ކުޅިބަލަން ދަނޑުތަކަށް މީހުން ނުދިޔަ ނަމަވެސް، ދަނޑުތައް އެޅުމަށް ސަރުކާރުން އިންތިހާއަށް ހަރަދު ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު، ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
ކުޅިވަރުގެ ހުނަރު އިތުުރުކުރުމަށް މިވަގުތު މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިއަދުގެ ޖަލްސާގައި މިނިސްޓަރު މަހުލޫފު ވިދާޅުވީ، މިއަހަރަށް އަމާޒުކޮށްގެން އެންމެ ބޮޑަށް ކުރިއަށްދާ އެއްކަމަކީ އެކިއެކި ކުޅިވަރުތަކުން ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުން ކަމަށެވެ.
އެގޮތުން އަންނަ މެއި މަހުގެ ނުވަޔަކުން 11 އަށް ސައުތު އޭޝިއަން ކެޑޭޓް އަދި ޖޫނިއާ ޓޭބަލްޓެނިސް ޗެމްޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވާކަން ފާހަގަކުރައްވައި މަހުލޫފު ވަނީ އެ މުބާރާތް ބެއްލެވުމަށް މަޖިލިސް ރައީސްއަށާއި މަޖިލިސް މެންބަރުންނަށް ދައުވަތު އަރުވައިފައެވެ. އަދި ގައުމީ ޓީމަށް ސަޕޯޓުކޮށްދެއްވުމަށް ހުރިހާ މެންބަރުން ވަޑައިގެންދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މިނިސްޓަރުގެ އެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މިނިސްޓަރު ދައުވަތު ދެއްވި، މުބާރާތްތައް ބެއްލެވުމަށް މަޖިލިސް މެންބަރުން ކޮންމެސް މިންވަރެއްގެ ޝައުގުވެރިކަމެއް ބެހެއްޓުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.
"ދަނޑުތައް ހެނދޭ، އަޅުގަނޑު ކުރީ ރެއަކު ޓީވީން ފުޓްބޯޅަ މެޗެއް ބަލަން އިނީމު، ފެންޖަހާ މީހުންނަށްވުރެވެސް ކުޅިބަލަން ތިބި މީހުން މަދު، ކުޅި ބަލާ ހަމަ އެކަކުވެސް އެތާކު ނެތް އެހެން ނަމަވެސް އަޅުގަނޑުމެން މިދަނީ އެކަން ކަމަށް އިންތިހާއަށް ހަރަދު ކުރަމުން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.