިޔުޑީސީ މެންބަރުންނަށް ދިމާވާ ދަތިތައް ބަލަން އީވާ ހުށަހެޅުއްވި ގަރާރު ކޮމިޓީއަށް

އިބްރާހިމް ޒަކީ

އަންހެން ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކުގެ އިތުރުން މަސައްކަތް ކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން އެސެސްމަންޓެއް ހެދުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އީވާ އަބުދުﷲ މަޖިލީހަށް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ގަރާރު ހުށަހަޅުއްވަމުން އީވާ ވިދާޅުވީ، ރަށްރަށާއި ސިޓީތައް ހިންގާނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އަންހެނުންގެ ބައިވެރިވުމާއެކުގައިކަން ކަށަވަރުކުރުމަށް ކައުންސިލުތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަންވާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށް، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް އިންތިހާބު ކުރެވޭ މެންބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނު އިސްލާހުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ގާނޫނުގެ މަގުސަދާ އެއްގޮތަށް އަންހެން ކައުންސިލަރުން، މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ގާނޫނުން ސިފަކުރިގޮތަށް، ގާނޫނުގެ ރޫހުގައި މަސައްކަތްކުރެވޭތޯ، ކަށަވަރުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށްޓަކައި އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން، މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާއި، އަދި މަސައްކަތް ކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން އެސެސްމަންޓެއް ހެދުމަށް ގޮވާލާ ކަމަށް އީވާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި މި ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އެވަގުތު މަޖިލިސް ޖަލްސާގައި ތިއްބެވި 48 މެންބަރުންގެ ތެރެއިން 47 މެންބަރު ވޯޓު ދެއްވައިގެންނެވެ.