ހުޅުމާލޭ ރެސްޓޯރެންޓެއްގެ ތެރޭގައި ވަޅިން ހަމަލާދީ މަރާލި ބަންގްލަދޭޝް މީހާގެ ހަށިގަނޑު އެގައުމަށް ފޮނުވައިދޭން އޭނާގެ އާއިލާއިން އެދިއްޖެއެވެ.

ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގައި މިދިޔަ ހޮނިހިރު ދުވަހު މަރާލާފައިވަނީ އެ ރެސްޓޯރެންޓުގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އެމްޑީ ޝާހިން، 29އ އެވެ. އޭނާ މަރާލި ކަމުގެ ތުހުމަތުވަނީ އެ ރެސްޓޯރެންޓުގައި ކައްކާއަކަށް އުޅުނު ޕާކިސްތާނުގެ މުހައްމަދު އާބިދު، 26އ އެވެ.

ބަންގްލަދޭޝްގެ ޑެއިލީ ސްޓާއަށް ވާހަކަދެއްކި މީހަކު ބުނެފައިވަނީ ޝާހިންގެ ގަޔަށް ވަޅި ހެރީ ރޯދަ ވީއްލަން ކާތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ހިނގި ދެބަސްވުމެއްގެ ތެރޭގައި ކަމަށެވެ.

ނަމަވެސް ޝާހީންއަށް ހަމަލާދިނުމަށްފަހު އާބިދު ވަނީ ފިލައިފައެވެ. އޭނާ ހައްޔަރުކުރީ ހުޅުމާލެ ފޭސް 2ގެ ބީޗު ސަރަހައްދުން އެރޭ މެންދަމުން އަލިވި ފަހުންނެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް އިތުރުކޮށްދީފަ އެވެ.

ޑެއިލީ ސްޓާގައި ބުނެފައިވާ ގޮތުން، ބަންގްލާދޭޝްގެ ބްރަހްމަންބާރިއާ ސިޓީގެ ޗަމްޕޫރް ވިލެޖަށް އުފަން ޝާހީންގެ އާއިލާއިން ބޭނުންވަނީ އިންސާފެވެ. އަދި އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވައިދޭން ކަމާބެހޭ އިދާރާތަކުގައި އިލްތިމާސްކޮށްފައި ކަމަށް ނޫހުގައި ބުނެފައިވެއެވެ.