ސްޕެނިޝް ލަލީގާގައި ވާދަވެރި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި ތިން ގޯލު ޖަހައިގެން މޮޅުވެ، ރެއާލް މެޑްރިޑުން ލީގު ތަށި ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސެވިއްޔާއިން ޖެހި ދެ ގޯލު ރެއާލް އަނބުރާލީ ފަހު ހާފުގައި ތިން ގޯލު ޖަހައިގެންނެވެ. މެޗުން ރެއާލް މޮޅުވި ގޯލު ފަހު މިނެޓުގައި ޖެހީ ޓީމުގެ ތަރި ކަރިމް ބެންޒެމާއެވެ.

ރޭގެ މޮޅާއެކު ރެއާލުން ލީގުގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާ އެކުގައެވެ. އެއީ ދެ ވަނައިގައި އޮތް ބާސެލޯނާއަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ. ސެވިއްޔާ އަތުން ހޯދި ތިން ޕޮއިންޓާ އެކު ރެއާލްއަށް ވަނީ ލީގާ ގާތަށް ޖެހިލައިފައެވެ.

ރެއާލަށް 32 މެޗުން 75 ޕޮއިންޓު ލިބިފައިވާ އިރު، ބާސެލޯނާއަށް ވަނީ 30 މެޗުން 60 ޕޮއިންޓު ލިބިފައެވެ. ތިން ވަނައިގައި އޮތް ސެވިއްޔާއާއި ހަތަރެއްގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑަށް ވަނީ 32 މެޗުން 60 ޕޮއިންޓު ލިބިފައެވެ.

މެޗު ފެށިގެން ފުރަތަމަ 25 ވަނަ މިނެޓުގައި ސެވިއްޔާއިން ދެ ގޯލު ޖަހައި ރެއާލް ސިއްސުވާލިއެވެ. ފުރަތަމަ ގޯލަކީ ކުރިން ބާސާއަށް ކުޅުނު މިޑްފީލްޑަރު އީވާން ރަކެޓިޗް ޖެހި ހިތްގައިމު ހިލޭ ޖެހުމެކެވެ. ރަކެޓިޗްގެ ހިލޭ ޖެހުން އޭނާ ގޯލަށް ވައްދާލީ އޭރިއާ ރޮނގާ ކައިރިން ޖެހި ބޯޅަ، ރެއާލް ކުޅުންތެރިން އެތުރިގެން ތިބި ދިފާއީ ފާރު ތެރެއިން ގޯލަށް ވައްދާލައިގެންނެވެ.

އޭގެ ހަތަރު މިނެޓު ފަހުން މެޗުގެ 25 ވަނަ މިނެޓުގައި ސެވިއްޔާގެ ދެވަނަ ގޯލު ޖެހީ އެރިކް ލަމޭލާއެވެ.

ރެއާލް ފަހަތުގައި އޮވެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފަށް ނުކުތީ ތަފާތު ރޫހެއްގައެވެ. ބަދަލުތަކަކާވެސް އެކުގައި ރެއާލްއިން ނުކުމެ، ހާފުގެ ކުރީކޮޅުގައި ރޮޑްރީގޯ ޖެހި ގޯލުން މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. ރޮޑްރީގޯ މެޗަށް ނުކުތީ ދެވަނަ ހާފަށެވެ. އޭގެ އިތުރުންވެސް ބަދަލަކަށް ނުކުތް ނަޗޯ ފެނާންޑޭޒް މެޗުގެ ނަތީޖާ ހަމަހަމަ ކުރި ގޯލު ޖެހީ 82 ވަނަ މިނެޓުގައެވެ.

ތަފާތު ރޫހެއްގައި ފެނުނު ރެއާލް ހިފަހައްޓަން ސެވިއްޔާ ނުކުޅެދުނީ މެޗުގެ ފަހު މިނެޓުގައި ބެންޒެމާ ޖެހި ގޯލާއެކުގައެވެ. މިއީ މިދިޔަ ހަފުތާގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުގެވެސް ހީރޯ ބެންޒެމާ، ލީގުގައި ޖެހި 25 ވަނަ ގޯލެވެ. މިއީ ބެންޒެމާގެ ކެރިއަރުގައި ލަލީގާގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ފަހަރެވެ.