މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށް ވުރެ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އިއްޔެ ރާއްޖެއަށް އައި ފަތުރުވެރިންގެ ނަންބަރުތަކާއެކު، ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށްވުރެ އިތުރުވެފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުން ކަމަށެވެ. އެއީ މިއީ ރާއްޖޭގެ ޓޮޕް މާކެޓު އިނގިރޭސިވިލާތަށް ލިބުނު ފުރަތަމަ ފަހަރުކަމުގައިވެސް ބުންޏެވެ.

މިދިޔަ އަހަރު ރާއްޖޭގެ ޓޮޕް މާކެޓަކީ އިންޑިއާއެވެ. މިއަހަރުގެ ފުރަތަމަ ދެތިން މަހު ރާއްޖޭގެ ޓޮޕް މާކެޓަކީ ރަޝިއާއެވެ. ނަމަވެސް ރަޝިއާ-ޔޫކްރޭނު ހަނގުރާމައިގެ ސަބަބުން އެ ދެގައުމުގެ މާކެޓު ވަނީ ދަށަށް ގޮސް، ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 1.7 މިލިއަން ފަތުރުވެރިންނެވެ. ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރި 2020 ވަނަ އަހަރު އަދަދުތައް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 555،495 ފަތުރުވެރިންނެވެ. އަދި އިއްޔެގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 498،235 ފަތުރުވެރިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 131،764 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހު 149،011 ފަތުރުވެރިން ޒިޔާރަތް ކުރި އިރު، މިދިޔަ މަހު ޒިޔާރަތްކޮށްފައިވަނީ 150،739 ފަތުރުވެރިންނެވެ. އަދި މިމަހުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ 68،000 ވުރެ ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފައިވަނީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ.