އިނގިރޭސި އެފްއޭ ކަޕް ފައިނަލަށް ޗެލްސީ ދަތުރު ކޮށްފިއެވެ.

އެފްއޭ ކަޕްގެ ފައިނަލަށް ޗެލްސީ ދަތުރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި 2-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލެސް ބަލިކޮށްގެންނެވެ. ޗެލްސީން މިދިޔަ ދެ އަހަރުވެސް އެފްއޭ ކަޕްގައި ފައިނަލްގައި ކުޅެފައިވާ އިރު، އެ ދެއަހަރުވެސް ފައިނަލްގައި ކުރިމަތިވީ ނާކާމިޔާބީއާއެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ޗެލްސީ ލެސްޓާ ސިޓީ އަތުން ބަލިވެފައިވާ އިރު، އޭގެ ކުރީ އަހަރު ބަލިވީ އާސެނަލްއާ ވާދަކޮށްގެންނެވެ.

އަންނަ މަހުގެ 14 ވާ ހޮނިހިރު ދުވަހު އޮންނަ އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ނުކުންނާނީ ލިވަޕޫލެވެ. ރޭ މެންޗެސްޓާ ސިޓީ ކައިރިން މޮޅުވެ، ލިވަޕޫލުން ފައިނަލް ޔަގީންކޮށްފައިވާ އިރު، މިއަހަރުގެ ލީގު ކަޕް ފައިނަލްގައިވެސް ވާދަކުރީ ލިވަޕޫލާއި ޗެލްސީއެވެ. އެ މެޗު ޕެނަލްޓީގައި ކާމިޔާބުކުރީ ލިވަޕޫލެވެ.

މިރޭގެ މެޗަށް ޕެލެސްއިން ނުކުތީ ޓީމުގެ އެންމެ މުހިއްމު އެއް މިޑްފީލްޑަރު ކޯނޯ ގެލެގާ ނުލައެވެ. މެޗު ގެލެގާއަށް ނުކުޅެވުނީ އޭނާ ޕެލެސްއަށް ކުޅެމުންދަނީ ޗެލްސީގެ ލޯނެއްގައި ކަމަށްވެފައި، ޗެލްސީން އޭނާއަށް މެޗު ކުޅެން ހުއްދަ ނުދިނުމުންނެވެ. އެ މެޗު ކުޅުމަށް ހުއްދަ ހޯދަން ގެލެގާ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ކިބައިން އެދުނު ނަމަވެސް ޓުޗެލް ނިންމީ އެ ހުއްދަ ނުދޭށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ޕާސްތަކެއް ޖަހައިގެން ކުޅުނީ ޕެލެސްއިންނެވެ. ފުރަތަމަ ހާފުގައި ފެނުނު ހަމައެކަނި ނުރައްކާތެރި ހަމަލާވެސް ފެނުނީ ޕެލެސްގެ ޗެކޫ ކަޔޯޓޭގެ ފަރާތުންނެވެ. އޭނާ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ މަތަކުރީ ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީއެވެ.

ދެވަނަ ހާފަށް ނުކުމެ ޗެލްސީން ކުޅުން ރަނގަޅުކޮށް މެދުތެރޭގެ ކޮންޓްރޯލް ހޯދިއެވެ. ޗެލްސީގެ ފުރަތަމަ ގޯލު ރުބެން ލޮފްޓަސްޗީކް ޖަހައިދިން އިރު، މެޗަށް ލޮފްޓަސްޗީކް ނުކުތީ ފުރަތަމަ ހާފުގައި މަޓެއޯ ކޮވަސިޗަށް އަނިޔާވެ، އޭނާގެ ބަދަލުގައެވެ.

މެޗުގެ ފަހު ކޮޅުގައިވެސް ޗެލްސީން ނުރައްކާ ކުރިއިރު، 76 ވަނަ މިނެޓުގައި ޓީމޯ ވާނާ ދިން ހިތްގައިމު ޕާހަކުން މޭސަން މައުންޓް ވަނީ ޗެލްސީގެ ދެވަނަ ގޯލެއްވެސް ޖަހައިފައެވެ. އޭގެ ފަހުން ބަދަލަކަށް ނުކުތް ރޮމެލޫ ލުކާކޫގެ ދެ ހަމަލާއެއް ފެނުނު އިރު، އޭނާ އޭރިއާ ތެރެއިން ހުސްކޮށް އޮވެ ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ.