ކަންނެލި ދޯންޏެއްގައި 2019 ވަނަ އަހަރުގެ ނޮވެމްބަރު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރާ ދެމީހުން ބޭސް ފަރުވާއަށް ކުރިމިނަލް ކޯޓުން ދޫކޮށްލަން ނިންމާފައިވާ އިރު، އެމީހުންނަށް އަވަސް ފަރުވާދޭން ޖެހޭ ސީރިއަސް ބައްޔެއް އެ ދެމީހުންގެ ދިފާއުން ފާހަގަކޮށްފައި ނުވާ ކަމަށް ދައުލަތުން ބުނެފިއެވެ.
130 ކިލޯގެ ޑްރަގު މައްސަލައިގައި، ބަންދުކޮށްފައި ވަނިކޮށް މިމަހުގެ ހަ ވަނަ ދުވަހު ކުރިމިނަލް ކޯޓުން ދޫކޮށްލި ދެ މީހުންނަކީ އެކަމުގެ އިސްމީހާ ކަމަށް ފުލުހުން ތުހުމަތުކުރާ، ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރެއް ކަމަށްވާ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހީމާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ އަހުމަދު މޫސާއެވެ.
ކޯޓަށް އެއްބާރުލުން ދިނުމާއި ހުއްދަ ނެތި މާލޭން ބޭރަށް ނުދިއުމާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމަށް ޝަރުތުކޮށް އެ ދެމީހުން ބަންދުން ދޫކޮށްލީ، ދެ މަސް ދުވަހުގެ މުއްދަތަކަށެވެ.
ކުރިމިނަލް ކޯޓުގައި ވާހަކަދައްކަމުން ޝަހީބް ވިދާޅުވީ، ޖަލުގައި ތިބޭ އެންމެން، ކޮންމެ ދެ ހަފުތާއަކު ޑޮކްޓަރަށް ދައްކާ އުސޫލުން އޭނާވެސް ޑޮކްޓަރަށް ދައްކާ ކަމަށެވެ. ނަމަވެސް އެކިއެކި ސިއްހީ މައްސަލަތައް ދިމާވާތީ ކަމާ ބެހޭ ހާއްސަ ޑޮކްޓަރުންނަށް ދައްކަން ޖަލުގެ ޑޮކްޓަރު ލަފާ ދިނަސް، ކަރެކްޝަނުން އެގޮތަށް އެކަން ނުކުރާ ކަމަށް ވެސް ބުންޏެވެ.
އަހުމަދު މޫސާގެ ވަކީލުން ވިދާޅުވީ، ޖަލުގައި ހުންނަ މީހާ މަރުގެ ތުންފަތް މައްޗަށް ދިއުމުން ނޫނީ ބަންދުން ދޫނުކުރެވޭ ގޮތަށް މަތީ ކޯޓުތަކުން ނިންމާފައިވާ ކަމަށެވެ. އެ ދެމީހުން ދޫކޮށްލީ އެ ސަބަބުތަކުގެ މައްޗަށެވެ.
އެ ދެމީހުން ކުރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ހައިކޯޓުގައި މިއަދު އޮތް އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ބުނީ، ބަންދުން ދޫކޮށްލި ޝަހީބާއި، އަހުމަދުގެ ފަރާތުންވެސް އަވަސް ފަރުވާދޭން ޖެހޭ ސީރިއަސް ބައްޔެއް ހުރިކަން ފާހަގަކޮށްފައި ނުވާ ކަމަށެވެ.
އެ ދެމީހުންގެ ހާލު މިހާރު ރަނގަޅު ކަމަށާއި، އޭގެ ތެރެއިން ޝަހީބުގެ ފަރާތުން ފާހަގަކުރި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން ޖަލުގެ ޑޮކްޓަރުންނަށް ދައްކައި، ބޭސްފަރުވާ ފޯރުކޮށްދީފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ނަފްސާނީ މައްސަލަތަކަށް ކައުންސެލިން ނުދޭ މައްސަލައިގައި ދައުލަތުން ބުނީ، ކޮންމެ ތިން މަހަކުން އޭނާ ރިވިއުއަށް ގެނެސް ބޭސްދެމުންދާ ކަމަށެވެ. ސައިކޯ ތެރަޕީ ކައުންސެލިންއަށް އޭނާ ފަހުން ރިފާކޮށްފައިވާ ކަމަށާއި، އެގޮތުން ރޯދަމަސް ނިމުމާއެކު ކައުންސެލިން ފެށޭނެ ކަމަށް ކަރެކްޝަނާ ހަވާލާދީ ދައުލަތުން ބުންޏެވެ. އަދި ޝަހީބުގެ ކޭސް އާޖެންޓް ކޭސްއެއްގެ ގޮތުގައި ރިފާކޮށްފައި ނުވާ ކަމަށެވެ.
މީގެ އިތުރުން، އެމީހުންގެ މައްސަލައިގައި ހިމެނޭ ހެކިންނަކީ އެމީހުންނާ އެކުގައި އުޅޭ މީހުންކަމަށްވުމާއެކު، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތުވެސް ބޮޑުކަމަށް ދައުލަތުން ފާހަަގަކުރިއެވެ. އަދި އެ ދެމީހުން ބަންދުން ދޫކޮށްލަން ޖެހޭ ފަދަ ހާލަތެއް ވުޖޫދުވެފައި ނުވާކަމަށް ވެސް ދައުލަތުން ހައިކޯޓުގައި ވަނީ ބުނެފައެވެ.
މި މައްސަލައާ ބެހޭގޮތުން އިތުރު ކަމެއް އޮޅުންފިލުވަން ނެތްނަމަ، ދެން އޮންނާނީ މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައެޅުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު